ރާއްޖޭގެ އިންތިޚާބީ ކަންކަން އިތުރަށް ތަރައްޤީކުރައްވައި ހަރުދަނާކުރެއްވުމާއެކު، ދެފުށް ފެންނަ ގޮތަކަށް ވޯޓްލުމުގެ ކަންތައްތައް އިންތިޒާމްކުރެއްވުމަށް ކުރައްވާ މަސައްކަތްތަކުގެ ދަށުން ފުރަތަމަ ފަހަރަށް ރާއްޖެއަށް އީވޯޓިންގ ތަޢާރަފްކުރެއްވުމުގެ މަސައްކަތް އިލެކްޝަންސް ކޮޝަނުން ގެންދަވަނީ ކުރައްވަމުންނެވެ.
ޕައިލެޓް ޕްރޮގްރާމެއްގެ ގޮތުގައި އީވޯޓިންގގެ އެއްބައި ކުރިއަށް އޮތް އިންތިޚާބުގައި ރާއްޖޭގެ ބައެއް ހިސާބުތަކުގައި ބޭނުން ކުރެއްވުމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ނިންމަވާފައެވެ. އަދި މި ނިޒާމުގެ ދަށުން ލޯކަލް ކައުންސިލްގެ އިންތިޚާބުގައި ވޯޓްލާނެ ސަރަޙައްދުތައް ކަނަޑައެޅުއްވުމަށް ސިޔާސީ ޕާޓީތަކާ މަޝްވަރާކުރެއްވުމަށްވެސް އެ ކޮމިޝަނުން ވަނީ ނިންމަވާފައެވެ.
ރައްޖޭގައި ތަޢާރަފްކުރައްވާނެ އެންމެ ރަނގަޅު އީ-ވޯޓިންގ ނިޒާމު ދެނެގަނެ ފައިނަލްކުރެއްވުމައްޓަކައި އަވައްޓެރި ޤައުމުތަކާއި ދުނިޔޭގެ ކުރިއަރާފައިވާ ޤައުމުތަކުގެ ތެރެއިން އީ-ވޯޓިންގ ނިޒާމް ބޭނުންކުރަމުން އަންނަ ޤައުތަކުގައި މި ނިޒާމު މަސައްކަތް ކުރާގޮތް މިހާރުވެސް އިލެކްޝަންސް ކޮމމިޝަނުން ވަނީ ބައްލަވާފައެވެ. އެ ކޮމިޝަނުގެ ސެކެއްޓަރީ ޖެނެރަލް އަޙްމަދު ޢަލީ ވިދާޅުވީ، ކުރިއަށް އޮތްތަނުގައި އަދި އިތުރު ބައެއް ޤައުމުތަކުގައި މި ނިޒާމު ބޭނުންކުރާ ގޮތް ބެއްލެވުމަށް އެ ޤައުމުތަކަށް ދަތުރުކުރައްވަން ހަމަޖެހިފައިވާކަމަށެވެ.
ލޯކަލް ކައުންސިލް އިންތިޚާބުގައި ޕައިލެޓް ޕްރޮގްރާމެއްގެ ގޮތުގައި އީވޯޓިންގ ފުރަތަމަ ތަޢާރަފްކުރެއްވި ނަމަވެސް 2018 ގެ ރިޔާސީ އިންތިޚާބުގައި މިނިޒާމު ފުރިހަމައަށް ބޭނުންކުރެއްވުމަކީ އިލެކްޝަންސް ކޮމިޝަނުގެ އަމާޒެކެވެ. މިނިޒާމު ތަޢާރުފްކުރެއްވުމުން، އިންތިޚާބުތައް ބޭއްވުމުގެ ޚަރަދު ކުޑަވެގެންދާނެކަމަށް އީ.ސީން ވިދާޅުވެއެވެ.
ކޮމިޝަނުގެ ސެކެއްޓަރީ ޖެނެރަލް އަޙްމަދު ޢަލީ ވިދާޅުވީ، އެކޮމިޝަނުގައި މިހާރު ހުރި ކެޕޭސިޓީ ބޭނުންކުރައްވައިގެން އީވޯޓިންގ ތަޢާރަފްކުރެއްވުމުގެ ތައްޔާރީތަށް ފަށްޓަވައި، މިހާރު ހުރި ބައެއް އިންތިޒާމުތަށް އިލެކްޓްރޯނިކް ނިޒާމުގެ ތެރެއަށް ފައްތަވަމުން ގެންދަވާކަމަށެވެ. މިކަމުގެ ބޭނުމަކީ އީވޯޓިން ނިޒާމަކީ ސަލާމަތީގޮތުން އެންމެ ރައްކާތެރި އަދި ރައްޔިތުންގެ އިތުބާރު ލިބޭ ގޮތަށް ރާއްޖެއަށް ތައާރަފްކުރެވޭ ނިޒާމް ހެއްދެވުމަށްކަމަށް އަޙްމަދު ޢަލީ ވިދާޅުވިއެވެ.
އީ-ވޯޓިން ނިޒާމް ތަޢާރަފް ކުރެއްވުމަށް އިލެކްޝަންސް ކޮމިޝަނުން ކުރައްވަމުން ގެންދަވާ މަސަކަތްތަކާ ގުޅޭގޮތުން ބައެއް ސިޔާސީ ޕާޓީތަކުން ޙަޤީޤަތާ ޚިލާފު ވާހަކަ ފަތުރާކަމަށް ބުނެ ދާދިފަހުން އެކޮމިޝަނުގެ ރައީސް ވަނީ އެކަން ހަރުކަށި އިބާރާތުން ކުއްވެރިކުރައްވާފައެވެ.