ޚަބަރު

ލުކްމަންގެ ލަނޑާއެކު މިލާން ބަލިކޮށް އެޓަލާންޓާ އެއްވަނައަށް


ފަހު ވަގުތު އަޑެމޯލާ ލުކްމަން ވައްދާލި ލަނޑާއެކު 1-2 ގެ ނަތީޖާއަކުން އޭސީ މިލާން ބަލިކޮށް، ތާވަލުގެ އެއްވަނައަށް އެޓަލާންޓާ ޖެހިލައިފިއެވެ.

އެޓަލާންޓާގެ ދަނޑުގައި ރޭ ކުޅުނު މި މެޗު ފެށިގެން 12 ވަނަ މިނެޓުގައި ލީޑްނެގީ ޗާލްސް ޑެ ކެޓެލާރެ ކާމިޔާބުކުރި ގޯލުންނެވެ.

މެޗުގެ 22 ވަނަ މިނެޓުގައި މިލާނުން އެއްވަރުކުރީ ޕޯޗުގީޒް ފޯވާޑް، ރަފައެލް ލެއާއޯ ނަގައިދިން ހުރަހަކުން އަލްވާރޯ މޮރާޓާ ޖަހައިދިން ލަނޑުންނެވެ. މި ގޯލާއެކު ދެ ޓީމުން ފުރަތަމަ ހާފު ނިންމާލީ 1-1 އިން އެއްވަރުވެގެންނެވެ.

މެޗު ނިމެން ތިން މިނެޓަށްވެފައިވަނިކޮށް ކޯނަރެއްގެ އެހީގައި ސެއަދު ކޮލާސިނަޗް ދިން ބޯޅައަކުން އެޓަލާންޓާ މޮޅުވި ލަނޑު، އަޑެމޯލާ ލުކްމަން ކާމިޔާބުކުރީ ބޮލުންނެވެ.

ރޭގެ ނަތީޖާއާއެކު އެޓަލާންޓާ އެއްވަނައިގައި އޮތީ 15 މެޗުން 34 ޕޮއިންޓް ހޯދައިގެންނެވެ. ދެވަނައިގައި އޮތް ނަޕޯލީ އަށް އެއްމެޗު މަދުން ކުޅެގެން ލިބިފައިވަނީ 32 ޕޮއިންޓެވެ. އިންޓަ މިލާން ތިންވަނައިގައި އޮތީ 14 މެޗުން 31 ޕޮއިންޓް ހަމަކޮށްގެންނެވެ. ހަތަރުވަނައިގައި އޮތް ފިއޮރެންޓީނާ އަށް 13 މެޗުން ލިބިފައިވަނީ 28 ޕޮއިންޓެވެ.

މި މެޗުން ބަލިވި މިލާން އޮތީ ތާވަލްގެ ހަތްވަނައިގައެވެ. އެ ޓީމަށް މިހާތަނަށް ކުޅުނު 14 މެޗުން ލިބިފައިވަނީ 22 ޕޮއިންޓެވެ.

ލީގުގައި ދެން ކުޅޭ މެޗުގައި އެޓަލާންޓާ ނިކުންނާނީ މި މަހުގެ 14 ވަނަ ދުވަހު ރަށުން ބޭރުގައި ކަލިއާރީއާ ދެކޮޅަށެވެ. އޭގެކުރީން، އަންނަ އަންގާރަ ދުވަހުގެ ރޭ ޔުއެފާ ޗެމްޕިއަންސް ލީގުގައި އަމިއްލަ ދަނޑުގައި އެ ޓީމު ނިކުންނާނީ އެންމެ ފަހުގެ ޗެމްޕިއަން، ރެއާލް މެޑްރިޑާ ދެކޮޅަށެވެ.