ޚަބަރު

ރައީސުލްޖުމްހޫރިއްޔާ އއ. މަތިވެރިއަށް ވަޑައިގެންފި


  • ކައުންސިލްގެ އިތުރުން، ރަށުގެ ރައްޔިތުންނާވެސް ބައްދަލުކުރައްވާނެ

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އއ.މަތިވެރިއަށް ވަޑައިގެންފިއެވެ.

ރައީސުލްޖުމްހޫރިއްޔާ އއ.މަތިވެރިއަށް ވަޑައިގެންނެވީ މާލެ އަތޮޅުގެ ބައެއް ރަށްރަށަށާއި އަރިއަތޮޅު އުތުރުބުރީގެ ރަށްތަކަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިންނެވެ.

ރައީސުލްޖުމްހޫރިއްޔާ މަތިވެރިއަށް ވަޑައިގެންނެވުމަށް އެމަނިކުފާނަށް މަރުހަބާ ދެންނެވުމަށް އެރަށުގެ ގިނަ އަދަދެއްގެ ބަޔަކު ވަނީ ނިކުމެފައެވެ. މަތިވެރިއަށް ކުރައްވާ ދަތުރުފުޅުގައި މަތިވެރީގެ ކައުންސިލުގެ އިތުރުން، ހިމަންދު އާއި މާޅޮހާއި ފެރިދޫ އަދި ބޮޑުފޮޅުދޫގެ ކައުންސިލާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީގެ މެންބަރުންނާ ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. އަދި އެެ ރަށު ރައްޔިތުންނާވެސް މިރޭ އެމަނިކުފާނު ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.

މާލެ އަތޮޅުގެ ބައެއް ރަށްރަށަށާއި އަރިއަތޮޅު އުތުރުބުރީގެ ރަށްތަކަށް ކުރައްވާ ދެ ދުވަހުގެ މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާ މިއަދު ހެނދުނު އެންމެ ފުރަތަމަ ވަޑައިގަތީ ތޮއްޑޫއަށެވެ. އަދި މިއަދު މެންދުރު ވަޑައިގަތީ ރަސްދޫއަށެވެ. މަތިވެރިއަކީ މިއަދުގެ އެންމެ ފަހު މަންޒިލެއްގެ ގޮތުގައި އެމަނިކުފާނު ވަޑައިގަންނަވާ ރަށެވެ.

ރައީސްގެ މިދަތުރުފުޅުގައި މާދަމާ ކ.އަތޮޅުން އެންމެ ފުރަތަމަ ވަޑައިގަންނަވާނީ ގާފަރަސެވެ. އެއަށްފަހު ހުރާ އަދި ހިންމަފުއްޓަށް ވަޑައިގަތުމަށް ހަމަޖެހިފައިވެއެވެ. އަދި އެރަށްރަށުގެ ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކާ ބައްދަލުކުރައްވާނެއެވެ. އަދި މިރަށްރަށުގެ ރައްޔިތުންނާވެސް ބައްދަލުކުރެއްވުމަށް ހަމަޖެހިފައިވެއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އަތޮޅުތެރެއަށް ކުރައްވާ ދަތުރުފުޅަކީ ކައުންސިލަރުންނާ ގާތުން މަސައްކަތް ކުރެއްވުމަށައި ކައުންސިލްތަކުގެ ކަންބޮޑުވުންތައް އަޑުއެއްސެވުމަށް ކުރައްވާ ދަތުރުފުޅުތަކެވެ.