ޚަބަރު

10 ކުޅުންތެރިންނާއެކު ލިވަޕޫލްއިން ފުލަމް ހިފަހައްޓައިފި


އިނގިރޭސި ޕްރިމިއަރ ލީގުގައި ރޭ 10 ކުޅުންތެރިންނާއެކު ލިވަޕޫލްއިން 2-2 ގެ ނަތީޖާއަކުން ފުލަމް ހިފަހައްޓައިފިއެވެ.

ލިވަޕޫލް އިން މި މެޗު އެއްވަރު ކޮށްފައިވާއިރު ތާވަލުގެ ކުރީގައި ފަސް ޕޮއިންޓުގެ ލީޑަކާއެކު އަދިވެސް އޮތީ އެ ޓީމެވެ. 15 މެޗުން 36 ޕޮއިންޓް ލިވަޕޫލް އަށް ލިބިފައިވާއިރު ދެވަނައިގައި އޮތް ޗެލްސީއަށް ލިބިފައިވަނީ 31 ޕޮއިންޓެވެ. އަދި ފުލަމް އަށް 16 މެޗުން ލިބިފައިވާ 24 ޕޮއިންޓާއެކު އެ ޓީމު އޮތީ ތާވަލުގެ ނުވަވަނައިގަ އެވެ.

ލިވަޕޫލްގެ އެންފީލްޑްގައި ފަސްދޮޅަސް ހާހަށްވުރެ ގިނަ މީހުންގެ ކުރިމަތީގައި ކުޅުނު މި މެޗުގެ 11 ވަނަ މިނިޓުގައި ފުލަމްގެ އެންޑްރިއާސް ޕެރޭރާ ވަނީ ލަނޑެއް ޖަހާ އެ ޓީމަށް ކުރި ހޯދަދީފަ އެވެ.

އަދި އޭގެ ހަ މިނިޓް ފަހުން ފުލަމްގެ ހެރީ ވިލްސަން އަށް ކުރި ފައުލަކާއި ގުޅިގެން ރެފްރީ ވަނީ ލިވަޕޫލްގެ ޑިފެންޑަރ އެންޑީ ރޮބަޓްސަން އަށް ރަތް ކާޑެއް ދައްކާ ދަނޑުން ފޮނުވާލާފަ އެވެ.

އެއް ކުޅުންތެރިއަކު މަދުކޮށް ލިވަޕޫލް އިން ކުޅުނު ނަމަވެސް މި މެޗުގައި އެ ޓީމުން ވަނީ އިދިކޮޅު ޓީމުގެ ގޯލަށް ނުރައްކާތެރި ގިނަ ހަމަލަތަކެއް ފޮނުވާލާފަ އެވެ.

މެޗުގެ ދެވަނަ ހާފުގެ ކުޅުން ފެށުނުތާ ދެވަނަ މިނިޓުގައި ކޯޑީ ގެކްޕޯ ވަނީ ލަނޑެއް ޖަހާ މެޗުގެ ނަތީޖާ އެއްވަރުކޮށްފަ އެވެ. އަދި މި ލަނޑާއެކު އެ ޓީމުގެ ކުޅުން އިތުރަށް ވަރުގަދަވެ ފުލަމްގެ ގޯލަށް ވަނީ ނުރައްކާތެރި ގިނަ ހަމަލަތަކެއް ފޮނުވާލާފަ އެވެ.

މި މެޗުގައި ދެވަނަ ފަހަރަށް ފުލަމް އިން ކުރި ހޯދާފައިވަނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި ރޮޑްރިގޯ މިނީޒް އެވެ. އޭނާ މި ލަނޑު ޖަހާފައިވަނީ މެޗުގެ 76 ވަނަ މިނިޓުގައި ރޮބިންސަން ދިން ޕާހަކުންނެވެ.

ނަމަވެސް އޭގެ ދިހަ މިނިޓް ފަހުން ލިވަޕޫލްގެ ޑިއެގޯ ޖޮޓާ ވަނީ ލަނޑެއް ކާމިޔާބުކޮށް މެޗުގެ ނަތީޖާ ދެވަނަ ފަހަރަށް އެއްވަރުކޮށްފަ އެވެ.