ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، މާލެއަތޮޅު ކައުންސިލާ ބައްދަލުކުރައްވައިފިއެވެ.
މި ބައްދަލުކުރެއްވުން ކުރިއަށްދިޔައީ މިއަދު ހަވީރު މާލެއަތޮޅު ހުރާ ކައުންސިލް އިދާރާގައެވެ.
މި ބައްދަލުކުރެއްވުމުގައި އަތޮޅު ކައުންސިލުން ވަނީ މުޅި އަތޮޅުގެ ތަރައްޤީއަށް އެންމެ ބޭނުންވާކަންކަމާއި އަތޮޅުގެ ވަކި ވަކި ރަށްރަށަށް ބޭނުންވާކަންކަން ފާހަގަކުރައްވާފައެވެ. އެގޮތުން ކ. އަތޮޅަކީ ލޯކަލް ޓޫރިޒަމް ފުޅާ ދާއިރާއެއްގައި ކުރަމުންދާ އަތޮޅަކަށްވާތީ އަތޮޅުގެ ރަށްތަކުގައި ޞިއްޙީ ދާއިރާ އިތުރަށް ތަރައްޤީކޮށްދެއްވުމަށް ކައުންސިލުން އެދިވަޑައިގެންނެވިއެވެ. އަދި އަތޮޅުގެ ބައެއް ރަށްތައް ގިރަމުންދާކަން ފާހަގަކުރައްވައި އެކަމަށް އަވަސް ހައްލެއް ބޭނުންވާކަމުގައި ކައުންސިލުން ފާހަގަކުރެއްވިއެވެ. މީގެ އިތުރުންވެސް މުޅި އަތޮޅުގެ ފަތުރުވެރިކަން ކުރިއަރުވައި ފަރުމަސްވެރިކަން ކުރިއެރުވުމަށް ބޭނުންވާ ކަންކަން އަތޮޅު ކައުންސިލުން ޙިއްޞާކުރެއްވިއެވެ. އަދި މާފުށީގައި ޙައްޖު ކޯޕަރޭޝަނުން ހިންގުމަށް ބޭނުންވާ މަޝްރޫޢު ކުރިއަށް ގެންދިއުމަށް އެދިވަޑައިގެންނެވިއެވެ.
މާލެއޮތުޅު ކައުންސިލުން ވަނީ މިސަރުކާރުގެ ވަޒީރުންނާ ވާހަކަދެއްކުމަށް ވަރަށް ފަސޭހަކަން ފާހަގަކުރައްވައި އެބޭފުޅުން ޒިންމާދާރުކަމާއެކު ރައްޔިތުންނާ ގުޅިގެން މަސައްކަތްކުރައްވާކަން އުފަލާއެކު ފާހަގަކުރައްވާފައެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ބައިވެރިވެވަޑައިގެންނެވި ވަޒީރުން ވަނީ މާލެ އަތޮޅުގެ ތަރައްޤީއަށް ކުރިޔަށްގެންދާ މަޝްރޫޢުތަކުގެ އެންމެ ފަހުގެ މަޢުލޫމާތުތައް ޙިއްޞާކުރައްވާފައެވެ.
މިއަދުގެ ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ކައުންސިލުން ފާހަގަކުރެއްވިކަންކަން ބައްލަވާނެކަމުގައެވެ.