ކުޅިވަރު

ޕޯޗްގަލް ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ގަދަ ސޯޅައަށް


ކްރިސްޓިއާނޯ ރޮނާލްޑޯގެ 2 ލަނޑާއެކު ހަންގޭރީއާ އެއްވަރުކޮށް ޕޯޗްގަލް ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ގަދަ 16 އިން ޖާގަ ހޯދައިފިއެވެ.

ރޭ ގްރޫޕް އެފްގައި ޕޯޗްގަލްއާ ހަންގޭރީ ވާދަކުރި މެޗް ނިމުނީ 3 ލަނޑު 3 ލަނޑުން އެއްވަރުވެގެނެވެ. މެޗްގައި ޕޯޗްގަލްއިން ޖެހި 3 ލަނޑުގެ ތެރެއިން 2 ލަނޑު ކާމިޔާބުކޮށްދިނީ ކްރިސްޓިއާނޯ ރޮނާލްޑޯއެވެ. އަނެއް ލަނޑު ކާމިޔާބުކޮށްދިނީ ނާނީއެވެ. ރޮނާލްޑޯ މެޗްގައި ކާޟިޔާބުކުރި ލަނޑާއެކު އޭނާ ވެފައިވަނީ ހަތަރު ޔޫރޯގައި ލަނޑުޖެހި ފުރަތަމަ ކުޅުންތެރިޔާއަށެވެ. މީގެ އިތުރުން ޔޫރޯގައި މިހާތަަނަށް އެންމެ ގިނަ ލަނޑު ޖަހައިގެން މިޝޭލް ޕްލެޓީނީ ހަދާފައިވާ ރެކޯޑާ ހަމަހަމަ ކުރަން ރޮނާލްޑޯއަށް މިހާރު ބޭނުން ވަނީ އެންމެ ގޯލެކެވެ. ޕްލެޓީނީ ވަނި ނުވަ ގޯލް ޔޫރޯގައި ޖަހާފައެވެ. 

މެޗްގައި ހަންގޭރީއިން ކާމިޔާބުކުރި 3 ލަނޑުގެ ތެރެއިން 2 ލަނޑު ކާމިޔާބުކޮށްދިނީ ބަލާޒް ޖުޖާކްއެވެ. އަނެއް ލަނޑު ކާމިޔާބުކޮށްދިނީ ޒޮލްޓާން ޖެރާއެވެ. މި މެޗުން ލިބުނު 3 ޕޮއިންޓާއެކު ހަންގޭރީ ގްރޫޕް އެފްގެ އެންމެ ކުރީގައި އޮތީ 5 ޕޮއިންޓާއެކުއެވެ. ޕޯޗްގަލް އޮތީ 3 ޕޮއިންޓާއެކު ގްރޫޕްގެ 3 ވަނާގައެވެ. އެ ޓީމަށް ގަދަ 16 އިން ޖާގަ ލިބެނީ 3 ވަނައަށް ދިޔަ އެންމެ ރަނގަޅު 4 ޓީމުގެ ތެރޭގައި ހިމެނިގެނެވެ. ގަދަ 16 ގައި ޕޯޗްގަލް ބައްދަލުކުރަން ޖެހޭނީ ގްރޫޕް ޑީގެ 1 ވަނަ ކްރޮއޭޝިޔާއާއެވެ. އެ މެޗް ކުޅުމަށް ހަމަޖެހިފައިވަނީ 25 ވަނަ ދުވަހުގެ ރޭ ދަންވަރު 12 ޖަހާއިރުއެވެ. ހަންގޭރީ ބައްދަލުކުރަން ޖެހޭނީ ގްރޫޕް އީގެ 2 ވަނަ ބެލްޖިއަމްއާއެވެ. އެ މެޗް ކުޅޭނީ 26 ވަނަ ދުވަހުގެ ރޭ ދަންވަރު 12 ޖަހާއިރުއެވެ.