ޚަބަރު

ބްރެންޓްފަޑް ބަލިކޮށް ޗެލްސީން ލިވަޕޫލްއާ ދެމެދުގައިވާ ފަރަގު ކުޑަކޮށްފި


ޕްރިމިއާ ލީގުގައި ރޭ ބްރެންޓްފޯޑް އާއި ދެކޮޅަށް ޗެލްސީ ކުޅުނު މެޗު 2-1 ގެ ނަތީޖާއަކުން ކާމިޔާބުކޮށް އެއްވަނައިގައި އޮތް ލިވަޕޫލް އާޢި ދެމެދުވާ ފަރަގު ދެ ޕޮއިންޓަށް ކުޑަކޮށްފި އެވެ.

ޗެލްސީން ލީގުގައި މިހާތަނަށް ކުޅެފައިވާ 16 މެޗުން އެ ޓީމަށް 34 ޕޮއިންޓް ލިބިފައިވާއިރު އެއްވަނައިގައި އޮތް ލިވަޕޫލް އަށް 15 މެޗުން ލިބިފައިވަނީ 36 ޕޮއިންޓެވެ. ލީގުގައި ލިވަޕޫލް ދެން މެޗެއް ކުޅޭނީ އަންނަ އާދީއްތަ ދުވަހު ޓޮޓްނަމް އާއި ދެކޮޅަށް ރަށުން ބޭރުގަ އެވެ.

ޗެލްސީގެ ސްޓެމްފަޑް ބްރިޖްގައި ކުޅުނު މި މެޗުގައި ޗެލްސީން ޖެހި ފުރަތަމަ ލަނޑު މެޗުގެ 43 ވަނަ މިނިޓުގައި އެ ޓީމަށް ކާމިޔާބު ކޮށްދީފައިވަނީ ޑިފެންޑަރ މާކް ކުކުރެޔާ އެވެ. މިއީ 2022 ވަނަ އަހަރުގެ މެއި މަހަށްފަހު އޭނާ ޖެހި ފުރަތަމަ ލަނޑެވެ. މި ލަނޑަކީ އަރިމަތިން މަޑުއޭކޭ ނަގައިދިން ހުރަހެއް ބޮލުން ޖަހާ ގޯލުގެ ތެރެއަށް ފޮނުވާލައިގެން އޭނާ ކާމިޔާބު ކޮށްފައިވާ ލަނޑެކެވެ.

ނަމަވެސް މެޗުގެ ދެވަނަ ހާފުގައި ކުކުރެއާ އަށް ރީނދޫ ކާޑެއް ދައްކާފައިވަނިކޮށް މެޗުގެ ކުޅުން ނިމުނު ފަހުން ބްރެންޓްފޯޑްގެ ކުޅުންތެރިއަކާއި ދެމެދު ހިނގި ކަންތައްތަކާއި ގުޅިގެން ރެފްރީ ވަނީ އޭނާއަށް ދެވަނަ ރީނދޫ ކާޑަކާއެކު ރަތް ކާޑެއް ދައްކާފަ އެވެ.

ޗެލްސީން މެޗު އެއްކޮށް ޑޮމިނޭޓް ކޮށްގެން ކުޅެފައިވާ މި މެޗުގެ ދެވަނަ ހާފުގައިވެސް އެ ޓީމަށް ވަނީ ލަނޑު ޖަހާނެ ރަގަޅު ފުރުސަތުތަކެއް ލިބިފަ އެވެ. އެގޮތުން ފޯވަޑް ނިކޮލަސް ޖެކްސަން އާއި މަޑުއެކޭ އަށް ލިބުނު ފުރުސަތުތައް ފާހަގަކޮށްލެވެ އެވެ.

މި މެޗުގައި ޗެލްސީން ޖެހި ދެވަނަ ލަނޑު މެޗުގެ 80 ވަނަ މިނިޓުގައި އެންޒޯ ފެނާންޑޭޒް ދިން ޕާހަކުން އެ ޓީމަށް ކާމިޔާބު ކޮށްދީފައިވަނީ ނިކޮލަސް ޖެކްސަން އެވެ.

ބްރެންޓްފޯޑް އިން މި މެޗުގެ ދެވަނަ ހާފުގައި ޗެލްސީގެ ގޯލަށް ނުރައްކާތެރި ހަމަލަތަކެއް ވަނީ ފޮނުވާލާފަ އެވެ. އަދި އެ ޓީމުން ގެނައި ބަދަލުތަކާއިއެކު އެ ޓީމުން ނުރައްކާތެރިކަން ޗެލްސީއަށް ބޮޑުވިއެވެ.

ބްރެންޓްފޯޑް އިން މި މެޗުގައި ޖެހި ހަމައެކަނި ލަނޑު މެޗުގެ 90 ވަނަ މިނިޓުގައި އެ ޓީމަށް ކާމިޔާބު ކޮށްދީފައިވަނީ ބްރަޔަން އެމްބުއޭމޯ އެވެ. މިއީ އޭނާ މި ސީޒަނުގައި ޖެހި 10 ވަނަ ލަނޑެވެ.