ޚަބަރު

އަލިފާނުގެ ހާދިސާ ހިނގި ސަރަހައްދު ސާފުކުރުމުގެ މަސައްކަތް ފަށައިފި


  • އަމީނީ މަގުގެ ބަންދުކޮށްފައިވާ ސަރަޙައްދު މާދަމާ ހުޅުވާލުމަށް އަންނަނީ މަސައްކަތް ކުރަމުން

ބުރާސްފަތި ދުވަހު ހިނގި އަލިފާނުގެ ޙާދިޘާގައި ގެއްލުންލިބުނު ޢިމާރާތުގައި ހުރި ކުނިތައް ނަގައި އެބިން ސާފުކުރުމުގެ މަސައްކަތް ފަށައިފިއެވެ. އެ މަސައްކަތް ކުރަނީ ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާ ބެހޭ ވުޒާރާއިންނެވެ.

އަލިފާނުގެ ޙާދިޘާގައި ގެއްލުންލިބުނު ޢިމާރާތް ރޫޅައި، ބިން ސާފުކުރުމަށް، ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާ ބެހޭ ވުޒާރާގެ ޕަބްލިކް ވާރކްސްގެ މުވައްޒަފުން ކުރަމުންދާ މަސައްކަތްތައް ވަޒީރު އާދަމް ޝަރީފް އުމަރު ވަނީ ބައްލަވާލައްވާފައެވެ.

ސާފުކުރުމުގެ މަސައްކަތްތައް ކުރިއަށްދާގޮތާ ގުޅޭގޮތުން ސޯޝަލް މީޑިއާގައި ހިއްސާ ކުރެއްވި ޕޯސްޓެއްގައި ވަޒީރު އާދަމް ޝަރީފް ވިދާޅުވީ އަލިފާނުގެ ހާދިސާ ހިނގި ސަރަހައްދުގައި ހުރި ކުނިތައް ނަގައި، ބިން ސާފުކުރުމުގެ މަސައްކަތްފަށާފައިވާކަމަށެވެ. އަދި މިހާރު ބަންދުކުކޮށްފައިވާ އަމީނީ މަގުގައި ބަންދުކޮށްފައިވާ ސަރަޙައްދު މާދަމާ ހުޅުވާލެވޭނެކަމަށް ލަފާކުރެވޭކަމަށް ވަޒީރު ވިދާޅުވިއެވެ.

ގެދޮރުވެރިކަމާއި ބިމާއި އުމްރާނީ ތަރައްގީއާ ބެހޭ ވުޒާރާ ހިންގާ އިމާރާތުގައި ބުރާސްފަތި ދުވަހު ހިނގި އަލިފާނުގެ ހާދިސާގައި އެ ވުޒާރާއާއި އެ އިމާރާތުގައި ހިންގަމުން އަންނަ އިމާރާތްކުރުމާއި ބިނާރާބެހޭ ވުޒާރާ ވަނީ ބޭނުންނުކުރެވޭ ވަރަށް އަނދާފައެވެ. އަދި އެ އިމާރާތާއި އިންވެގެން ހުންނަ ގްރީން ބިލްޑިންގައި ހިންގަމުން އަންނަ މޫސުމީ ބަދަލުތަކާއި ތިމާވެއްޓާއި ހަކަތައާބެހޭ ވުޒާރާއަށްވެސް ވަނީ އަލިފާނުގެ އަސަރުކޮށްފައެވެ.

މި ހާދިސާގެ ސަބަބުން ތިން ވުޒާރާގެ މަސައްކަތްތައްވެސް ވަނީ ހުއްޓިފައެވެ. ނަމަވެސް ވުޒާރާގެ މަސައްކަތްތައް އަލުން ފެށުމަށް ތިން ވުޒާރާގެ މަސައްކަތްވެސް ދަރުބާާރުގެއަށް ވަނީ ބަދަލުކޮށްފައެވެ.