ރާއްޖޭގެ ފުރަތަމަ ރައީސް މުހައްމަދު އަމީން އަވަހާރަކޮށްލުމަކީ ރަނގަޅު ކަމެއްގެ ގޮތުގައި ސިފަކޮށް އިދިކޮޅު އެމްޑީޕީގެ އެކްޓިވިސްޓުންނާއި ޕާޓީގެ ވެރިން ދައްކަމުންދާ ވާހަކަތަކަށް ރައީސް މުހައްމަދު އަމީންގެ ކާފަ ދަރިކަނބަލުން ފަރަހަނާޒް ފައިސަލް ރައްދު ދެއްވައިފިއެވެ.
ރާއްޖޭގެ ފުރަތަމަ ރައީސް މުހައްމަދު އަމީން އަވަހާރަކޮށްލުމަކީ ރަނގަޅުކަމެއް ކަމަށް ދޭހަވާގޮތަށް އެމްޑީޕީގެ އެކްޓިވިސްޓެއް ވާހަކަ ދައްކާފައިވަނިކޮށް، އެޕާޓީގެ ޗެއަރޕާސަން ފައްޔާޒު އިސްމާއިލްވެސް މިއަދު ވަނީ އެ ވާހަކަތަކަށް ހިތްވަރު ލިބޭގޮތަށް ވާހަކަ ދައްކާފައެވެ.
މުހައްމަދު އަމީން އަވަހާރަކޮށްލުމަކީ ރަނގަޅުކަމެއް ކަމަށް ދޭހަވާ މޭރުމަކުން ވާހަކަ ދައްކާފައިވަނީ "ގާނޫނުއަސާސީގެ ދިފާއުގައި" ކުޅުދުއްފުށީ ސިޓީގައި އިދިކޮޅު އެމްޑީޕީން ބޭއްވި ޖަލްސާއެއްގައެވެ. އެ ޖަލްސާގައި ރައީސް މުއިއްޒުއަށް އިންޒާރުދޭ މޭރުމަކުން ދެއްކި ވާހަކަތަކާއި ގުޅިގެން އެތައް ބަޔަކު ކަންބޮޑުވުން ފާޅުކުރަމުންދަނިކޮށް އެމްޑީޕީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެމްޑީޕީގެ ޗެއަރޕާސަން ފައްޔާޒު އިސްމާއިލް ވަނީ އެ ވާހަކަތަކަށް ހިތްވަރު ލިބޭގޮތަށް ވާހަކަ ދައްކާފައެވެ.
"ރައްޔިތުންނަށް ދެރަ ދިނީމަ ހަމަ މުހައްމަދު އަމީނަށް ހެދިހެން ހަދަންޖެހޭނެ" ފައްޔާޒު ވިދާޅުވިއެވެ.
އިންސާނީ ހައްޤުތަކާއި ތަހުޒީބު މުޖްތަމަޢުއަކަށް ވަކާލާތުކުރުމަށް އުފެއްދި އެމްޑީޕީގެ ޗެއަރޕާސަންގެ މަޤާމުގައި ހުންނެވި ބޭފުޅަކު މީހުން މެރުންފަދަ ލާއިންސާނީ އަމަލުތަކަށް ހިތްވަރު ލިބޭގޮތަށް ވާހަކަ ދެއްކުމުން އެމްޑީޕީގެ މެމްބަރުންވެސް ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އޭގެތެރެއިން އެއް ބޭފުޅަކީ އެމްޑީޕީގެ ވެރިކަމުގައި އިނގިރޭސިވިލާތަށް ކަނޑައަޅުއްވާފައި ހުންނެވި ހައިކޮމިޝަނަރު އަދި ރައީސް މުހައްމަދު އަމީންގެ ކާފަދަރިކަނބަލުން ޑރ.ފަރަހަނާޒް ފައިސަލްއެވެ.
އެމްޑީޕީ އުފެއްދުމުގައި މުހިއްމު ދައުރެއް އަދާކުރެއްވި ފަރަހަނާޒް ވިދާޅުވީ އިސްލާމީ ޝަރުޢީ ހަމަތަކުން ބޭރުން މީހަކު މަރާލުމަކީ ދުވަހަކުވެސް ގަބޫލްކުރެވޭނެ ކަމެއް ނޫންކަމަަށެވެ. އަދި ކޮންމެ ގޮތަކަށް ކަމެއް ކުރިޔަސް، ބަޔަކު ނިކުމެ މީހަކު މަރާލުމަކީ އިސްލާމްދީން ހުއްދަކުރާ ކަމެއް ނޫންކަންވެސް އެކަމަނާ ފާހަގަކުރެއްވިއެވެ.
"މިއީ އެމްޑީޕީގެ ރަސްމީ ސްޓޭންޑް ތޯޯޯ؟ އެހެންނަމަ މިއީ ދިރިހުރުމުގެ ހައްގު ހިމެނޭ ގޮތަށް މީހުންގެ އަސާސީ ހައްގުތަކަށް ތެދުވި އެމްޑީޕީއެއް ނޫން" ފަރަހަނާޒް ވިދާޅުވިއެވެ.
އިސްލާމީ ޝަރުޢީ ހަމަތަކުން ބޭރުން މީހަކު މަރާލުމަކީ ދުވަހަކުވެސް ގަބޫލްކުރެވޭނެ ކަމެއް ނޫން. ކޮންމެ ގޮތަކަށް ކަމެއް ކުރިޔަސް ބަޔަކުނިކުމެ މީހަކު މަރާލުމަކީ އަޅުގަނޑުމެންގެ ދީން އިސްލާމްދީން ހުއްދަކުރާ ކަމެއް ނޫން.
— Farah Faizal 🎈 (@DrFarahFaizal) December 9, 2024
މިއީ އެމްޑީޕީގެ ރަސްމީ ސްޓޭންޑް ތޯޯޯ؟ އެހެންނަމަ… https://t.co/yrTj7QGdtf
ފަރަހަނާޒްގެ ވާހަކަފުޅުގައި ފާހަގަކުރެއްވި ފަދައިން މިއަދު އެ ފެންނަނީ ހަޤީޤީ އެމްޑީޕީއެއް ނޫންކަންވެސް ގިނަ ބަޔަކުވެސް ޤަބޫލުކުރެއެވެ. ބައެއް މީހުން ބުނާގޮތުން މިއަދު އެމްޑީޕީގެ ލީޑަރޝިޕްގައި ތިބީ އެމްޑީޕީގެ އަސާސްތަކާއި ހަމަތަކާއި ދުރު، ވެރިކަމުގެ ދަހިވެތިކަމުގައި އުޅޭ ބައެކެވެ. ޕާޓީގެ ޗެއަރޕާސަނާއި ޕާޓީގެ ރައީސްގެ މަޤާމުގައި މިވަގުތު ހުންނެވީ އެހެން ޕާޓީތަކެއްގައި ހަރަކާތްތެރިވި ބައެއްކަން ގިނަ ބަޔަކު ދަނީ ފާހަގަކުރަމުންނެވެ.
އަނެއްކޮޅުން މުހައްމަދު އަމީން އަވަހާރަކޮށްލުން ދިފާޢުކޮށް އެމްޑީޕީގެ ޗެއަރޕާސަން ވާހަކަދެއްކެވިއިރު، މުހައްމަދު އަމީން އަވަހާރަކޮށްލަން މެދުވެރިވީ އެ މަނިކުފާނުގެ އެއްވެސް ކުށެއް އޮވެގެން ނޫންކަން އެއީ ދިވެހި ތާރީހުން ފެންނަން އޮތް ހަޤީޤަތަކެވެ. ރަސްކަން ނިމުމަކަށް ގެނެސް، ތަހުޒީބު މުޖްތަމަޢުއެއް ބިނާކުރުމުގެ ބިންގާ އަޅުއްވައިދެއްވި ޤައުމީ ބަތަލެއްކަމަށްވާ މުހައްމަދު އަމީން އަވަހާރަކޮށްލީ އޭރު އިދިކޮޅުގައި ތިބި ފަރާތްތަކާއި ވެރިކަމުގެ ތެރޭގައި ތިބި ބައެއް މީހުން، ވެރިކަމުގެ ދަހިވެތިކަމުގައި ރޭވި ރޭވުންތަކެއްގެ ތެރެއިންނެވެ. އެގޮތުން މުހައްމަދު އަމީން ރާއްޖެއިން ބޭރުގައި ހުންނަވަނިކޮށް އެމަނިކުފާނާއި ދެކޮޅަށް ބޮޑެތި ރޭވުންތައް ރާވައި، އެމަނިކުފާނު ރާއްޖެ ވަޑައިގަތުމުން ދޫނިދޫގައި ބަންދުކޮށް، އެމަނިކުފާނު ވެރިކަމުން ދުރުކުރީ ސިޔާސީ ބައެއްގެ ރޭވުންތަކެއްގެ ތެރެއިންނެވެ. ވެރިކަމުން ދުރުކުރުމަށްފަހު މުހައްމަދު އަމީންގެ މައްޗަށް އިތުރު ތުހުމަތުތައްކޮށް، ގުޅަކުޅޭ ފަސްގަނޑަށް ރައްޔިތުން އެއްކޮށް، އެމަނިކުފާނަށް ލާއިންސާނީ އެތައް އަނިޔާއެއް ދިނުމަށްފަހު އުމުރަށް އަރުވާލިއެވެ. ކ.ގާފަރަށް އަރުވާލާފައި ހުންނަވަނިކޮށް މުހައްމަދު އަމީންގެ ހާލުކޮޅު ގޯސްވެ ފަހުން ކ. ވިހަމަނާފުށްޓަށް އެމަނިކުފާނު ބަދަލުކޮށްފައި ހުންނަވަނިކޮށް، އަވަހާރަވީ ޖެނުއަރީ 19، 1954 ގައެވެ.
އެހެންކަމުން "ރައްޔިތުންނަށް ދެރަ ދިނީމަ ހަމަ މުހައްމަދު އަމީނަށް ހެދިހެން ހަދަންޖެހޭނެ" ކަމަށް ވިިދާޅުވެ، އެމަނިކުފާނަށް ކުޑައިމީސްވާގޮތަށް އެމްޑީޕީގެ ޗެއަރޕާސަން ވާހަކަދެއްކެވިއިރު، މުހައްމަދު އަމީން ރައްޔިތުންނަށް ދެއްވި ދެރައެއް ފެންނާކަށް ނެތެވެ. އޭގެ ބަދަލުގައި އެމަނިކުފާނުގެ ރާއްޖެއަށް ކޮށްދެއްވި އަގުހުރި ޚިދުމަތްތައް މިއަދުވެސް އެހެރީ ފެންނާށެވެ. ވެރިކަމުގެ ނިޒާމު ޖުމްހޫރިއްޔަތަކަށް ބަދަލުކުރުމާއި، އަންހެނުން ބާރުވެރިކޮށް، ތައުލީމީ ޖީލެއް ބިނާކޮށް، އިޤްތިޞާދީގޮތުން ކުރިއެރުންތައް ޤައުމަށް ގެނެސްދެއްވުމަށް މުހައްމަދު އަމީން ކޮށްދެއްވި އަގުހުރި މަސައްކަތަކަކީ ދުވަހަކުވެސް ދިވެހިން ހަދާން ނެތިގެންވާނެ ކަންކަމެއް ނޫނެވެ. ނަމަވެސް މިއަދު އެމްޑީޕީގެ ވެރިންނަށް މުހައްމަދު އަމީނަކީ ކޮން ބޭފުޅެއްކަންވެސް ނޭނގޭއިރު، ވެރިކަމުގެ ދަހިވެތިކަމުގެ ލާއިންސާނީ އަމަލުތަކަށް ހިތްވަރު ދެވޭކަންވެސް އެ ބޭފުޅުންނަށް ނޭނގޭކަން ދައްކާ ވާހަކަތަކުން ދަނީ ހާމަވަމުންނެވެ.