ޚަބަރު

ފުލުހުން ހޯދަމުންދިޔަ މީހަކު، ވޭމަންޑޫއިން އަތުލައިގެންފި


މާލޭގައި މީހަކަށް ތޫނު އެއްޗަކުން ޙަމަލާދިނުމަށްފަހު ފިލައިގެން އުޅުނު މީހަކު ތ. ވޭމަންޑޫން ހައްޔަރުކޮށްފިއެވެ. 

ފުލުހުން ވިދާޅުވީ ވޭމަންޑޫއިން ހައްޔަރުކުރި 18 އަހަރުގެ ދިވެހި ފިރިހެން މީހާއަކީ މިމަހުގެ 4 ވަނަ ދުވަހު ހަވީރުގެ ވަގުތެއްގައި ރަށްދެބައިމަގު ޗަމްޕާ ސެންޓްރަލް ހޮޓެލް ކައިރީގައި އޮތް ޓެކްސީއެއްގައި އިން މީހަކަށް ތޫނު އެއްޗަކުން ޙަމަލާދިނުމަށްފަހު، ފިލައިގެން ގޮސް އެކި ރަށްރަށުގައި އުޅެމުންދިޔަ މީހެއްކަމަށެވެ. 

ފުލުހުން ވިދާޅުވީ ފުލުހުންގެ އިންޓެލިޖެންސާއި، ސީރިއަސް އެންޑް އޮގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓުން ޙިއްސާކުރި މަޢުލޫމާތާއެކު އެ މީހާ ހައްޔަރުކޮށްފައިވަނީ ތ. އަތޮޅުގައި މަސައްކަތްކުރާ ފުލުހުން ހިންގި ޚާއްޞަ އޮޕަރޭޝަނެއްގައި ކޯޓު އަމުރެއްގެ ދަށުން އިއްޔެގެ ހަވީރުގެ ވަގުތެއްގައިކަމަށެވެ. އަދި އެމީހާގެ ބަންދުގެ މުއްދަތަށް 10 ދުވަހުގެ މުއްދަތެއް ކޯޓުން ދެއްވާފައިވާކަމަށް ފުލުހުން ވިދާޅުވެއެވެ. 

ފުލުހުން ވިދާޅުވީ މާލޭގައި މިފަދަ ކުށްތައް ކުރުމަށްފަހު އެކި ރަށްރަށަށް ގޮސް ފިލައިގެން އުޅޭ މީހުން ހޯދުމަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގައި ރަށްރަށުގެ ރައްޔިތުންގެ ފަރާތުން ލިބެމުންދާ އެހީތެރިކަން ފާހަގަކޮށްލެވޭކަމަށެވެ.