އެހެން އަހަރުތަކެކޭ އެއްގޮތަށް މިއަހަރުވެސް ރާއްޖެއިން ބައިނަލްއަޤްވާމީ ގިނަ ޤުރުއާން މުބާރާތްތަކެއްގައި ބައިވެރިވަމުން އަންނަކަމަށް ޤުރުއާނާބެހޭ މަރުކަޒުން ވިދާޅުވެއްޖެއެވެ.
ޕީއެސްއެމްއަށް ދެއްވި ޚާއްޞަ އިންޓަވިއުއެއްގައި ކީރިތި ޤުރުއާނާބެހޭ މަރުކަޒުގެ ރައީސް އަލްއުސްތާޛް އިބްރާހީމް ރަޝީދު މޫސާ ވިދާޅުވީ ޤުރުއާން ހިތުދަސްކުރުމުން ބައިނަލްއަޤްވާމީ މުބާރާތްތަކަށް ބޭނުންވާ ކުދިން ފޮނުވުމަށް ފަސޭހަވާކަމަށެވެ. އަދި މިއަހަރު ދަޢުވަތުދީގެން ރާއްޖެއިން ބޭރުގައި ބާއްވާ ހުރިހާ މުބާރާތްތަކެއްގައި ރާއްޖެ ބައިވެރިވެފައިވާކަމަށް އިބްރާހިމް ރަޝީދު ވިދާޅުވިއެވެ. އެގޮތުން މިހާތަނަށް މިއަހަރު ތިން ޤައުމެއްގެ މުބާރާތުގައި ބައިވެރިވެ، އިތުރު ދެޤައުމެއްގައި ބާއްވާ ޤުރުއާން މުބާރާތްތަކުގައި ބައިވެރިވާ ކުދިންގެ ނަން ހުށައަޅާފައިވާ ކަމަށް އަލްއުސްތާޛު އިބްރާހީމް ރަޝީދު މޫސާ ވިދާޅުވިއެވެ.
މި މުބާރާތްތަކުގައި ބައިވެރިވެވޭ ޝަރުތުތަކުގެ ތެރޭގައި މުޅި ޤުރުއާންގެ ޙުކުމްތައް ހިތުން އެނގުމާއި ފަސްސަވީސް ފޮތް ހިތުދަސްވުމާއި ތަޖުވީދުގެ ޙުކުމްތަކާއެކު ރަނގަޅަށް ކިޔަންއެނގުމާއި ވިހި ފޮތް ހިތުދަސްކޮށް ތަޖުވީދުމަަގަށް ޙުކުމްތަކަށް ކިޔަން އެގުން ހިމެނެއެވެ. އަދި ޢަރަބި ޤައުމުތައް ފިޔަވައި އެހެން ޤައުމުތަކުގެ މީހުންނަށް 6 ފޮތް ދަސްވެފައިވާނަމަ ބައިވެރިވެވޭކަމަށާއި ޢުމުރުން ފަންސަވީސް އަހަރުވުމަކީވެސް ޝަރުޠެއްކަމަށް ޤުރުއާނާބެހޭ މަރުކަޒުން ވިދާޅުވެއެވެ.