ޚަބަރު

ތ. ގުރައިދޫގައި މަސައްކަތްކުރަމުންދިޔަ އަންހެން ފުލުސް އޮފިސަރަކު ނިޔާވެއްޖެ


ތ. ގުރައިދޫ ޕޮލިސް ސްޓޭޝަންގައި މަސައްކަތްކުރަމުންދިޔަ އަންހެން ފުލުސް އޮފިސަރަކު ނިޔާވެއްޖެއެވެ.

ގުރައިދޫ ޕޮލިސްޓޭޝަންގައި މަސައްކަތްކުރަމުންދަނިކޮށް ނިޔާވެފައިވަނީ ސަރޖަންޓް ފާތިމަތު ރިފާއެވެ. ފާތިމަތު ރިފާ ނިޔާވެފައިވަނީ ރޭގެ ވަގުތެއްގައިކަމަށް ފުލުހުން ވިދާޅުވިއެވެ.

ސަރޖަންޓް ފާތިމަތު ރިފާ ނިޔާވުމާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާގެ ނާއިބު އަލްއުސްތާޛް ޙުސައިން މުޙައްމަދު ލަތީފްވަނީ އާއިލާއަށް ތައުޒިޔާ ވިދާޅުވެފައެވެ.

ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ނައިބު ރައީސް ވިދާޅުވީ އެޚަބަރު އެއްސެވީ ކުއްލި ހައިރާންކަމާއި ފުން ހިތާމައާއިއެކުކަމަށެވެ.އަދި މަރުޙޫމާ ފާތިމަތު ރިފާގެ ލޮބުވެތި ޢާއިލާއަށް ވަނީ ތަޢުޒިޔާ ދަންނަވާފައެވެ.

ސަރޖަންޓް ފާތިމަތު ރިފާ ނިޔާވުމާއި ގުޅިގެން ތައުޒިޔާ ވިދާޅުވެ ކުރެއްވި ޕޯސްޓެއްގައި ފުލުހުން ވިދާޅުވީ ހިތާމައިގެ މިދަނޑިވަޅުގައި
ކޮމިޝަނަރ އޮފް ޕޮލިސްއާއި ފުލުހުންގެ ޚިދުމަތުގެ ހުރިހާ މުވައްޒަފުންގެ ނަމުގައި އިޚުލާސްތެރި ތަޢުޒިޔާ ދަންނަވާފައެވެ.

ސަރޖަންޓް ފާތިމަތު ރިފާގެ މަރާ ގުޅޭ އިތުރު ތަފްޞީލް ފުލުހުން ހިއްސާކޮށްފައިނުވެއެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި އޭނާ ނިޔާވެފައިވަނީ ކުއްލިގޮތަކަށެވެ.