ޚަބަރު

މަހުން މަހަށް ބަހާލައިގެން އުޅަނދުތަކުގެ އަހަރީ ފީއާއި ޖޫރިމަނާ ފައިސާ ދެއްކޭނެ އިންތިޒާމް ހަމަޖައްސައިފި


  • ނުދައްކާ ހުރި ފައިސާ 10،000 ރުފިޔާއަށްވުރެ އިތުރުނަމަ އެ ފުރުޞަތު ލިބޭނެ

އެއްގަމާއި ކަނޑު އުޅަނދުތަކުގެ އަހަރީ ފީއާއި ޖޫރިމަނާ ބަހާލައިގެން ދެއްކޭނެ އިންތިޒާމް ސަރުކާރުން ހަމަޖައްސަވައިފިއެވެ.

މި އިންތިޒާމް ސަރުކާރުން ހަމަަޖައްސަވާފައި ވަނީ ދަތުރުފަތުރާއި މަދަނީ އުދުހުންތަކާބެހޭ ވުޒާރާއިން ގެޒެޓްކުރައްވާފައިވާ އެއްގަމު އުޅަނދާއި ކަނޑު އުޅަނދުފަހަރާ ގުޅޭގޮތުން ދައްކަންޖެހޭ އަހަރީފީއާއި ޖޫރިމަނާގެ ފައިސާ ބަހައިލައިގެން ދެއްކުމުގެ ގަވާއިދުގެ ދަށުންނެވެ.

ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވުޒާރާއިން އެކުލަވާލާފައިވާ މި ޤަވާއިދުގެ މަޤްޞަދަކީ އެއްގަމުގައި ދުއްވާ އުޅަނދުތަކުންނާއި ކަނޑު ދަތުރުފަތުރުކުރާ އުޅަނދުފަހަރުން ކޮންމެ އަހަރަކު އެއްފަހަރު ދައްކަންޖެހޭ އަހަރީފީއާއި އަހަރީފީ ނުދެއްކުމުގެ ސަބަބުން އަރައިފައިވާ ޖޫރިމަނާގެ ފައިސާއާއ،ި އަދި އެނޫންވެސް ޖޫރިމަނާގެ ތެރެއިން ދައުލަތަށް ދައްކަން ޖެހި ނުދެއްކި ހުރި ފައިސާ އެކީ އެއްފަހަރާ ދައްކަން ދަތިވާ ފަރާތްތަކަށް ލުއިފަސޭހަ ގޮތެއްގައި ދެއްކޭނެ މަގު ފަހިކޮށްދިނުމެވެ.

އްގަމު އުޅަނދާއި ކަނޑު އުޅަނދުފަހަރާ ގުޅޭގޮތުން ދައްކަންޖެހޭ އަހަރީފީއާއި ޖޫރިމަނާގެ ފައިސާ ބަހައިލައިގެން ދެއްކުމުގެ ޤަވާއިދުގައި ވާގޮތުން ފަސް ޝަރުތެއް ހަމަވާ ފަރާތްތަކަށް އަހަރީ ފީ އާއި ޖޫރިމަނާގެ ފައިސާ ބަހާލައިގެން ދައްކަން ފުރުސަތު ލިބެއެވެ. އެ ޝަރުުތުތަކުގެ ތެރޭގައި،

  • ނުދައްކާ ހުރި ފައިސާގެ އަދަދު 10،000 ރުފިޔާއަށްވުރެ އިތުރުވެފައިވުން
  • ފައިސާ ދެއްކުމުގެ މުއްދަތު ހަމަވެފައިވުން
  • ޤަވާއިދުގެ ދަށުން ފައިސާ ބަހާލައިގެން ދައްކަން އަމިއްލައަށް ހުށަހެޅުން
  • މީގެކުރިން ބަހާލައިގެން ފައިސާ ދެއްކުމުގެ ފުރުސަތު ދީފައިވާ ފަރާތަކަށްނުވުން
  • ބަހާލައިގެން ފައިސާ ދެއްކުމަށް ހުށައަޅާ މީހަކީ އުޅަނދުގެ ވެރިފަރާތަށްވުން

ޤަވާއިދުގައިވާ ގޮތުން ބަހާލައިގެން ޖޫރިމަނާގެ ފައިސާ ދައްކަން ފުރުސަތު ދޭނީ ކޮމިޓްމަންޓް ފީއެއް ދެއްކުމުންނެވެ. ނަމަވެސް 14 ދުވަހުގެ ތެރޭގައި ކޮމިޓްމަންޓް ފީ ނުދައްކައިފިނަމަ، ބަހާލައިގެން ޖޫރިމަނާގެ ފައިސާ ދެއްކުމުގެ ފުރުސަތު ގެއްލޭނެއެވެ. ނަމަވެސް އެ މުއްދަތުގައި ފީ ދައްކައިފިނަމަ ބަހައިލައިގެން ފައިސާ ދެއްކުމަށްޓަކައި އެކަމަށް ހުށައަޅާ ފަރާތާއި ދަތުރުފަތުރާބެހޭ ވުޒާރާއާ ދެމެދު އެއްބަސްވުމެއް އެކުލަވާލާނެއެވެ.

މި އެއްބަސްވުމުގައި އިންސްޓޯލްމަންޓްގެ ގޮތުގައި ކޮންމެ މަހަކު ދައްކަން ޖެހޭ ފައިސާގެ އަދަދު ކަނޑައަޅަނީ ކޮމިޓްމަންޓް ފީގެ ގޮތުގައި ދެއްކި އަދަދުން އެ ބައި އުނި ކުރުމަށް ފަހުއެވެ. މީގެ އިތުރުން އެއްބަސްވުމުގައި ސޮއިކުރާތާ 30 ދުވަސް ތެރޭ ފައިސާ ނުދައްކައިފިނަމަ، އެއްބަސްވުން ބާތިލް ކުރުމުގެ އިހްތިޔާރުވެސް ދަތުރުފަތުރާ މަދަނީ އުދުހުންތަކާ ބެހޭ ވުޒާރާއަށް ލިބެއެވެ.

މި ޤަވާއިދު ގެޒެޓްކުރުމާއި ގުޅިގެން ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވަޒީރު މުހައްމަދު އަމީން ވިދާޅުވީ ރައީސް ޑޮކްޓަރ މުހައްމަދު މުޢިއްޒުގެ ވިސްނުންފުޅަކީ ކޮންމެ ކަމެއްގައިވެސް ރައްޔިތުންނަށް އެންމެ ލުއިފަސޭހަގޮތް ހޯއްދަވައި ދެއްވުން ކަމަށެވެ. އެހެންކަމުން އެމަނިކުފާނަށް ޝުކުރު ދަންނަވާކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.