ހިމާޔަތް ހޯދުމަށް ސޫރިޔާގެ އެތަކެއް ހާސް ރައްޔިތުން ހުށަހަޅާފައިވާ ހުށަހެޅުންތަކާ މެދު ގޮތެއް ނިންމުން ވިލާތުގެ ގިނަ ޤައުމުތަކުން މެދުކަނޑާލައިފިއެވެ.
ވިލާތުގެ އެކި ޤައުމުތަކުން ހިމާޔަތް ހޯދަން ސޫރިޔާގެ އެތައް ހާސް ރައްޔިތުންތަކެއް ހުށަހަޅައިގެން ތިއްބައި، މި ނިންމުން ނިންމާފައިވަނީ، ހަޔިއަތު ތަޙްރީރް އަލް-ޝާމް (އެޗްޓީއެސް)ގެ ހަނގުރާމަވެރިން ސޫރިޔާގެ ވެރިރަށް ދިމިޝްޤަށް އަތްގަދަކޮށް، ރައީސް ބައްޝާރް އަލް-އަސަދުގެ ވެރިކަން ވައްޓާލުމުން ސޫރިޔާގެ ސިޔާސީ މުސްތަޤްބަލާ މެދު ސުވާލު އުފެދިފައިވަނިކޮށެވެ.
ސޫރިޔާގެ ދާޚިލީ ހަނގުރާމަ އެންމެ ވަރުގަދައަށް ކުރެވުނު 2015 ވަނަ އަހަރު، އެ ހަނގުރާމައިން ސަލާމަތް ވާން ބޭނުންވި އެތައް ހާސް ސޫރިޔާގެ ރައްޔިތުންނަށް ޖަރުމަނުވިލާތުން ވަނީ ހިމާޔަތް ދީފައެވެ. މިގޮތުން، ޖަރުމަނުވިލާތުގައި މި ވަގުތު ސޫރިޔާއަށް ނިސްބަތްވާ މިލިއަނެއްހާ މީހުންގެ އާބާދީއެއް އެބައޮތެވެ.
ނަމަވެސް، ހިމާޔަތަށް އެދިފައިވާ ހުށަހެޅުންތަކާ މެދު ގޮތެއް ނުނިންމައި މި ވަގުތަށް މަޑުޖައްސާލާފައިވާ ކަމަށް ޖަރުމަނުވިލާތުގެ ދާޚިލީ ވުޒާރާއިން ބުންޏެވެ. ޖަރުމަނުވިލާތުން ހިމާޔަތް ހޯދަން ހުށަހަޅާފައިވާ ސޫރިޔާ ރައްޔިތުންގެ ތެރެއިން 47،000އަށްވުރެ ގިނަ މީހުންގެ ހުށަހެޅުމާ މެދު ގޮތެއް ނުނިންމާ ކަމަށް ޖަރުމަނުގެ ކަމާބެހޭ އިދާރާތަކުން ވަނީ ބުނެފައެވެ. ނަމަވެސް، މިހާރު ލިބިފައިވާ ސޫރިޔާގެ ރައްޔިތުންގެ ހުށަހެޅުންތަކަށް މި ނިންމުމުގެ އަސަރެއް ނުކުރާނެ ކަމުގެ ޔަޤީންކަން ޖަރުމަނުވިލާތުން ވަނީ ދީފައެވެ.
ޖަރުމަނުވިލާތުގެ އިތުރުން، އިނގިރޭސިވިލާތާއި، ނޯވޭއާއި އިޓަލީވިލާތާއި އޮސްޓްރިޔާއާއި ނެދަލޭންޑްސުން ވެސް ސީރިޔާގެ ރައްޔިތުންނަށް ހިމާޔަޔް ދިނުމާ މެދު ގޮތެއް ނިންމުން މަޑުޖައްސާލެވިފައިވާ ކަމަށް ވަނީ އިޢުލާނުކޮށްފައެވެ.
ސޫރިޔާގެ ރައްޔިތުންނަށް ހިމާޔަތް ދިނުން ވިލާތުގެ ޤައުމުތަކުން މަޑުޖައްސާލާފައި ވަނީ، އަސަދުގެ ވެރިކަން ވެއްޓުމަށްފަހު، ސިޔާސީ މަސްރަޙަށް ވާނެ ގޮތެއް ބެލުމަށެވެ.