ޚަބަރު

އެލައިޑުން "ފެމިލީ ތަކާފުލް" ތަޢާރަފްކޮށްފި


އާއިލާތަކަށް މާލީގޮތުން ރައްކާތެރިކަން ފޯރުކޮށްދިނުމަށް ޝަރީޢާ ހުއްދަކުރާ ފައިނޭންސް ސްކީމް "ފެމިލީ ތަކާފުލް" އެލައިޑުން ތަޢާރަފްކޮށްފިއެވެ.

އެލައިޑް އިންޝުއަރެންސުގެ އިސްލާމިކް ވިންޑޯ އަޔާދީ ތަކާފުލުން ވަނީ ފެމިލީ ތަކާފުލްގެ 3 ޕްރޮޑަކްޓެއް ތަޢާރަފްކޮށްފައެވެ. އެއީ "ޗައިލް އެޑިއުކޭޝަން ޕްލޭން" އާއި "އަޔާދީ އިންވެސްޓްމަންޓް ޕްލޭން" އަދި "މޯގޭޖް ތަކާފުލް ޕްލޭން" އެވެ. މި ޕްރޮޑަކްޓް ތަކާއި ގުޅޭގޮތުން ނޫސްވެރިންނަށް މަޢުލޫމާތު ދެއްވަމުން ޝަރީޢާ އެޑްވައިޒަރީ ބޯޑުގެ ޗެއަރޕާރސަން ޑރ. އާއިޝަތު މުނީޒާ ވިދާޅުވީ، ރާއްޖޭގައި އިސްލާމިކް ފައިނޭންސިންގ ގެތެރޭގައި ފަހަށް ރައްކާކުރެވޭފަދަ ޕްރޮޑަކްޓެއް މިހާތަނަށް ތަޢާރަފްކުރެވިފައި ނުވާކަމަށެވެ. ނަމަވެސް އަޔާދީ ތަކާފުލްގެ، ފެމިލީ ތަކާފުލްގެ އެހީގައި ފަހަށް ރައްކާކުރުމުގެ ފުރުސަތު ކޮންމެ ފަރާތަކަށްވެސް ފަހިކޮށްދެވިފައި ވާކަމަށް މުނީޒާ ވިދާޅުވިއެވެ.

ފެމިލީ ތަކާފުލްގެ ދަށުން ތަޢާރަފްކުރި 3 ޕްރޮޑަކްޓަކީވެސް ފަހަށް ރައްކާކުރެވޭނެފަދަ ގޮތަކަށް ތައްޔާރުކޮށްފައިވާ 3 ޕްރޮޑަކްޓެވެ. އެގޮތުން ޗައިލްޑް އެޑިއުކޭޝަން ޕްލޭނާއި މޯގޭޖް ތަކާފުލް ޕްލޭންގައިވެސް ޕްލޭން ނަގާމީހާ މަރުވެއްޖެ ނަމަ ފަންޑުން ފައިސާ ދައްކަމުންދާނެއެވެ. އަދި އަޔާދީ އިންވެސްޓްމަންޓް ޕްލޭނުގެ އެހީގައި ރިޓަޔާރ ކުރުމުގެ ކުރިން ޙައްޖަށް ދިއުން ފަދަ ކަންކަމަށް ފައިސާ އެއްކުރެވޭނެއެވެ.