ޚަބަރު

ފަންނާނުންގެ މިއުޒިކީ އީދު ޕީއެސްއެމްއާ ގުޅިގެން އަލުން ބާއްވަނީ


މިނިވަން ދުވަހާއި ގުޅުވައިގެން މީގެ އަހަރުތަކެއް ކުރިން ބާއްވަމުންދިޔަ "ފަންނާނުންގެ މިއުޒިކީ އީދު" މިއަހަރުގެ މިނިވަން ދުވަހާއި ގުޅުވައިގެން ބޭއްވުމަށް ނިންމަވައިފިއެވެ.

ފަންނާނުންގެ މިއުޒިކީ އީދު ބޭއްވެވުމުގެ ކަންކަން ކުރިއަށްގެންދެވުމަށް ހޯމް މިނިސްޓްރީއާ ޕަބްލިކް ސަރވިސް މީޑިއާއާ ދެމެދު މިއަދުވަނީ އެއްބަސްވުމެއްގައި ސޮއިކުރައްވާފައެވެ. ދިވެހި ފަންނާނުންގެ ހަރަކާތްތައް މީގެ ކުރިން މިނިވަން ދުވަސްތަކާއި ގުޅުވައިގެން ގެންނަ ގޮތަށް މިފަހަރު މިއީދުގެ ހަރަކާތްތައް ކުރިއަށްގެންދަވާނީ ޖުލައި މަހުގެ 29 30 31 މި 3 ދުވަހުގެ ހަވީރާއި ރޭގަނޑުގެ ވަގުތުތަކުގައެވެ.

img:http://s4.psmnews.mv/images/660x400/14666727580866.jpg|ފަންނާނުންގެ މިއުޒިކީ އީދު ޕީއެސްއެމްއާ ގުޅިގެން އަލުން ބޭއްވުމާގުޅޭ އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވެވި ރަސްމިއްޔާތުގެ ތެރެއިން- ފޮޓޯ: ޕީއެސްއެމް

މި ހަރަކާތާއި ގުޅޭ ގޮތުން ވާހަކަފުޅުދައްކަވަމުން ހޯމް މިނިސްޓަރ އަޙްމަދު ޒުހޫރު ވިދާޅުވީ، މިއަދު ޕީ.އެސް.އެމް އާއެކު ސޮއިކުރެވުނު އެއްބަސްވުމުގެ ދަށުން ބޭއްވޭ ފަންނާނުންގެ މިއުޒިކީ އީދުގެ ސަބަބުން ދިވެހި ފަންނާނުން ކުރިން ބާއްވަމުންގެންދިޔަ މުނިފޫހި ފިލުވުމުގެ ހަރަކާތްތައް އަލުން ބޭއްވުމަށް މަގުފަހުވެގެންދާނެ ކަމަށެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޕަބްލިކް ސަރވިސް މީޑިއާގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް ޚަލީލު ވިދާޅުވީ، ހޯމް މިނިސްޓްރީން ބޭނުންވާ ގޮތަށް ފަންނާނުންގެ މިއުޒިކީ އީދުގެ ކަންކަން ޕީ.އެސް.އެމް އިން ކުރިއަށްގެންދަވާނެކަމަށެވެ. އަދި އުންމީދަކީ މިކަމުގެ ސަބަބުން ގިނަ ފަންނާނުންނަށް ފުރުސަތު ލިބި ކުރިއަށްއޮތް ތަނުގައި ފަންނާނުންގެ މިއުޒިކީ އީދު ފުޅާ ވެގެން ދިއުންކަމަށްވެސް ޚަލީލް ވިދާޅުވިއެވެ.

ފަންނާނުންގެ މިއުޒީކީ އީދުގެ އިތުރުން މިއެބްސްވުމުގެ ދަށުން، މިއަހަރުގެ މިނިވަންދުވަހާއި ގުޅިގެން ހޯމް މިނިސްޓްރީން ބާއްވަވާ ހެވިކަމުގެ ކުޅިވަރުތަކާއި، އިތުރު ހަރަކާތްތައްވެސް ވީހާވެސް ރަނގަޅަކަށް އާންމުންނާއި ހަމައަށް ގެނެސްދިނުމަށް ޕީ.އެސް.އެމް އިން އިސްދައުރެއް އަދާކުރުމަށްވަނީ ހަމަޖެހިފައެވެ.