ޚަބަރު

އެމްބާޕޭއަށް އަނިޔާވެ ކުޅުމާ ދުރަށް


ރެއާލް މެޑްރިޑުގެ ފޯވާޑް ކިލިއަން އެމްބާޕޭއަށް އަނިޔާވެ، ހަފުތާއަކަށްވުރެ ގިނަ ދުވަހަށް ކުޅުމާ ދުރަށް ދާން ޖެހިފައިވާ ކަމަށް މީޑިއާ ރިޕޯޓުތައް ބުނެފިއެވެ.

ޔުއެފާ ޗެމްޕިއަންސް ލީގުގައި މި ހަފްތާގައި އެޓްލާންޓާ އާއި ދެކޮޅަށް ކުޅުނު މެޗުގެ 35 ވަނަ މިނިޓުގައި އެމްބާޕޭ ވަނީ ބަދަލުކޮށްފަ އެވެ. މި މެޗު ރެއާލް މެޑްރިޑް 3-2 ގެ ނަތީޖާއަކުން މޮޅުވެފައިވާއިރު އެމްބާޕޭ ވަނީ މި މެޗުގައި ލަނޑެއް ޖަހާފަ އެވެ.

ރެއާލް މެޑްރިޑް އިން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ އެމްބާޕޭގެ ފަލަމަސްގަނޑަށް ލިބިފައިވާ އަނިޔާގެ ސަބަބުން އެކަމަށް އޭނާ ފަރުވާ ކުރަމުންދާ ކަމަށާއި އަދި އަލުން އޭނާ ކުޅުމުގެ ތެރެއަށް އަންނާނީ އެއްކޮށް ރަގަޅު ވުމުން ކަމަށެވެ.

އެހެންކަމުން މާދަމާ ލަލީގާގައި ރަޔޯ ވަލެކާނޯ އާއި ދެކޮޅަށް ކުޅޭ މެޗުގައި އެމްބާޕޭއަށް ނުކުޅެވޭއިރު ފީފާ އިންޓަރކޮންޓީނެންޓަލް ކަޕްގައި ވެސް އެމްބާޕޭ އަށް ނުކުޅެވޭނެއެވެ. ފީފާ ކްލަބް ވޯލްޑް ކަޕް މުޅިން އައު ފޯމެޓަކަށް ބަދަލުކޮށްފައިވާއިރު މި ފަހަރުގެ އިންޓަރކޮނެޓިނެންޓަލް މުބާރާތަކީ އޭގެ ފަހު މުބާރާތެވެ. މި މުބާރާތުގައި ރެއާލް މެޑްރިޑާއި ދެކޮޅަށް ޑިސެމްބަރ މަހުގެ 18 ވަނަ ދުވަހު ނިކުންނާނީ މެކްސިކޯގެ ޕަޗޫކާ ނުވަނަ މިސްރުގެ އަލް އަހުލީ އެވެ. މި މެޗު ކުޅުމަށް ހަމަޖެހިފައިވަނީ ގަތަރުގެ ދޯހާގަ އެވެ.

މި ސީޒަނުގައި އަލަށް ރެއާލް މެޑްރިޑާއި ގުޅުނު އެމްބާޕޭއަށް އޭނާގެ އަސްލު ކުޅުން އެ ކްލަބުގެ ދެއްކޭގޮތް ވަނީ ނުވެފަ އެވެ. ރެއާލް މެޑްރިޑަށް އެމްބާޕޭ މިހާތަނަށް ކުޅުނު 22 މެޗުގައި އޭނާއަށް ޖެހިފައިވަނީ 12 ގޯލެވެ.