ޚަބަރު

އޭޓީއެފް މޯލްޑިވްސް އޯޕަން: ސިންގަލްސް އާއި ޑަބަލްސްގެ ފައިނަލަށް ނަޔާރާ އާއި އާރާ


ރާއްޖޭގައި ކުރިއަށްދާ ފުރަތަމަ އޭޝިއާ ޓެނިހުގެ ރޭންކިން މުބާރާތް ކަމަށްވާ ދިރާގު އޭޓީއެފް މޯލްޑިވްސް ޖޫނިއާ އޯޕަންގެ ސިންގަލްސް އަދި ޑަބަލްސްގެ ގިނަ އިވެންޓުތަކުގެ ފައިނަލަށް ދިވެހި ކުޅުންތެރިން ދަތުރުކޮށްފިއެވެ.

މުބާރާތުގައި މިއަދު ކުޅުނު ސިންގަލްސް އިވެންޓުތަކުގެ ސެމީ ފައިނަލުގައި ރާއްޖޭގެ ތިން ކުޅުންތެރިން ވަނީ ވާދަކޮށްފައެވެ. އެއީ ފައިނަލަށް ދަތުރުކުރި އާރާ އާސަލް އާޒިމް އާއި ނަޔާރާ އުސާމާ އަދި ލާރާ ޔަޒީލް އެވެ.

ސެމީ ފައިނަލުގެ ފުރަތަމަ މެޗު އާރާ ކާމިޔާބުކޮށްފައިވަނީ ކަޒަކިސްތާންގެ އަރުޒްހާން ބަޔަލީނާ 6-3 އަދި 6-2 އިން ބަލިކޮށްގެންނެވެ. ދެވަނަ މެޗު ނަޔާރާ ކާމިޔާބުކުރީ ލާރާ އަތުން ފަސޭހަކަމާއެކު ސީދާ ސެޓުން މެޗު ކާމިިޔާބުކޮށްގެންނެވެ. އެއީ 6-0 އަދި 6-1 އިންނެވެ.

މީގެ އިތުރުން މުބާރާތުގެ ޑަބަލްސް އިވެންޓުތަކުގެ ތެރެއިން އަންހެން ޑަބަލްސް ފައިނަލަށް ރާއްޖޭގެ އާރާ އާސަލް އާޒިމް އާއި ނަޔާރާ އުސާމާ އަލީގެ ޕެއާ ވަނީ ދަތުރުކޮށްފައެވެ. މި ޕެއާ ފައިނަލުން ޖާގަ ހޯދީ ސެމީ ފައިނަލުގައި ކަޒަކިސްތާނުގެ އަރޫޒާން ބަޔާލިނާ އާއި ރާއްޖޭގެ އައިޝަތު ލިވިއާ ޚަތީރް އާއި ވާދަކޮށް ތިން ސެޓު ކުޅެގެންނެވެ.

ފުރަތަމަ ސެޓު 6-2 އިިން އަރޫޒާން އާއި ލިވިއާގެ ޕެއާ ކާމިޔާބުކުރި ނަމަވެސް ދެވަނަ ސެޓު އާރާ އާއި ނަޔާރާ ވަނީ ފަސޭހަކަމާއެކު 6-0 އިން ކާމިޔާބުކޮށްފައެވެ. ވާދަވެރިކޮށް ފެނުނު ތިންވަނަ ސެޓު އާރާ އާއި ނަޔާރާ ކާމިޔާބުކުރީ 10-07 އިންނެވެ.

ޖުމްލަ 30 އަށްވުރެ ގިނަ ކުޅުންތެރިން ވާދަކުރާ މި މުބާރާތުގައި ރާއްޖޭގެ 15 ކުޅުންތެރިން ހިމެނެއެވެ. މުބާރާތުގައި އޭޝިއާ ބައްރުގެ ކަޒަކިސްތާނާއި ޗައިނާއާއި އިންޑިއާގެ ކުޅުންތެރިން ހިމެނެވެ. މީގެ އިތުރުން އިންގްލަންޑް އާއި ބްރެޒިލްގެ ކުޅުންތެރިންވެސް ވާދަކުރެއެވެ.

މުބާރާތުގެ ފައިނަލް އިވެންޓުތައް ކުރިއަށްދާނީ މާދަމާ އެވެ.