ކުޅިވަރު

އައިސްލެންޑް ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ގަދަ ސޯޅައަށް


މެޗްގެ އެންމެ ފަހުވަގުތު ޓްރައުސްޓަސޮން ކާމިޔާބުކޮށްދިން ގޯލުން އޮސްޓްރިއާގެ މައްޗަށް ކުރި ހޯދާ އައިސްލެންޑްއިން ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ގަދަ 16 އަށް ދަތުރުކޮށްފިއެވެ.

ގްރޫޕް އެފްގެ ފަހު މެޗްގައި އައިސްލެންޑާ އޮސްޓްރިއާ ބައްދަލުކުރި މެޗް އައިސްލެންޑް ކާމިޔާބުކުރީ 2 ލަނޑު 1 ލަނޑުންނެވެ. މެޗްގެ ފުރަތަމަ ހާފްގައި އައިސްލެންޑްގެ ބޮއެޑްވާރސަން ލަނޑެއް ކާމިޔާބުކޮށްދީ އެ ޓީމަށް ލީޑް ނަގައިދީފައިވަނިކޮށް 2 ވަނަ ހާފްގައި އޮސްޓްރިއާއަށް މެޗްގެ ނަތީޖާ ހަމަހަމަކޮށްދިނީ އެލެސަންދްރޯ ޝޮއެޕްއެވެ. އޭގެ ކުރިން އޮސްޓްރިއާއަށް ލިބުނު ޕެނަލްޓީއެއް ޑްރަގޮވިޗް ވަނީ ބޭކާރުކޮށްލާފައެވެ.

 މެޗްގެ 3 ޕޮއިންޓް ޓްރައުސްޓަސޮން އައިސްލެންޑަށް ހޯދައިދިނީ މެޗްގެ 90 ވަނަ މިނެޓްގައެވެ. މި މެޗުން މޮޅުވެ އައިސްލެންޑް 5 ޕޮއިންޓާއެކު ގްރޫޕްގެ 2 ވަނަ ޓީމުގެ ގޮތުގައި ގަދަ 16 އިން ޖާގަ ހޯދިއިރު އޮސްޓްރިއާ ވަނީ މުބާރާތުން ކަޓާފައެވެ. 

ގަދަ 16 ގައި އައިސްލެންޑް ބައްދަލުކުރަން ޖެހޭނީ ގްރޫޕް ބީގެ 2 ވަނަ ޓީމް އިންގްލެންޑާއެވެ. އެ މެޗް ކުޅުމަށް ހަމަޖެހިފައިވަނީ 27 ވަނަ ދުވަހުގެރޭ ދަންވަރު 12 ޖަހާއިރުއެވެ.