ސޫރިޔާގެ ވެރިރަށް ދިމިޝްޤަށް އަތްގަދަކޮށް، ރައީސް ބައްޝާރް އަލް-އަސަދުގެ ވެރިކަން ވައްޓައިލި ހަޔިއަތު ތަޙްރީރް އަލް-ޝާމް (އެޗްޓީއެސް)ގެ ހަނގުރާމަވެރިންނާ ވެރިކަން ޙަވާލުކުރަން އެ ޤައުމުގެ ބޮޑުވަޒީރު މުޙައްމަދު ޖަލީލީ ނިންމަވައިފިއެވެ. އަސަދުގެ ސަރުކާރުގެ ބާރުގެ ދަށުގައި އޮތް ސަރަޙައްދުތަކަށް އެޗްޓީއެސުން ޙަމަލާ ދޭން ފަށާފައި ވަނީ ނޮވެންބަރު 27ވަނަ ދުވަހުއެވެ. އަދި، ޙަލަބާއި، ޙަމާގެ އިތުރުން ޙުމްޞަށް ވެރިވެގަތުމަށް ފަހު، އެޗްޓީއެސްގެ ހަނގުރާމަވެރިން ވަނީ ވެރިރަށް ދިމިޝްޤަށް އަރައި އަސަދުގެ ސަރުކާރު ވައްޓައިލާފައެވެ.
ހަނގުރާމަވެރިންގެ އަތްދަށަށް ދިމިޝްޤު ވެއްޓުމުން އަސަދު ވަނީ، އޭނާގެ ޢާއިލާއާ އެކު، ފިއްލަވައިގެން ރަޝިޔާގެ ވެރިރަށް މޮސްކޯއަށް ވަޑައިގަންނަވައި، އެ ޤައުމުން ޙިމާޔަތް ހޯއްދަވާފައެވެ. އަދި، ސުލްޙަވެރިކަމާ އެކު ސަރުކާރު ބަދަލުކުރުމުގެ ފުރުޞަތު ދެއްވަން ނިންމަވާފައެވެ. ސޫރިޔާގެ ވެރިކަން ފޮރުޅިގެން މި ދަނީ 13 އަހަރުގެ ދިގު ދާޚިލީ ހަނގުރާމައަކަށް ފަހުއެވެ. މިއާ އެކު، އަސަދުގެ ޢާއިލީ ވެރިކަން ވެސް ފަސް ދަހަރަށް ފަހު މި ވަނީ ނިމުމަމަށް އައިސްފައެވެ.
ހަނގުރާމަވެރިންގެ އަތްދަށަށް ދިމިޝްޤު ވެއްޓުމާ އެކު ސޫރިޔާގެ ކުރިމަގާ މެދު ވަނީ ސުވާލު އުފެދިފައެވެ. ސޫރިޔާއަކީ ތެޔޮ އުފައްދާ ބޮޑެތި ޤައުމުތަކުގެ ތެރޭގައި ހިމެނޭ ޤައުމެއް ނޫނެވެ. ނަމަވެސް، ސޫރިޔާގެ ކުރިމަގާ މެދު އޮތް ކަންބޮޑުވުންތަކާ ގުޅިގެން ދުނިޔޭގެ ބާޒާރުތަކުގައި ތެލުގެ އަގުތައް ވަނީ އުފުލެން ފަށާފައެވެ. އަސަދުގެ ވެރިކަން ވެއްޓުމާ އެކު، ސަރަޙައްދީ ހަމަނުޖެހުންތައް އިތުރަށް ހޫނުވުމުގެ ފުރުޞަތު އެތަކެއް ގުނައަކަށް އިތުރުވެފައިވާ ކަމުގައި މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ޤަބޫލު ކުރެއެވެ.
އެޗްޓީއެސްގެ ހަނގުރާމަވެރިން ދިމިޝްޤަށް އަރައިގަތުމާ އެކު އެ ރަށަށް ހިމޭން ކަން ވެރިވެގެން ދިޔަ ނަމަވެސް، އެ ރަށުގައި ދިރިއުޅޭ ރައްޔިތުން ވަނީ ޢާންމު ދިރިއުޅުމުގެ ހާލަތަކަށް ރުޖޫއަވާން މަސައްކަތް ފަށާފައެވެ. އަދި، ރޭގަނޑުގެ ވަގުތަކުގައި އިޢުލާނު ކޮށްފައިވާ ކަރފިޔުއަށް ފަހު، ޢާންމުން ވަނީ މަގުތަކުގައި ހެލިފެލިވެ އުޅެން ފަށާފައެވެ. ނަމަވެސް، އަދިވެސް ގިނަ ފިހާރަތަކާއި ވިޔަފާރިތައް ހުރީ ބަންދު ކޮށްފައެވެ. މި ވަގުތު ދިމިޝްޤުގައި އަމަން ބަލަހައްޓަމުން ދަނީ އެޗްޓީއެސްގެ ހަނގުރާމަވެރިންނެވެ.
"އަޅުގަނޑުމެންގެ އަމާޒެއް އަދި ލަނޑުދަނޑިއެއް އޮތް، އެ ކަމަށް ނިމުމެއް އައިސްފި. އަޅުގަނޑުމެން މިހާރު ބޭނުމީ ދައުލަތާއި ސަލާމަތީ ބާރުތަކުން ކަންކަމާ ޙަވާލުވުމަށް،" 2011ވަނަ އަހަރު ފެށި ދާޚިލީ ހަނގުރާމައިގައި އަސަދުގެ ސަރުކާރާ ދެކޮޅަށް ހަނގުރާމަ ކުރި ފިރްދަވްސް ޢުމަރު ބުންޏެވެ. އޭނާ ބުނީ، ހަނގުރާމަ ނިމުމުން، އެނބުރި ދަނޑު ހެއްދުމަށް އެނބުރި ދިޔުމަށް ބޭނުންވާ ކަމުގައެވެ.
ޤައުމު ދޫކޮށް އަސަދު ފިއްލަވައިގެން ވަޑައިގެންނެވުމާ އެކު، ވަގުތީ ސަރުކާރަކާ ވެރިކަން ޙަވާލު ކުރައްވަން ނިންމަވާފައިވާ ކަން ބޮޑުވަޒީރު ޖަލީލީ ހާމަ ކުރައްވާފައި ވަނީ އަލް-ޢަރަބިއްޔާ ޓީވީއަށް ދެއްވި ބަސްދީގަތުމެއްގައެވެ. އަދި، ސޫރިޔާގެ ހުޅަނގުއުތުރުގެ ސަރަޙައްދުތަކުގައި ހަތިޔާރު އެޅި ޖަމާޢަތްތަކުގެ ބާރުގެ ދަށުގައި އޮތް ސަރަޙައްދުގައި އައު ސަރުކާރެއް އެކުލަވައިލުމަށް ހުށަހަޅުއްވާފައިވާނެ ކަމުގައި ވެސް އޭނާ ވިދާޅުވިއެވެ. ވެރިކަން ބަދަލު ކުރުމުގެ ކަންކަން ކުރިއަށް އޮތް ދުވަސްތަކުގެ ތެރޭގައި އިންތިޒާމު ކުރައްވާނެ ކަން ވެސް އޭނާ ހާމަކުރެއްވިއެވެ.
ވެރިކަން ބަދަލު ކުރުމާ ގުޅޭ ގޮތުން އެޗްޓީއެސްގެ އިސް ކޮމާންޑަރު، އަޙްމަދު އަލް-ޝަރާޢު ނުވަތަ އަބޫ މުޙައްމަދު އަލް-ޖޫލާނީ ވަނީ ޖަލީލީއާ މަޝްވަރާ ކޮށްފައެވެ. އަދި، ސޫރިޔާގެ ނައިބު ރައީސް ފައިޞަލް މިޤްދާދާ ބައްދަލުކޮށް، އޭނާ ވަނީ ވަގުތީ ސަރުކާރެއް އެކުލަވައިލުމާ ގުޅޭ ގޮތުން މަޝްވަރާ ކޮށްފައެވެ.
ވެރިކަން ޙަވާލުކުރަން ނިންމާފައި ވަނީ ހަނގުރާމަވެރިން އަތްގަދަ ކޮށްފައިވާ ސަރަޙައްދުތަކުގައި އެޗްޓީއެސުން އިސްވެ އުފައްދާފައިވާ ޙުކޫމާތު އަލް-އިންޤާޒު އަލް-ސޫރިއްޔާ ނުވަތަ ސީރިޔަން ސެލްވޭޝަން ގަވަރމެންޓް (އެސްއެސްޖީ)އަށެވެ. އެއީ، 2017ވަނަ އަހަރު ޤާއިމު ކޮށްފައިވާ ސަރުކާރެކެވެ. މަޞްދަރުތަކުން ބުނީ، އެސްއެސްޖީން ސޫރިޔާގެ ވެރިކަމާ ޙަވާލުވުމުން، އިސް މުޝީރުގެ މަޤާމާ ޙަވާލުވާނީ މުޙައްމަދު އަލް-ބަޝީރު ކަމަށް ބެލެވޭ ކަމުގައެވެ. އެސްއެސްޖީގެ ސަރުކާރު މި ވަގުތު ވެސް ހިންގަމުން ދަނީ އަލް-ބަޝީރެވެ.
އަސަދުގެ ވެރިކަން ވެއްޓުމާ އެކު، މެދުއިރުމަތީގެ ބާރުތަކުން ވަނީ އެސްއެސްޖީއާއި އެޗްޓީއެސާ އެކު މަޝްވަރާތައް ފަށައި، ގުޅުންތައް ޤާއިމު ކުރަން މަސައްކަތް ފަށާފައެވެ. އޭގެ ތެރޭގައި، އަސަދުގެ ސަރުކާރު ދިފާޢު ކުރުމަށް ވާގިވެރިވަމުން ދިޔަ އީރާން ހިމެނެއެވެ. އަދި، ޤަޠަރުންނާއި އެމެރިކާއިން ވެސް ވަނީ އެޗްޓީއެސާ އެކު މަޝްވަރާތައް ފަށާފައެވެ.
އަސަދުގެ ސަރުކާރު ވެއްޓުމުން އެމެރިކާގެ ޚާރިޖީ ވަޒީރު އެންތަނީ ބްލިންކަން ވިދާޅުވީ، އެ ޤައުމާއި ޢިރާޤުގެ ބައެއް ސަރަޙައްދުތަކަށް ވެރިވެގަނެގެން ކުރިން ވެރިކަން ކުރި ނިރުބަވެރި ޖަމާޢަތް، އައިއެސުން އެނބުރި އަންނަން މަސައްކަތް ކުރާނެ ކަމުގައެވެ. އަދި، އެ ކަން ވިޔަ ނުދިނުމަށް އެމެރިކާއިން ހުރިހާ ފިޔަވަޅެއް އަޅާނެ ކަމުގައި ވެސް އޭނާ ވިދާޅުވިއެވެ.