ޚަބަރު

އެވަޓަންއާ އެއްވަރުވެ އާސެނަލްއަށް އިތުރު ހިތްދަތިކަމެއް


އިނގިރޭސި ޕްރިމިއަރ ލީގުގައި ރޭ އެވަޓަންއާ ދެކޮޅަށް ކުޅުނު މެޗު ލަނޑެއް ނުޖެހި އެއްވަރުވެ، ތާވަލުގެ އެއްވަނައިގައި އޮތް ލިވަޕޫލްއާ ދެމެދުވާ ފަރަގު ކުޑަކުރުމަށް ލިބުނު ފުރުސަތު އާސެނަލުން ނަގާލައިފިއެވެ.

މި މެޗު އެއްވަރުވެފައިވާއިރު, ލީގުގައި މިހާތަނަށް ކުޅުނު 16 މެޗުން އާސެނަލް އަށް ލިބިފައިވާ 30 ޕޮއިންޓާއެކު އެ ޓީމު އޮތީ ތާވަލުގެ ތިންވަނައިގަ އެވެ. އެއްވަނައިގައި އޮތް ލިވަޕޫލް އަށް 36 ޕޮއިންޓް ލިބިފައިވާއިރު ދެވަނައިގައި އޮތް ޗެލްސީއަށް ލިބިފައިވަނީ 31 ޕޮއިންޓެވެ.

ލަންޑަނުގެ އެމިރޭޓްސް ސްޓޭޑިއަމްގައި 60 ހާހަށްވުރެ ގިނަ މީހުންގެ ކުރިމަތީގައި ކުޅުނު މި މެޗުގެ ގިނައިރު ބޯޅަ ހިފަހައްޓައިގެން ކުޅެފައިވަނީ އާސެނަލް އެވެ. އަދި އެވަޓަންގެ ގޯލަށް އަމާޒުކޮށް 13 ހަމަލައެއް އެ ޓީމުން ފޮނުވާލާފައިވާއިރު މިއިން ފުރުސަތެއް ގޯލަކަށް ބަދަލު ކުރެވިފައެއް ނުވެއެވެ.

މި މެޗުގައި އާސެނަލްގެ ކެޕްޓަން މާޓިން އޮޑެގާޑް އާއި ބުކަޔޯ ސަކާ ވަނީ އިދިކޮޅު ޓީމުގެ ގޯލަށް ނުރައްކާތެރި ހަމަލަތަކެއް ފޮނުވާލާފަ އެވެ. މި މެޗުގައި އެވަޓަންގެ ގޯލުކީޕަރު ޖޯޑަން ޕިކްފޯޑް ވަނީ މޮޅު ކުޅުމެއް ދައްކާ ގިނަ ހަމަލަތަކެއް ދިފާއުކޮށްފަ އެވެ.

އާސެނަލް އަށް މި މެޗުގައި ލަނޑެއް ކާމިޔާބު ކުރެވިފައިނުވާތީ މެޗުގެ ފަހު 20 މިނިޓަށް ކޯޗު މިކޭލް އާޓޭޓާ ވަނީ ގެބްރިއެލް ޖީސަސް ކުޅެން އަރުވާފަ އެވެ. ނަމަވެސް އޭނާއަށްވެސް ވަނީ ލަނޑެއް ޖެހޭ ގޮތް ނުވެފަ އެވެ. ގެބްރިއަލް ޖީސަސް އެންމެ ފަހުން ކުޅުނު 23 މެޗުގައި އޭނާއަށް ވަނީ ލަނޑެއް ޖެހޭ ގޮތް ނުވެފަ އެވެ.