ޚަބަރު

އަދީބާއި ޒިޔަތު 8 އަހަރަށް، ޙާމިދު 2 އަހަރަށް ޖަލަށް !


ޅ. އަތޮޅު މާބިންހުރާ ކުއްޔަށް ދިނުމަށްފަހު އެރަށުން ލިބުނު 5 މިލިޔަން ޑޮލަރަށް ޚިޔާނާތްތެރިވެފައިވާކަމުގެ ކުށް ސާބިތުވެ، ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި އެމްއެމްޕީއާރުސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރ ޢަބްދުﷲ ޒިޔަތު 8 އަހަރަށް އަދި ވިޔަފާރިވެރިޔާ ޙާމިދު އިސްމާޢީލް 2 އަހަރަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ޙުކުމްކުރައްވައިފިއެވެ.

3 މީހުންގެ މައްޗަށް ދަޢުލަތުން އުފުއްލަވާފައިވާ ޚިޔާނާތުގެ ދަޢުވާގެ އަޑުއެހުންތައް ނިންމާލުމަށްފަހު ޙުކުމް އިއްވެވުމަށް ބޭއްވި ޝަރީއަތުގެ މަޖިލިސް ކުރިއަށް ގެންދަވާފައިވަނީ ސިއްރުކޮށްގެނެވެ. 

މި 3 މީހުންގެ މައްޗަށް ކްރިމިނަލް ކޯޓްގައި ދައުލަތުން އުފުއްލެވި ދަޢުވާގައި ވިދާޅުވެފައިވަނީ ޅ. އަތޮޅުން ޓޫރިސްޓް ރިސޯޓް ހެދުމަށް ރަށެއް ކުއްޔަށް ދިނުމަށްފަހު ލިބުނު 5 މިލިއަން ޑޮލަރަށް ޚިޔާނާތްތެރިވެފައިވާ ކަމަށެވެ. މި މައްސަލައިގައި ޙާމިދު އިސްމާޢީލްގެ މައްޗަށް ޚިޔާނާތްތެރިވުމުގެ ކުށުގެ ދަޢުވާ އުފުލާފައިވާއިރު، ކުރީގެ ނާއިބްރައީސް އަދީބާއި، އެމްއެމްޕީއާރުސީގެ އެމްޑީ ޒިޔަތުގެ މައްޗަށް އުފުލާފައިވަނީ ޚިޔާނާތުގައި ބައިވެރިވިކަމުގެ ކުށުގެ ދަޢުވާއެވެ.

މިމައްސަލައިގެ އިތުރުން މާލެއަތޮޅުގެ ފަޅެއް 50 އަހަރަށް ކުއްޔަށް ދީގެން ލިބުނު 1 މިލިޔަން ޑޮލަރަށް ޚިޔާނާތްތެރިވި މައްސަލައެއްގައި ޒިޔަތާ، އަދީބުގެ މައްޗަށް ދައުލަތުން ދަޢުވާ އުފުއްލަވާ މިހާރު ވަނީ ޝަރީޢަތުގެ އަޑުއެހުންތައްވެސް ފަށާފައެވެ.