ޚަބަރު

އިންޓެގްރިޓީ ކޮމިޝަންގެ މެންބަރުކަމަށް އިންޝާ އައްޔަންކުރަން މަޖިލީހުން ފާސްކޮށްފި


  • އެންއައިސީގެ މެންބަރުކަމަށް އިންޝާ އައްޔަންކުރަން ފާސްވީ 58 މެންބަރުންގެ ވޯޓުން

ނެޝަނަލް އިންޓެގްރިޓީ ކޮމިޝަން، އެންއައިސީގެ މެންބަރުކަމަށް އަލްއުސްތާޛާ މަރްޔަމް އިންޝާ ފައިޞަލް އައްޔަންކުރަން ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.

ނެޝަނަލް އިންޓެގްރެޓީ ކޮމިޝަންގެ މެންބަރުކަމަށް އައްޔަންކުރެއްވުމަށްޓަކައި މަރްޔަމް އިންޝާ ފައިޞަލްގެ ނަން، ރައްޔިތުންގެ މަޖިލީހަށް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވީ މިދިޔަ މަހުގެ 23 ވަނަ ދުވަހުއެވެ.

ނެޝަނަލް އިންޓެގްރިޓީ ކޮމިޝަންގެ މެންބަރުކަމަށް މަރްޔަމް އިންޝާ ފައިޞަލް އައްޔަންކުރަން ފާސްވީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 58 މެންބަރުންގެ ވޯޓާއެކުއެވެ.

އިންޝާ ފައިޞަލަކީ ޤާނޫނީ ދާއިރާއިން ޑިގްރީ ޙާސިލްކުރައްވާފައިވާ ބޭފުޅެކެވެ. އޭނާ ވަނީ ކުރިން ޕޮލިސް އިންޓެގްރިޓީ ކޮމިޝަންގައިވެސް މަސައްކަތްކުރައްވާފައެވެ. އަދި އެކޮމިޝަން އުވާލުމަށްފަހު، ނެޝަނަލް އިންޓެގްރިޓީ ކޮމިޝަން 2015 ވަނަ އަހަރު އުފެދުމާއެކު އިންޝާ ވަނީ އެކޮމިޝަންގައި އިންވެސްޓިގޭޓަރެއްގެ ގޮތުގައި މަސައްކަތްކުރައްވާފައެވެ. އެގޮތުން މިއަހަރުގެ ޖެނުއަރީ މަހާ ހަމައަށްވެސް އޭނާ ހުންނެވީ އެމަޤާމުގައެވެ. މިހާރު އިންޝާ ދަނީ މާސްޓަރސް ޑިގްރީ ޙާސިލްކުރައްވަމުންނެވެ.

އެންއައިސީގެ މެންބަރުކަމަށް އިންޝާ އައްޔަންކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ނަން ފޮނުއްވާފައިވަނީ އެކޮމިޝަންގެ މެންބަރު އަހުމަދު ޖިހާދުގެ ދައުރު ހަމަވުމާ ގުޅިގެންނެވެ.

ނެޝަނަލް އިންޓެގްރިޓީ ކޮމިޝަންގައި 5 މެންބަރުން ތިއްބަވައެވެ. މިހާރު އެކޮމިޝަންގައި ތިއްބެވި މެންބަރުންނަކީ ކޮމިޝަންގެ ރައީސް ޤާސިމް ޢަބްދުލްކަރީމާއި ނައިބު ރައީސާ އާޝިޔަތު ޝިއުނާއާއި މެންބަރު އާމިނަތު ޝާދިޔާއާއި ޝުއައިބު އަބްދުއްރަޙްމާނެވެ.

ނެޝަނަލް އިންޓެގްރިޓީ ކޮމިޝަނަކީ ޤާނޫނު ތަންފީޛުކުރާ އިދާރާތަކާއި އެއިދާރާތަކުގެ މުވައްޒަފުންކުރާ ޤާނޫނާއި ގަވާއިދާ ޚިލާފު ޢަމަލުތައް ބަލައި ތަޙުޤީޤުކުރުމާއި އެފަދަ ޢަމަލެއް ހިންގައިފިކަމަށް ތުހުމަތުކުރެވިއްޖެނަމަ، އަދި އެއްވެސް ފަރާތަކުން އެފަދަ ކަމެއް ހިންގައިފިކަމަށް ނުވަތަ ހިންގަން އުޅޭކަމަށް ތުހުމަތުކޮށް މައްސަލައެއް ހުށަހަޅައިފިނަމަ، އަދި ހުށަނޭޅިނަމަވެސް އަމިއްލައަށް އިސްނަގައިގެންވެސް އެކަމެއް ބަލައި ތަޙުޤީޤުކުރަން އުފައްދާފައިވާ އިދާރާއެކެވެ. އަދި މީގެ އިތުރުންވެސް ގިނަ މަސްއޫލިއްޔަތުތަކެއް އެ ކޮމިޝަނާ ވަނީ މަތިކޮށްފައެވެ.

އެންއައިސީގެ މެންބަރުކަމަށް އިންޝާ އައްޔަންކުރުމަށް މަޖިލީހުން މިހާރު ފާސްކޮށްފައިވާއިރު، އެމާޤަމަށް އޭނާ އައްޔަންކުރާނީ ރައީސުލްޖުމްހޫރިއްޔާއެވެ.