ޚަބަރު

ރާއްޖޭގައި އިންވެސްޓްކުރެވެން ހުރި ދާއިރާތަކާ ގުޅޭގޮތުން އޮމާންއާއެކު މަޝްވަރާކޮށްފި


  • ޚާރިޖީ ވަޒީރު ޑރ. ޚަލީލް ވަނީ އޮމާންގެ މާލީ ވަޒީރާ ބައްދަލުކުރައްވާފައި

  • ޚާރިޖީ ވަޒީރުވަނީ ސަރުކާރުގެ ތަރައްޤީގެ ސިޔާސަތުތައް އޮމާންގެ މާލީ ވަޒީރާ ޙިއްސާކުރައްވާފައި

ރާއްޖޭގައި އިންވެސްޓްކުރެވެން ހުރި ދާއިރާތަކާ ބެހޭގޮތުން އޮމާންއާއެކު މަޝްވަރާކޮށްފިއެވެ.

މި މަޝްވަރާތައްކޮށްފައިވަނީ ޚާރިޖީ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލް އޮމާންއަށް މިހާރު ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން އެ ޤައުމުގެ މާލީ ވަޒީރު ސުލްޠާން ބިން ސާލިމް ބިން ސާޢިދު އަލް ހަބްސީއާއެކު ބޭއްވެވި ބައްދަލުކުރެއްވުމުގެ ތެރެއިންނެވެ.

މި ބައްދަލުކުރެއްވުމުގައި ދިވެހި ސަރުކާރުގެ ތަރައްޤީގެ ސިޔާސަތުތަކާއި ރާއްޖޭގައި އިންވެސްޓްކުރުމަށް ހުރި ފުރުޞަތުތަކާއި ބެހޭގޮތުންވަނީ މަޝްވަރާކުރައްވާފައެވެ. މީގެއިތުރުން ދެ ޤައުމުގެ ދެމެދު ގުޅުން ބަދަހިކުރެވިދާނެ އެކި ދާއިރާތަކާ ގުޅޭގޮތުންވެސް ވަނީ މަޝްވަރާކުރައްވާފައެވެ.

ޚާރިޖީ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލް އޮމާނަށް މިހާރު ކުރައްވަމުންގެންދަވާ ދަތުރުފުޅަކީ އެ ޤައުމުގެ ޚާރިޖީ ވަޒީރު ސައްޔިދު ބަދުރު ބިން ޙަމަދު ބިން ޙަމޫދު އަލްބުސަޢީދީގެ ދަޢުވަތަކަށްކުރައްވާ ދަތުރުފުޅެކެވެ. މި ދަތުރުފުޅު ނިންމަވާލެއްވުމަށް ހަމަޖެހިފައިވަނީ އަންނަ ހުކުރު ދުވަހުއެވެ.

މި ދަތުރުފުޅުގެ ތެރެއިން އޮމާންގެ ޚާރިޖީ ވަޒީރާ ބައްދަލުކުރައްވައި މުހިންމު މަޝްވަރާތަކެއްކުރައްވާނެ ކަމަށް ޚާރިޖީ ވަޒީރު ވިދާޅުވިއެވެ. އަދި ދެ ޤައުމުގެ ދެމެދުގައި އޮންނަ ޒަމާންވީ ގުޅުން އިތުރަށް ބަދަހިކުރުމަށާއި އެކި ދާއިރާތަކުން ގުޅުން ބަދަހިކުރުމުގެ ފުރުޞަތުތައް ހޯދުމަށް އޮމާން ސަރުކާރުގެ އިސްވެރިންނާއެކު ޚާރިޖީ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލް ބައްދަލުކުރައްވާނެކަމަށް އެ ވުޒާރާއިން ވިދާޅުވެއެވެ.

މި ދަތުރުފުޅުގައި ވަޒީރާއެކު ސެކްރެޓަރީ ބައިލެޓަރަލް، ޑރ. ހާލާ ހަމީދާއި ސީނިއަރ އަންޑަރ ސެކްރެޓަރީ ފާޠިމަތު ނަޢީމާ ބައިވެރިވެވަޑައިގަންނަވައެވެ.