ޚަބަރު

ރަމަޟާންމަހު ހިފްޒުކޮށް، އިމާމުވެ ތަރާވީޙު ނަމާދު ކުރާނެ ދިވެހިން ހޯދަނީ


  • އިމާމުވެ ހިފްޒުކޮށް ތަރާވީހު ނަމާދު ކުރާ ކޮންމެ ރެއަކަށް 500 ރުފިޔާގެ އެލަވެންސެއް ލިބޭނެ

  • ބޭރުން ހާފިޒުން ގެނައުމުގެ ހުއްދައަށް އެދުމުގެ ފުރުޞަތުވެސް ވަނީ ހުޅުވާލާފައި

ކުރިއަށް އޮތް ރަމަޟާންމަހު ރާއްޖޭގެ މިސްކިތްތަކުގައި ހިފްޒުކޮށް، އިމާމުވެ ތަރާވީހު ނަމާދު ކުރާނެ ދިވެހި ހާފިޒުން ހޯދަން އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއިން އިޢުލާންކުރައްވައިފިއެވެ.

އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއިން ވަނީ ހިފްޒުކޮށް، މާލޭގެ މިސްކިތްތަކުގައި އިމާމުވެ ތަރާވީހް ނަމާދު ކުރަން ބޭނުންވާ ދިވެހި ހާފިޒުންގެ ފޯމު ފުރިހަމަކޮށް ލިޔުންތަކާއެކު އަންނަ މަހު 20 ވަނަ ދުވަހުގެ ކުރިން އެ ވުޒާރާއަށް ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލާފައެވެ. އަދި ރަށްރަށުގެ މިސްކިތްތަކުގައި ހިފްޒުކޮށް ތަރާވީހް ނަމާދުކުރަން އެދޭ ދިވެހި ހާފިޒުން އަންނަ ފެބްރުއަރީ މަހުގެ 6 ވަނަ ދުވަހުގެ ކުރިން ފޯމު ހުށައަޅަންވާނެކަމަށް އެވުޒާރާއިން ވިދާޅުވެއެވެ.

އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއިން ވިދާޅުވީ ސިޓީ ކައުންސިލްގެ އިދާރާތައް ހިމެނޭ ރަށްރަށާއި އެ ރަށެއްގެ ރަށު ކައުންސިލްގެ އިދާރާއިން ފޯމާއި އެހެނިހެން ލިޔުންތައް ފެބްރުއަަރީ މަހުގެ 16 ވަނަ ދުވަހާހަމައަށް ބަލައިގަތުމަށް ހަމަޖެހިފައިވާކަމަށެވެ.

ދިވެހި ހާފިޒުންނަށް އެލަވަންސް ދޭނީ އިމާމުވެ ހިފްޒުކޮށް ތަރާވީހް ނަމާދުކުރާ ކޮންމެ ރެއަކަށް 500 ރުފިޔާގެ މަގުންނެވެ. އަދި ފައިސާ ދޫކުރާނީ ގިނަވެގެން މިސްކިތަކަށް ދެ ދިވެހިންނަށް ކަމަށްވެސް އެ ވުޒާރާއިން ވިދާޅުވެއެވެ. މީގެ އިތުރުން އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއިން ވަނީ އިސްލާމީ މަރުކަޒާއި ސަލްމާން މިސްކިތުގައި ވެސް ނަމާދު ކުރާނެ ދިވެހިން ހޯދަން އިއުލާން ކޮށްފައެވެ. އެ ދެ މަރުކަޒުގައި ނަމާދު ކުރުމަށްވެސް ފައިސާ ދޫކުރެވޭނީ ދެ ހާފިޒުންނަށްކަމަށާއި، ނަމަވެސް ނަމާދު ކުރާ ކޮންމެ ރެޔަކަށް 700 ރުފިޔާ ދޭނެކަމަށް އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއިން ވިދާޅުވެއެވެ.

އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ވަނީ ރަމަޟާންމަހު ތަރާވީޙު ނަމާދު ކުރަން ރާއްޖެއިން ބޭރުގެ ޙާފިޡުން ގެނައުމަށް ހުއްދައަށް އެދުމުގެ ފުރުޞަތުވެސް ހުޅުވާލާފައެވެ. އެގޮތުން އެ ފުރުޞަތު ސިޓީ ތަކަށާއި ރަށްރަށަށްވެސް ހުޅުވާލާފައިވެއެވެ. އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ވިދާޅުވީ އެކަމަށް ހުއްދައަށް އެދި ހުށައެޅުމުގެ ފުރުޞަތު ފެބްރުއަރީ މަހުގެ 16 ވަނަ ދުވަހާހަމައަށް ހުޅުވާލާފައިވާކަމަށެވެ.

ރަމަޟާންމަހު ޙިފްޡުކޮށް އިމާމުވެ ތަރާވީޙު ނަމާދު ކުރާ ރާއްޖެއިން ބޭރުގެ ޙާފިޡަކަށް އެލަވަންސް ފައިސާ ދޭންވާނީ އާބާދީގެ ނިސްބަތުންކަމަށާއި މިގޮތުން ރާއްޖެއިން ބޭރުގެ ޙާފިޡުންނަށް އިމާމުވެ ޙިފްޡުކޮށް ތަރާވީޙު ނަމާދު ކުރާ ކޮންމެ ރެޔަކަށް 200 ރުފިޔާގެ އެލަވަންސްއެއް ދޭންޖެހޭނެކަމަށް އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއިން ވިދާޅުވިއެވެ.

މީގެއިތުރުން ރާއްޖޭގައި މަސައްކަތްކުރާ ރާއްޖެއިން ބޭރުގެ ގައުމުތަކުގެ މީހުންނަށް ރާއްޖޭގައި ޙިފްޡުކޮށް އިމާމުވެ ތަރާވީޙު ނަމާދު ކުރުމުގެ ހުއްދަ ދެވޭނީ ރާއްޖޭގައި މަސައްކަތް ކުރުމުގެ ހުއްދަ އޮންނަ، އަދި އެފަދަ ދާއިރާއަކާ ގުޅޭ މަރުކަޒެއް ނުވަތަ ޤުރުއާން ކުލާހެއްގައި މަސައްކަތް ކުރާ ޙާފިޡުކަމުގެ ސެޓްފިކެޓް ލިބިފައިވާ ފަރާތްތަކަށްކަމަށް އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއިން ވިދާޅުވެއެވެ.

ރާއްޖޭގެ މިސްކިތްތަކުގައި ހިފްޒުކޮށް، އިމާމުވެ ތަރާވީހް ނަމާދު ކުރާނެ ދިވެހި ހާފިޒުން ހޯދަން ހޯދުމަށް އެ ވުޒާރާއިން އިޢުލާންކޮށްފައިވާއިރު މިއަހަރުގެ ތެރޭގައި އިމާމުން ތަމްރީންކުރުމުގެ ޕްރޮގްރާމްތަކާއި ޒުވާން ޚަތީބުންވެސް ތަމްރީންކޮށްފައެވެ.