ތިމާގެ ޙައްޤު ހިމާޔަތްކުރަން އެދޭނަމަ، އަނެކާގެ ޙައްޤުތައްވެސް ހިމާޔަތްކުރަންވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ، މިއަދު ފާހަގަކުރާ ބައިނަލްއަޤުވާމީ އިންސާނީ ޙައްޤުތަކުގެ ދުވަހާ ގުޅިގެން ސޯޝަލް މީޑިޔާގައި ކުރެއްވި ޕޯސްޓެއްގައެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ އިންސާނީ ހައްޤުތަކުގެ ދުވަސް ފާހަގަކުރާއިރު، ހަނދާންކުރަންވީ އެކަކު އަނެކަކުގެ ޙައްޤު ގުޅިލާމެހިފައިވާކަން ކަމަށެވެ. އެހެނީ ތިމާގެ ހައްޤުތައް ރައްކާތެރިކުރުމަށްޓަކައި އެހެން މީހުންގެ ޙައްޤުތަކުގެ ދިފާޢުގައި ތެދުވުމަކީ ވަރަށް މުހިންމުކަމެއްކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. މީގެ 75 އަހަރު ކުރިން ބައިނަލްއަޤުވާމީ އިންސާނީ ޙައްޤުތަކުގެ ދުވަހެއް ފާހަގަކުރަންފެށީވެސް މި އަސާސްގެ މަތިންކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ސަރުކާރުގެ އަމާޒަކީ ކަރާމަތްތެރި، ހަމަހަމަ އިންސާފުވެރި ޑިމޮކްރަސީއެއް ބިނާކުރުން ކަމަށެވެ. އަދި އެންމެންވެސް ޝާމިލުވާ، އަމާން މުޖުތަމަޢެއް ބިނާކުރުމަށް ސިޔާސަތުތައް ހަރުދަނާކޮށް ޤާނޫނުތައް ތަންފީޒްކުރުމުގެ މަސައްކަތްކުރަމުންދާކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. މީގެ ސަބަބުން ކޮންމެ ދިވެހި ރައްޔިތަކަށްވެސް އަސާސީ ޙައްޤުތައްކަމަށްވާ ޞިއްޙީ ފަރުވާއާއި، ތަޢުލީމާއި، އިންސާފު ލިބިދެވޭކަން ކަށަވަރުކުރެވޭނެކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
As we commemorate the #HumanRightsDay, we are reminded that our rights are interconnected. It’s a reminder that standing up for the freedom of others is crucial to safeguarding our own - this principle lies at the heart of the #UNHDR, established 75 years ago.
— Dr Mohamed Muizzu (@MMuizzu) December 10, 2024
As such, the…
ރައީސުލްޖުމްހޫރިއްޔާގެ ޕޯސްޓުގައި، ނޫސްވެރިކަމުގެ މިނިވަންކަން ކަށަވަރުކޮށް، މަސައްކަތްތެރިންގެ ހައްޤުތައް ޙިމާޔަތްކޮށްދީ، މިންތީގެ ހަމަހަމަކަން ޤާއިމްކުރުމުގައި މިސަރުކާރުން ދެމިއޮންނާނެކަމުގެ ޔަޤީންކަން ދެއްވިއެވެ.
ކޮންމެއަހަރެއްގައިވެސް ބައިނަލްއަޤުވާމީ އިންސާނީ ޙައްޤުތަކުގެ ދުވަހެއް ފާހަގަކުރަނީ ޑިސެންބަރު މަހުގެ 10 ވަނަ ދުވަހެވެ.