ތަޢުލީމު

އެފް.އައި.އެސްގެ ދީނީ، އިޖްތިމާޢީ ޕްރޮގްރާމް އިފްތިތާޙް ކޮށްފި

ޤައުމީޔުނިވަރސިޓީގެ ފެކަލްޓީ އޮފް އިސްލާމިކް ސްޓަޑީޒްގެ ދީނީ، އިޖްތިމާޢީ ޕްރޮގްރާމް އިފްތިތާޙް ކޮށްފިއެވެ.

އިސްލާމިކްސްޓަޑީޒްގެ މި ޕްރޮގްރާމްގެ ދަށުން ދީނީ އިރުޝާދު ދިނުމާއި، ކައުންސެލިންދިނުމާއި، ރިސާލާ ޕްރޮގްރާމް ހިންގުން ހިމެނެއެވެ. ޤައުމީ ޔުނިވަރސިޓީގެ ފެކަލްޓީއޮފް އިސްލާމިކް ސްޓަޑީޒްގެ ދީނީ އިޖްތިމާއީ ޕްރޮގްރާމްގައި ހިމެނޭ ކަންކަމަކީ މުޖްތައުމުގެ އިޖްތިމާއި ފޭރާން ރަގަޅުކުރުމަށް މުހިންމު ރޯލެއް އަދާކުރާނެ ކަންތައްތަކެއް ކަމަށް އެފެކަލްޓީން ދެކެއެވެ. އަދި މި ޕްރޮގްރާމްގައި ހިމެނޭ ކަންކަމަކީ މިހާރުވެސް އެފެކަލްޓީގައި ކިޔަވައިދެއްވާ ލެކްޗަރަރއިން ނުރަސްމީ ގޮތެއްގައި ހިންގަވަމުން ގެންދަވާ ކަންތައްތައް ކަމަށް އެފަކަލްޓީން މަޢުލޫމާތުދެއެވެ.

ދީނީ އިޖްތިމާއީ ޕްރޮގްރާމްގައި ހިމެނޭ ދީނީ ކައުންސިލިންގ ޚިދުމަތް ދޭނީ ކޮންމެ ބުދަ ދުވަހަކު މެންދުރު ފަހު 2:00 އިން ފެށިގެން އެއްގަޑި އިރަށެވެ. ރޯދަ މަހުނަމަ ކޮންމެ ދުވަހަކު މެންދުރު 1:00 އިން ފެށިގެން އެއް ގަޑިއިރަށެވެ. މިޕްރޮގްރާމްގައި ހިމެނޭ ދީނީ އިރުޝާދު ދިނުމުގެ ޕްރޮގްރާމަކީ މާލޭގެ އޮފީސްތަކާއި ކްލަބް ޖަމްޢިއްޔާ ޖަމާޢާތް ފަދަ ފަރާތްތަކުގެ ހަރަކާތްތަކުގައި ދީނީ ނަޞޭހަތްދިނުން ހިމެނުމަށް ބޭނުންވާ ފަރާތްތަކަށް ހިންގާ ޕްރޮގްރާމެކެވެ.

މި ޕްރޮގްރާމް މަހަކު ދެފަހަރު ހިންގެވުމަށް އެފެކަލްޓީން ރާވާފައިވެއެވެ. ދެން މިޕްރޮގްރާމްގައި ހިމެނެނީ ދީނީ ރިސާލާ ޕްރޮގްރާމެވެ. އަނެއް ދެ ޕްރޮގްރާމާއި ޚިލާފަށް މި ޕްރޮގްރާމަކީ އަތޮޅުތަކަށް ޚާއްޞަކޮށްގެން ހިންގޭ ޕްރޮގްރާމެކެވެ. މިޕްރޮގްރާމްގެ ދަށުން އަތޮޅުތަކުގައި އިމާމުވެ ހުކުރު ނަމާދުކުރުމާއި، މިސްކިތްތަކުގައި ދީނީ ނަޞޭޙަތްދިނުމާއި، ޚާއްޞަ ވޯކްޝޮޕް އަދި ސެޝަން ބާއްވައިދިނުން  ހިމެނެއެވެ. މިޕްރޮގްރާމްތަކުގައި ދީނީ އިރުޝާދު ދެއްވާނީ އެފެކަލްޓީގައި ކިޔަވައިދެއްވާ ދީނީއިލްމުވެރިން ކަމަށް ފެކަލްޓީ އޮފް އިސްލާމިކް ސްޓްޑީޒްއިން މަޢުލޫމާތުދެއެވެ.

ފެކަލްޓީ އޮފްއިސްލާމިކް ސްޓަޑީޒްގެ ދީނީ އިޖްތިމާއީ ޕްރޮގްރާމް އިފްޠިތާހްކުރުމަށް ރޭ ބޭއްވި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވާ ވާހަކަދައްކަވަމުން އެޑިކޭޝަން މިނިސްޓްރީގެ ސްޓޭޓްމިނިސްޓަރ އަޒްލީން އަޙުމަދު ވަނީ މިފަދަ ޕްރޮގްރާމެއްގެ މުހިންމު ކަމުގެ މައްޗަށް އަލިއަޅުއްވާލައްވާ ވާހަކަދައްކަވާފައެވެ. އަދި މިއީ ޢާއިލާތަކަށް އިސްލާމީ ނަޒަރަކުން އެންމެ ޞައްޙަ މަޢުލޫމާތު ލިބިގެންދާނެ މުހިންމު ޕްރޮގްރާމެއްކަން އަޒްލީން ފާހަގަކުރެއްވިއެވެ.

ޤައުމީޔުނިވަރސިޓީގެ މި ޕްރޮގްރާމްތަކަށް އެދި ރިއުކުއެސްޓް ކުރަން ބޭނުންވާފަރާތްތަކަށް ފެކަލްޓީ އޮފް އިސްލާމިކް ސްޓަޑީޒްގެ ވެބްސައިޓް މެދުވެރިކޮށް އޮންލައިންކޮށް ފޯމުފުރައިގެން އަދި ފެކަލްޓީގެ ވެބްސައިޓް މެދުވެރިކޮށް ރިކުއެސްޓް ކުރެވޭނެކަމަށް އެފެކަލްޓީން މަޢުލޫމާތުދެއެވެ.

ރޭގެ މިރަސްމިއްޔާތުގައި، ރަމަޟާން މަހުގެ ފަހުދިހައިގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުވާލައްވާ ޝައިޚް ޝަމީމު ދަރުސެއްވެސް ދެއްވާފައިވެއެވެ.