ޚަބަރު

އަލް އަހްލީ ބަލިކޮށް އިންޓަރކޮންޓިނެންޓަލް ކަޕުގެ ފައިނަލަށް ޕަޗޫކާ


ޕެނަލްޓީ ޖަހައިގެން މިސްރުގެ އަލް އަހްލީ ބަލިކޮށް، އިންޓަރކޮންޓިނެންޓަލް ކަޕުގެ ފައިނަލުގެ ޖާގައެއް މެކްސިކޯގެ ޕަޗޫކާއިން ހޯދައިފިއެވެ.

ގަތަރުގެ ވެރިރަށް ދޯހާގައި ކުޅުނު ފީފާ ޗެލެންޖަރ ކަޕް މެޗުގައި މި ދެ ޓީމު ކުޅުނު މެޗުގެ ފުރިހަމަ ވަގުތާއި އިތުރު ވަގުތުގެ ކުޅުމުގައިވެސް އެއްވެސް ޓީމަކަށް ވަނީ ލަނޑެއް ޖެހޭ ގޮތް ނުވެފަ އެވެ. މި މެޗަ ޕެނަލްޓީ ޖަހައިގެން ޕަޗޫކާ ކާމިޔާބު ކޮށްފައިވަނީ 6-5 ގެ ނަތީޖާއަކުންނެވެ.

ޕެނަލްޓީ ޖަހައިގެން ޕަޗޫކާ މި މެޗުން މޮޅުވިއިރު އެ ޓީމުން ޖެހި ފުރަތަމަ ދެ ޕެނަލްޓީ ވަނީ ނާކާމިޔާބުވެފަ އެވެ.

މި މެޗުގެ 120 މިނިޓުގެ ކުޅުމުގައި މިސްރުގެ އަލް އަހްލީ އިން ވަނީ މެޗު ޑޮމިނޭޓްކޮށްގެން ކުޅެ އިދިކޮޅު ޓީމުގެ ގޯލަށް ނުރައްކާތެރި ގިނަ ހަމަލަތަކެއް ފޮނުވާލާފަ އެވެ. ނަމަވެސް ޕަޗޫކާގެ ގޯލުކީޕަރު ކާލޯސް މޮރޭނޯ ވަނީ މި މެޗުގައި އަލް އަހުލީގެ ގިނަ ހަމަލަތަކެއް ހުއްޓުވާ މެޗުގައި މޮޅު ކުޅުމެއް ދައްކާފަ އެވެ.

މިއީ ފީފާގެ ކްލަބް މުބާރާތެއްގައި ޕަޗޫކާ ވާދަކުރާ ފަސްވަނަ ފަހަރެވެ. އަދި މި މެޗުން މޮޅުވެ އިންޓަރކޮންޓިނެންޓަލް ކަޕްގެ ފައިނަލަށް ޕަޗޫކާ ދަތުރުކޮށްފައިވާއިރު މިއީ އިންޓަރކޮންޓިނެންޓަލް މުބާރާތެއްގެ ފައިނަލަށް ދަތުރުކުރި ދެކުނު އެމެރިކާގެ ދެވަނަ ޓީމެވެ.

މީގެ ކުރިން ޕަޗޫކާ އަށް ފީފާ ކްލަބް ވޯލްޑް ކަޕްގައި އެންމެ ރަގަޅު ނަތީޖާއެއް ހޯދިފައިވަނީ 2017 ވަނަ އަހަރުގެ މުބާރާތުގަ އެވެ. އެ ފަހަރު އެ ޓީމުން ވަނީ މުބާރާތުގެ ތިންވަނަ މަގާމް ހޯދާފަ އެވެ.

ފައިނަލުގައި ޕަޗޫކާ އާއި ދެކޮޅަށް އަންނަ ބުދަ ދުވަހު ދޯހާގެ ލުސެއިލް ސްޓޭޑިއަމްގައި ނިކުންނާނީ ޔޫރަޕްގެ ޗެމްޕިއަން ރެއާލް މެޑްރިޑް އެވެ.

ފީފާގެ އިންޓަރކޮންޓިނެންޓަލް މުބާރާތްތަކުގައި އެންމެ ރަގަޅު ނަތީޖާތަކެއް ހޯދާފައިވާ އެއް ކްލަބް ކަމުގައިވާ ރެއާލް މެޑްރިޑް އިން ވަނީ މި މުބާރާތް ފަސް ފަހަރު މަތިން ކާމިޔާބުކޮށްފަ އެވެ. މިދިޔަ އަހަރުގެ މުބާރާތް ކާމިޔާބު ކޮށްފައިވަނީ އިނގިރޭސިވިލާތުގެ މެންޗެސްޓަރ ސިޓީ އެވެ.