ޚަބަރު

ރައްޔިތުންގެ ހައްޤުގައި ޤާނޫނުއަސާސީއަށް ގެނައި އިސްލާހުތައް ރައީސް ތަފްސީލްކޮށްދެއްވައިފި


  • ރައީސް ވިދާޅުވީ އެމަނިކުފާނު ކުރައްވާ ކޮންމެ މަސައްކަތަކީ ރައްޔިތުންގެ ހައްޤުގައި ކުރައްވާ މަސައްކަތްތަކެއްކަމަށް

ރައްޔިތުންގެ ހައްޤުގައި ޤާނޫނުއަސާސީއަށް ސަރުކާރުން ގެންނެވި އިސްލާހުތައް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ތަފްސީލްކޮށްދެއްވައިފިއެވެ.

އއ. މަތިވެރީ ރައްޔިތުންނާއި ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ޤާނޫނުއަސާސީއަށް އެންމެފަހުން ގެންނެވި އިސްލާހުތަކުގެ ބޭނުމާއި، އެކަންކަމުން ރައްޔިތުންނަށް ލިބިގެންދާނެ ފައިދާތައް ތަފްސީލީ ގޮތެއްގައި ބަޔާންކޮށްދެއްވާފައެވެ.

އއ. މަތިވެރީ ރައްޔިތުންނާއި ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ޤާނޫނުއަސާސީއަށް ގެންނެވީ މައިގަނޑު 5 އިސްލާހެއްކަމަށެވެ. އެއީ ދިވެހިރާއްޖޭގެ ސަރަހައްދާއި، ބޭރުގެ އެއްވެސް ފަރާތަކަށް ރާއްޖޭގެ ސަރަހައްދުތައް މިލްކޮށްދިނުމާއި އަސްކަރީ ބޭނުންމަށް ދިނުމާއި، ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ޝަރުތުތަކާއި ޤާނޫނުއަސާސީއަށް ބަދަލު ގެނައުމުގެ ކުރިން ރައްޔިތުންގެ ހިޔާލު ހޯދުމާއި އަދި ރައީސުލްޖުމްހޫރިއްޔާގެ މަސްޢޫލިއްޔަތުތަކާއި ގުޅޭ އިސްލާހުތަކެއްކަން ރައީސް ފާހަގަކުރެއްވިއެވެ.

ރައީސް ވިދާޅުވީ ޤާނޫނުއަސާސީއަށް 5 އިސްލާހެއް ގެނައިނަމަވެސް، ބައެއް ފަރާތްތަކުން ދައްކަނީ ހަމައެކަނި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ޝަރުތުތަކާއި ގުޅޭގޮތުން ގެންނެވި އިސްލާހުގެ ވާހަކަ އެކަނިކަމަށެވެ. ނަމަވެސް މި 5 އިސްލާހަކީވެސް ރައްޔިތުންގެ އަތަށް ބާރުތައް ލިބޭގޮތަށް ގެނެސްފައިވާ އިސްލާހުތަކެއްކަމަށް ރައީސް ވިދާޅުވިއެވެ. އެގޮތުން ޤާނޫނުއަސާސީއަށް ގެނައި އިސްލާހުތަކާއި އެ އިސްލާހުތަކުން ރައްޔިތުންނަށް ލިބިގެންދާނެ ބާރު ޕްރެޒެންޓޭޝަނަކުން ރައީސް ވަނީ ތަފްސީލްކޮށްދެއްވާފައެވެ.

"މިހާރު ރާއްޖޭގެ ސަރަހައްދަށް ބަދަލު ގެނެވޭނީ ރައްޔިތުންގެ ވޯޓަކާއި ރައްޔިތުންގެ މަޖިލީހުގެ ވޯޓަކުން. މިއޮތް ހުރިހާ ދުވަހު ރާއްޖޭގެ ސަރަހައްދަށް ބަދަލަށް ގެންނަންޏާ ނުޖެހޭ ރައްޔިތުންގެ ބަހެއް ހޯދާކަށް. ރައްޔިތުންގެ މަޖިލީހުގެ 3 ބައިކުޅަ 2 ބައިގެ ވޯޓަކުން ރާއްޖޭގެ ސަރަހައްދު ބަދަލުކޮށްލެވޭނެ. ނަމަވެސް އަޅުގަނޑުމެން މި ގެނައި ބަދަލުގައި އެންމެ އަކަ އިންޗިއެއްވެސް ބަދަލުކުރެވޭނީ 4 ބައިކުޅަ 3 ބައިގެ އަޤްލަބިއްޔަތުން" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އަސްކަރީ ބޭނުމަކަށް ބޭރު ސިފައިންނަށް ތިބެވޭނީ މަޖިލީހުގެ ޖުމްލަ މެންބަރުންގެ އަޢުލަބިއްޔަތުން ކަމަށް އޮތުމުން އޭގެ ނާޖާއިޒު ފައިދާ ސަރުކާރުތަކުން ނެގިކަމަށެވެ. އެގޮތުން އަސްކަރީ މަރުކަޒެއް ނުހަދައި ރާާއްޖޭގައި ބޭރުގެ ސިފައިންނަށް ތިބެވޭގޮތް މަޖިލީހުގެ ރުހުމަކާ ނުލައި ހަދާފައިވާ ކަމަށާއި މިހާރު ގެނައި އިސްލާހަކީ އެކަންވެސް ހުއްޓުވުމަށް ގެނައި އިސްލާހެއްކަމަށް ރައީސް ވިދާޅުވިއެވެ. އެގޮތުން މިހާރު ބޭރުގެ އެންމެ ސިފައިންގެ މީހަކަށްވެސް ރާއްޖޭގައި އޮޕަރޭޓް ކުރެވޭނީ މަޖިލީހުގެ އަޢުލަބިއްޔަތުން ފާސްކޮށްގެންކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ޝަރުތުތަކަކާއި ގުޅޭ މާއްދާއަށް ގެންނެވި އިސްލާހާ ގުޅޭގޮތުން ރައީސް ވިދާޅުވީ އެއީވެސް ރައްޔިތުންގެ އަތްމައްޗަށް ބާރު އަނބުރާ ދިނުމަށް ގެންނެވި އިސްލާހެއް ކަމަށެވެ. އެގޮތުން، މަޖިލީހުގެ އިންތިޚާބުގައި ރައްޔިތުން ވޯޓުލަނީ އެ ކެންޑިޑޭޓެއް ހުރި ސިޔާސީ ފިކުރަކަށް ބަލައިގެން ކަމަށާއި، ނަމަވެސް މެމްބަރުކަމަށް ހޮވުމަށްފަހު އެކި ސަބަބުތަކާހުރެ އެ ފިކުރު ބަދަލުކުރުމަކީ ރައްޔިތުން ވޯޓު ދިން ގޮތާ ޚިލާފުވުންކަމަށެވެ.

ރައީސް ވިދާޅުވީ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓު ނެގުމާބެހޭގޮތުން ޤާނޫނު އަސާސީގައި ކުރިން އޮންނަ މާއްދާއަށް މަޖިލީހުގެ މެންބަރުންގެ ވޯޓަކުން ބަދަލު ގެނެވޭގޮތަށް އޮތުމަކީ ނުރައްކާތެރިކަމެއްކަމަށެވެ. އަދި އޭގެ ސަބަބުން ރައްޔިތުންނަށް އޮތް ބާރެއް ނެގުމުގެ އިހްތިޔާރު މަޖިލީހަށް ލިބޭއިރު އެންމެފަހުން ގެންނެވި އިސްލާހާއެކު ފެންނަ ނުފެންނަ ވޯޓަކަށް ދާންޖެހޭ ކަންކަމުގައި ރައްޔިތުންގެ ވޯޓެއް ނުނަގަން މަޖިލީހުން ނިންމާނަމަ، އެކަމުގައިވެސް ރައްޔިތުންގެ ވޯޓެއް ބޭނުންވާނެކަން ރައީސް ފާހަގަކުރެއްވިއެވެ.

"ސިޔާސީ ތަޢައްސުބުން އެއްކިބާވެވަޑައިގެން، ވިސްނާވަޑައިގެންފި ކޮންމެ ރައްޔިތަކަށްވެސް ކޮންމެ ބޭފުޅަކަށްވެސް ވަރަށް ފަސޭހައިން ފަހުމުވެވަޑައިގަންނަވާނެ ޤާނޫނުއަސާސީ މިހާރުކަން މިއޮތީ ކުރިއަށްވުރެ ރަނގަޅަށް ރައްޔިތުންގެ ބާރުވެރިކަން ޔަގީންކުރެވިފައި. ރައްޔިތުންގެ ޙައްގުތައް ރައްޔިތުންގެ އަތްމައްޗަށް ރައްޔިތުން ބޭނުންވާގޮތަށް ކޮންޓްރޯލް ލިބިފައި،" ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ އެމަނިކުފާނު އަބަދުވެސް މަސައްކަތް ކުރައްވާނީ ރައްޔިތުންގެ ފަޅީގައި ހުންނަވައިގެން ރައްޔިތުންގެ ކުރިމަގާއި ޤައުމުގެ ތަރައްގީއަށް ކުރަންޖެހޭކަންކަން ކުރުމަށް ކަމަށެވެ. އަދި މި އިސްލާހުތަކަކީ ޤައުމަށް ހަމަޖެހުމާއި ތަރައްޤީ ގެނެސް، ގައުމުގެ މިނިވަންކަމާއި ސިޔާދަތު ރައްކާތެރިކުރުމަށްޓަކައި ގެންނެވި އިސްލާހުތަކެއްކަމަށް ވިދާޅުވިއެވެ.