ޚަބަރު

ހޯމް މިނިސްޓަރ ފުލުހުންގެ އިސްވެރިންނާއި ބައްދަލުކުރައްވައިފި


މިނިސްޓަރ އޮފް ހޯމް އެފެއާޒް އަޙުމަދު ޡުހޫރު، ފުލުހުންގެ އެގްޒެކްޓިވް ބޯޑުގެ މެމްބަރުންނާއި ބައްދަލުކުރައްވައިފިއެވެ. 

މިއީ މިދިޔަ ބުދަދުވަހު ހޯމް މިނިސްޓަރުކަމުގެ މަޤާމާއި ހަވާލުވެވަޑައިގަތުމަށްފަހު މިނިސްޓަރ ޡުހޫރު ފުލުހުންގެ އެގްޒެކްޓިވް ބޯޑުގެ މެމްބަރުންނާއި ބައްދަލުކުރެއްވި ފުރަތަމަ ފަހަރެވެ. ފުލުހުންގެ މައި އިދާރާ ޝަހީދު ޙުސައިން އާދަމް ބިލްޑިންގުގައި އިއްޔެ އޮތް ބައްދަލުވުމުގައި މިނިސްޓަރ ޘުހޫރު ވަނީ ފުލުހުންގެ އެގްޒެކެޓިވް ބޯޑުގެ މެމްބަރުން މަސައްކަތްކުރައްވާ ދާއިރާތަކާއި މަސައްކަތުގެ މަޢުލޫމާތު އޮޅުން ފިލުއްވާފައެވެ.

މި ބައްދަލުވުމުގައި މިނިސްޓަރ އަޙްމަދު ޘުހޫރު ވިދާޅުވީ އެމަނިކުފާނުގެ މައިގަނޑު މަސައްކަތަކަށް ވާނީ ފުލުހުންގެ ޚިދުމަތް ތަރައްޤީކޮށް ކުރިއަރުވައި، ފުލުހުންގެ ތަޞައްވުރު ރަނގަޅު ކުރުމަށް ކުރައްވަންޖެހޭ މަސައްކަތްތައް ކުރެއްވުން ކަމަށެވެ. އަދި ފުލުހުންގެ މުއައްސަސާއިން ދުވަހުން ދުވަހަށް ކުރަންޖެހޭ މަސައްކަތްތަކާއި އޮޮޕަރޭޝަންތައް ހިންގަމުން ގެންދާނީ އެގްޒެކެޓިވް ބޯޑުގެ ލަފާގެމަތިން ކޮމިޝަނަރ އޮފް ޕޮލިސް ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މި ބައްދަލުވުމުގައި ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު ޢަރީފް ވަނީ ފުލުހުންގެ މަސައްކަތްތައް އިންތިޒާމުކޮށްގެން ކުރިޔަށް ގެންދެވޭ ގޮތާއި މަސައްކަތުގައި ހުރި ދަތިތައް މިނިސްޓަރ އަޙްމަދު ޒުހޫރަށް އޮޅުން ފިލުވައިދެއްވާފައެވެ.