ދީން

ތިނަދޫ އިސްލާމީ މަރުކަޒުގެ ފައުންޑޭޝަންގެ މަސައްކަތް ނިމިއްޖެ


ގދ. ތިނަދޫގައި ޢިމާރާތްކުރައްވާ އިސްލާމީ މަރުކަޒުގެ ފައުންޑޭޝަންގެ މަސަކަތް ނިމި، ތަނބުތައް އެޅުމުގެ ތައްޔާރީތައް ފަށްޓަވައިފިއެވެ.

މި މަސައްކަތުގެ ކޮންޓްރެކްޓަރ މޯލްޑިވްސް ރޯޑް ޑިވޮލޮޕްމަންޓް ކޯޕަރޭޝަނުން ބުނީ، މިއީ ދެ ބުރިއަށް ހަދާ މިސްކިތަކަށްވުމުން، ވަރަށް ގިނަ މަސަކަތްތަކެއް ކުރަންޖެހޭކަމަށެވެ. އެހެންނަމަވެސް ބާރު ސްޕީޑުގައި މަސަކަތް ކުރިއަށްދާކަމަށް އެމް.އާރު.ޑީ.ސީގެ ޕްރޮޖެކްޓް އޮފިސަރ އިކްލީލް އާދަމް ވިދާޅުވިއެވެ.

އޮގަސްޓް 22 ގެ ނިޔަލަށް ޢިމާރާތްކުރުމުގެ މަސަކަތް ނިންމަވަން ކަނޑައަޅުއްވާފައިވާ މި އިސްލާމީ މަރުކަޒަކީ، ސަޢޫދީ ޢަރަބިއްޔާގެ ރަސްގެފާނު ސަލްމާން ބިން ޢަބްދުލްޢަޒީޒްގެ ހިލޭ އެހީއާއި، ދިވެހި ސަރުކާރުގެ ބަޖެޓުން ޚަރަދު ކުރައްވައިގެން ހިންގަވާ ތިރީސް ހަތަރެއް ޕޮއިންޓް ހަތަރެއް މިލިޔަން ރުފިޔާގެ މަޝްރޫއެކެވެ.

މިސްކިތުބަޔާއި، ކޮންފަރެންސް ހޯލަކާއި ކްލާސް ރޫމްތައް ޤާއިމްކުރެވޭ މި މަރުކަޒުގެ ސަބަބުން ދެކުނުގެ ހުރިހާ އަތޮޅަކަށްވެސް ޢިލްމީގޮތުން ގިނަ ފައިދާތަކެއް ލިބިގެންދާނެ ކަންވެސް އިސްލާމިކް މިނިސްޓްރީން ފާހަގަކުރައްވައެވެ.