ސިޔާސީ

ނަޝީދަށް ސިޔާސީ ޙިމާޔަތް އެރުވިކަން ކަށަވަރުވެއްޖެ - ދުންޔާ


ކުރީގެ ރައީސް މުޙައްމަދު ނަޝީދު، މިދިޔަ ޖެނުއަރީ މަހު، ބޭސްފަރުވާއަށް އިނގިރޭސިވިލާތަށް ވަޑައިގަތީ، ފަރުވާއަށްފަހު އެނބުރި ރާއްޖެ ވަޑައިގެން، ޖަލު ޙުކުމް ތަންފީޒްކުރައްވާނޭ ކަމަށް އިޤުރާރުވެ ވަޑައިގަތުމަށްފަހުގަ އެވެ. އެހެންނަމަވެސް، ބޭސް ފަރުވާ ހޯއްދަވަމުން ގެންދަވަމުން ގެންދަވަނިކޮށް އެމަނިކުފާނު އިނގިރޭސި ސަރުކާރުގެ ޙިމާޔަތް ހޯއްދެވިކަމުގެ ޚަބަރު ބައިނަލްއަޤްވާމީ މީޑިއާތަކާއި ރާއްޖޭގެ މީޑިއާތަކުގައި ފެތުރިގެން ދިޔައެވެ. ދިވެހި ޚާރިޖިއްޔާއިން އޭރު ވިދާޅުވީ، އިނިގރޭސިވިލާތުގެ ސިޔާސީ ޙިމާޔަތް، ރައީސް ނަޝީދަށް އެރުވިކަން ދިވެހި ސަރުކާރަށް ރަސްމީ ސިފައެއްގައި އިނގިރޭސި ސަރުކާރުން އަންގަވާފައި ނުވާކަމަށެވެ. އެހާ ހިސާބުން މިކަން ކަށަވަރުކުރެއްވުމުގެ މަސައްކަތް ދިވެހި ސަރުކާރުން ފެއްޓެވިއެވެ. އެގޮތުން މިދިޔަ މޭއިމަހުގެ 23 ވަނަ ދުވަހު ޚާރިޖީ ވަޒީރު ދުންޔާ މައުމޫން، އިނގިރޭސިވިލާތުގެ މިނިސްޓަރ އޮފް ސްޓޭޓް ފޮރ ދަ ފޮރިން އެންޑް ކޮމަންވެލްތު ހޫގޯ ސްވަޔަރއަށް މިކަމުގެ ތަފްޞީލް ހޯއްދެއްވުމަށް ސިޓީފުޅެއް ފޮނުއްވިއެވެ. މިސިޓީފުޅުގެ ޖަވާބު އިއްޔެ ލިބިވަޑައިގެންފައިވާކަމަށް، މިއަދު ޚާރިޖީ ވަޒީރު ވިދާޅުވިއެވެ.

ރައީސް ނަޝީދަށް އިނގިރޭސި ސަރުކާރުން ޙިމާޔަތް އެރުވުމާ ބެހޭގޮތުން ދެކެވޭ ވާހަކަތަކުގެ ޙަޤީޤަތް ހޯއްދެވުމަށް ދިވެހި ސަރުކާރުން ކުރެއްވި މަސައްކަތުގެ އެންމެފަހުގެ މަޢްލޫމާތު މީޑިއާއާ ޙިއްޞާކުރެއްވުމަށް މިއަދު ދިވެހި ޚާރިޖިއްޔާގައި ބޭއްވެވި ބައްދަލުކުރެއްވުމެއްގައި ޚާރިޖީ ވަޒީރު ދުންޔާ މައުމޫން ވިދާޅުވީ، ދިވެހި ސަރުކާރުން ފޮނުއްވި ސިޓީގެ ޖަވާބު ލިބިވަޑައިގެންފައިވާ ކަމަށާއި، ރައީސް ނަޝީދަށް ޙިމާޔަތް ދެއްވިކަމަށް، ސިޓީގައި ބަޔާންކުރެއްވިނަމަވެސް، އެކަމާބެހޭ އެއްވެސް އިތުރު ތަފްޞީލެއް ޙިއްޞާކުރައްވާފައި ނުވާކަމަށް ވަޒީރު ވިދާޅުވިއެވެ.

"ސިޓީގައި ވިދާޅުވަނީ، ސިޔާސީ ޙިމާޔަތް ލިބިވަޑައިގެންފައިވާ ކަމަށް.. އެއްވެސް ވަރަކަށް ތަފްޞީލް ދެއްވާފައެއްނެތް.. އެސައިލަމް ދެއްވި ތާރީޚެއްވެސް ނެތް.. ޙުކުމެއް ތަންފީޒް ކުރައްވަމުންގެންދަވާ ބޭފުޅަކު، ޞިއްހީ ފަރުވާއަށް ވަޑައިގެން އުޅުއްވާއިރު، އެބޭފުޅާގެ ޢަމަލުތައް ހުންނަގޮތުން އެކަމުގެ "ޖެނުއިންނެސް" އާމެދު އެބަ ސުވާލު އުފެދޭ.. އޭގެ އިތުރުން ސިޔާސީ ޙަރަކާތްތައްވެސް ކުރިޔަށް ގެންދާތަން އެބަފެނޭ.. އެހެންވީމާ މިކަހަލަ އެކްސެޕްޝަނަލް ގޮތަކަށް ޞިއްޙީ ފަރުވާ ހޯއްދަވަމުން ގެންދަވާ ބޭފުޅެއްގެ ޢަމަލު މިހެން ހުރުމުން ކަންބޮޑުވޭ.. އަދި އެހެން ޤައުމުތަކުން ބައެއް ކުށްވެރިންގެ ޢަމަލުތަކަށް ހިތްވަރުދޭގޮތަށް އެބޭފުޅުންގެ ނިންމުން ހުރީތީވެސް ކަންބޮޑުވޭ." ދުންޔާ ވިދާޅުވިއެވެ.

މިއަދުގެ ބައްދަލުވުމުގައި ޚާރިޖީ ވަޒީރު ދުންޔާ މައްމޫން ވިދާޅުވީ، ރައީސް ނަޝީދުގެ މައްސަލައިގައި، ބައިނަލްއަޤްވާމީ ގޮތުން ކުރިއެރުންތަކެއް ހޯދުމުގެ ނިޔަތުގައި ބަޔަކު މީހުން މަސައްކަތް ކުރަމުން އައިނަމަވެސް، އެމީހުންނަށް އެކަމުގައި އެކަށީގެންވާ ކުރިއެރުންތައް ލިބެމުން ނުދާކަމަށެވެ. އެހެންކަމުން މީޑިއާގެ ސަމާލުކަން ހޯދުމުގެ ގޮތުން ރާއްޖޭގެ ނަން ބޭނުންކޮށްގެން ޙަޤީޤަތާ ޚިލާފް ވާހަކަތައް އެމީހުން ފަތުރަމުން އަންނަ ކަމަށެވެ. މީގެތެރޭގައި ރާއްޖެ ބަދުނާމުވާފަދަ އެތަކެއް ވާހަކަ ހިމެނޭ ކަމަށެވެ. ދިގުދެމިގެންދާނޭހެން، ރާއްޖެއަށާއި ދިވެހި ރައްޔިތުންނަށް ނިކަމެތިކަން ލިބޭފަދަ ގޮތަކަށް އެބައިމީހުން ވާހަކަތައް ފަތުރަމުންދާތީ ވަޒީރު މިއަދުގެ ބައްދަލުކުރެއްވުމުގައި ކަންބޮޑުވުން ފަޅުކުރެއްވިއެވެ. އެކަމަނާ ވިދާޅުވީ، ރާއްޖޭގެ ނަން ކިލަނބުކުރުމަށް އިދިކޮޅު ފަރާތްތަކުން ކުރަމުންދާ މަސައްކަތް ކާމިޔާބުވިޔަ ނުދެއްވުމަށް ސާބިތުކަމާއެކު ދެމިހުންނަވާނޭ ކަމަށެވެ.

"ވަރަށް ޒިންމާދާރުކަން ކުޑަ ވާހަކަތައް އެބަދައްކާ.. ދިވެހި ރައްޔިތުންނަށް އަނެއްކާވެސް އިތުރު ނިކަމެތިކަމެއް ލިބިދާނެ އެތަކެއް ވާހަކަތަކެއް އެބަދެކެވޭ.. މީގެތެރޭގައި ޓެރަރިޒަމާ ގުޅުން ހުރި ވާހަކަތައްވެސް އެބަހިމެނޭ.. ރާއްޖޭގައި ޓެރަރިސްޓް ޓްރެއިނިންގް ސެންޓަރުތަކެއް ހިންގާ ވާހަކަ އެބަދައްކާ.. މިއީ ވަރަށް ހިތާމަ ކުރާކަމެއް.. ސަރުކާރުން ވަރަށް ބޮޑަށް ކުށްވެރިކުރާ ކަމެއް.. ދިގު މުއްދަތަކަށް ރާއްޖޭގެ އިމޭޖް އިތުރަށް ގޯސްވުމުގެ އިތުރުން، މިއީ ފަތުރުވެރިކަމަށްވެސް އަސަރުކުރާނެކަމެއް.. އަޅުގަނޑު ދަންނަވާނީ މިއީ ޗެލެންޖެކޭ.. އިރާދަކުރެއްވިއްޔާ ސާބިތުކަންމަތީ ތިބެގެން އަޅުގަނޑުމެން މިކުރާ މަސައްކަތުން، ކަމުގެ ޙަޤީޤަތް ދުނިޔޭގެ ޖަމްޢިއްޔާތަކަށާއި، ޤައުމުތަކަށާއި، މީޑިއާތަކަށް ހާމަކުރަމުންދާނަން" ދުންޔާ ވިދާޅުވިއެވެ.