ޚަބަރު

އެމް.ޕީ.އެލްއިން ބޭއްވި ޤުރުއާން މުބާރާތުގެ ނަތީޖާ ފާޅުކޮށްފި


މޯލްޑިވްސް ޕޯޓްސް ލިމިޓެޑުން އިންތިޒާމްކޮށްގެން ބޭއްވި ސަރުކާރުގެ އޮފީސްތަކާއި، ސަރުކާރު ޙިއްޞާވާ ކުންފުނިތަކުގެ ކީރިތި ޤުރުއާން ކިޔެވުމުގެ މުބާރާތުގެ ނަތީޖާ ފާޅުކޮށް، ވަނަ ވަނައަށް އައި ފަރާތްތަކަށް އިނާމު ޙަވާލުކޮށްފިއެވެ.

ސަރުކާރުގެ އޮފީސްތަކާއި، ކުންފުނިތަކުގެ މަސައްކަތްކުރާ މުވައްޒަފުންގެ މެދުގައި ކީރިތި ޤުރްއާނަށް ލޯބި އަށަގެންނެވުމާއެކު، އެކުވެރިކަން ބަދަހި ކުރުމުގެ މަޤްޞަދުގައި ބޭއްވި މިމުބާރާތުގައި 38 މުވައްޒަފަކު ބައިވެރިވެފައިވެއެވެ.

މިމަހުގެ ސާދައިން ފަނަރައަށް ބޭއްވި މިމުބާރާތުގައި، މޯލްޑިވްސް ޕޯޓްސް ލިމިޓެޑްގެ އިތުރުން، މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީއާއި، އައިލެންޑް އޭވިއޭޝަނާއި، ސްޓޭޓް ޓްރޭޑިންގް އޮގަނައިޒޭޝަނާއި، ޕަބްލިކް ސަރވިސް މީޑިއާ، އަދި މޯލްޑިވްސް މީޑިއާ ކައުންސިލްގެ މުވައްޒަފުން ބައިވެރިވެފައިވެއެވެ.

މުބާރާތުގެ ނަތީޖާ ފާޅުކޮށް ވަނަ ވަނައަށް އައި ފަރާތްތަކަށް އިނާމް ޙަވާލުކުރުމަށް ރޭ މޯލްޑިވްސް ކަސްޓަމްސް ސަރވިސްގެ ޖަލްސާ ކުރާ މާލަމުގައި ބޭއްވި ރަސްމިއްޔާތުގައި، ތަށްޓާއި އިނާމް ޙަވާލުކޮށްދެއްވީ ރަސްމިއްޔާތުގެ ޝަރަފްވެރި މެހެމާނު މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގެ ސީނިއަރ ޕޮލިސީ އެގްޒެކެޓިވް އަލް-އުސްތާޛް އަސަދުﷲ ޝާފިޢީއެވެ.

މުޅި މުބާރާތުން އެއްވަނަ ޙާޞިލް ކުރީ އެމް.ޕީ.އެލްގެ ޙާމިދު އަޙްމަދެވެ. އޭނާއަށްވަނީ ރޭގެ ރަސްމިއްޔާތުގައި، އިނާމެއްގެ ގޮތުގައި 25،000 ރުފިޔާ ހަދިޔާކޮށްފައިވެއެވެ. މުޅި މުބާރާތުން ދެވަނަ ޙާޞިލް ކުރީ އައިލެންޑް އޭވިއޭޝަންގެ ޝަމީމް ފައިސަލް އަޙްމަދެވެ. އަދި ތިންވަނަ މަޤާމު ހާޞިލްކުރީ މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީގެ އައިމިނަތު ނަހުދާއެވެ.

ކުންފުނިތަކުގެ ތެރެއިން އެންމެ ގިނަ މާކްސް ހޯދައިގެން އެއްވަނައަށް ދިޔައީ އެމް.އޭ.ސީ.އެލްއެވެ. އެ ކުންފުންޏަށް ލިބިފައިވަނީ 512 ޕޮއިންޓެވެ. 420 މާކްސް ހޯދައިގެން ސްޓެލްކޯ ދެވަނަ ހޯދިއިރު، 270 މާކްސްއާއިއެކު އެމް.ޕީ.އެލްއަށް ލިބިފައިވަނީ މުބާރާތުން ތިން ވަނައެވެ.

މިއީ އެމް.ޕީ.އެލްއިން މި މުބާރާތް ބާއްވާ ދެވަނަ އަހަރެވެ. އެހެންނަމަވެސް މިއީ މިމުބާރާތް ޢާއްމުކޮށް ސަރުކާރުގެ އޮފީސްތަކާއި ކުންފުނިތަކައް ހުޅުވާލައިގެން ބޭއްވި ފުރަތަމަ ފަހަރެވެ. އަދި، މިއީ ސަރުކާރު ހިއްޞާވާ ކުންފުންޏަކުން އެހެން ކުންފުނިތަކާއި ސަރުކާރު އޮފީސްތަކަށް އަމާޒުކޮށްގެން މިފަދަ މުބާރާތެއް ބޭއްވި ފުރަތަމަ ފަހަރެވެ. ކީރިތި ޤުރުއާން ކިޔެވުމާއި، ދީނީ ކަންތައްތަކަށް އަޙައްމިއްޔަތުކަން ދިނުން އިތުރުކުރުމަކީ އެމް.ޕީ.އެލްގެ ޢަމާޒެއް ކަމަށާއި، މުސްތަޤްބަލުގައި ދީނީ ތަފާތު އެކި މުބާރާތްތައް އެކުންފުނިން ބާއްވާނޭކަމަށް އެ ކުންފުނިން ބުނެއެވެ.