ކުޅިވަރު

ގަދަ 16ގައި ސްޕެއިން އިޓަލީއާ ދެކޮޅަށް ނިކުންނަން ޖެހިއްޖެ


ގްރޫޕް ސްޓޭޖުގެ ފަހު މެޗްގައި ކްރޮއޭޝިޔާ އަތުން ބަލިވުމުން ސްޕެއިން ގަދަ ސޯޅައިގައި އިޓަލީއާ ބައްދަލުކުރަން ޖެހިއްޖެއެވެ.

ގްރޫޕް ޑީގައި ރޭ ކްރޮއޭޝިޔާ ސްޕެއިން ބައްދަލުކުރި މެޗް ކްރޮއޭޝިޔާ ކާމިޔާބުކުރީ ދެ ލަނޑު އެއް ލަނޑުންނެވެ. މެޗްގައި ކްރޮއޭޝިޔާގެ ދެ ލަނޑު ކާމިޔާބުކޮށްދިނީ ނިކޮލަ ކަލިނިޗާ، އިވާން ޕެރިސިޗެވެ. 

ސްޕެއިންގެ ހަމައެކަނި ލަނޑު ކާމިޔާބުކޮށްދިނީ މެޗްގެ ހަތްވަނަ މިނެޓްގައި އަލްވާރޯ މޮރާޓާއެވެ. މި މެޗްގައި ސްޕެއިންއަށް ލިބުނު ޕެނަލްޓީއެއް ކެޕްޓަން ސާރޖިއޯ ރާމޯސްވަނީ ބޭކާރުކޮށްލާފައެވެ. ރާމޯސް ފޮނުވާލި ޕެނަލްޓީ ކްރޮއޭޝިއާގެ ކީޕަރ ވަނީ ދިފާޢުކޮށްފައެވެ. ގްރޫޕް ޑީގައި ރޭ ކުޅުނު މި މެޗުން ކްރޮއޭޝިޔާ މޮޅުވުމުން އެ ޓީމު ދެވަނަ ބުރުން ޖާގަ ހޯދާފައިވަނީ ހަތް ޕޮއިންޓާއެކު ގްރޫޕްގެ އެއްވަނަ ޓީމުގެ ގޮތުގައެވެ. ސްޕެއިން އޮތީ ގްރޫޕްގެ ދެވަނާގައި ހަ ޕޮއިންޓާއެކުއެވެ. 

ދެވަނަ ބުރުގައި ސްޕެއިންއާއި އިޓަލީ ވާދަކުރަން ޖެހުނުއިރު މިދެޓީމަކީ އެންމެ ފަހުގެ ޔޫރޯ ފައިނަލްގައިވެސް ވާދަކުރި ދެޓީމެވެ.

 ގަދަ ސޯޅައިގައި ކްރޮއޭޝިޔާ ބައްދަލުކުރަން ޖެހޭނެ ޓީމެއް ކަށަވަރުވެގެން ދާނީ މިރޭ ކުޅޭ ގްރޫޕް ސްޓޭޖުގެ ފަހު މެޗްތަކަށްފަހުއެވެ. މިރޭ ނުވައެއް ޖަހާއިރު ކުޅޭ ގްރޫޕް އެފްގެ ދެ މެޗްގައި ބައްދަލުކުރާނީ ހަންގޭރީއާ ޕޯޗްގަލް އަދި އައިސްލެންޑާ އޮސްޓްރިއާއެވެ. މިރޭ ދަންވަރު ބާރަ ޖަހާއިރު ކުޅޭ ގްރޫޕް އީގެ ދެ މެޗްގައި ބައްދަލުކުރާނީ އިޓަލީއާ އަޔަރލެންޑް އަދި ސްވިޑުންއާ ބެލްޖިއަމްއެވެ.