ޚަބަރު

ޓެރަރިޒަމާ ބެހޭ ސިޔާސަތު ދިރާސާ ކުރުމަށް ކޮމިޓީއަކަށް ފޮނުވައިފި


ޓެރަރިޒަމާއި ހައްދުފަހަނައަޅައިދިއުމާ ބެހޭގޮތުން ދިވެހި ދައުލަތުގެ ސިޔާސަތުތައް ބަޔާންކުރައްވައި ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންގެ މަޖިލީހަށް ފޮނުއްވާފައިވާ މައްސަލަ މަޖިލީހަށް ބަލައިގެންފިއެވެ.

މި މައްސަލަ މަޖިލީހަށް ބަލައިގަނެ ދިރާސާކުރެއްވުމަށް ވަނީ 11 މެމްބަރުންގެ ކޮމިޓީއަކަށް ފޮނުއްވާފައެވެ.

ރައްޔިތުންގެ މަޖިލީހަށް ރައީސުލްޖުމްހޫރިއްޔާ މިކަރުދާސް ހުށައެޅުއްވީ، ޓެރަރިޒަމާއި ހައްދުފަހަނަޅައިދިޔުމަކީ، މިވަގުތު ރާއްޖެއަށް ދިމާވެފައިވާ އެންމެ ބޮޑު އެއް މައްސަލަކަމުގައިވެފައި، މިއީ ޤައުމުގެ ސަލާމަތާއި ރައްޔިތުންގެ ރައްކާތެރިކަމާ ގުޅިފައިވާ މައްސަލައަކަށްވާތީކަމަށް ބަޔާންކުރައްވާފައިވެއެވެ. މި ކަރުދާހުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައިވަނީ، މިކަމަކީ މުޅި ދުނިޔެއަށްވެސް ދިމާވެފައިވާ ބިރުވެރި، ނުރައްކާތެރި މައްސަލައަކަށްވާއިރު، މިކަމުގައި ރާއްޖެއިން މިހާރުވެސް އެދެވޭ ފިޔަވަޅުތަކެއް އަޅަމުން ގެންދިޔަނަމަވެސް، މިހާރު އޮތް ޤާނޫނީ އޮނިގަނޑުގެ ތެރެއިންނާއި، އަދި ޤާނޫނީ އޮނިގަނޑު އިޞްލާޙުކޮށްގެންވެސް، އިތުރު އަވަސް ފިޔަވަޅުތަކެއް އަޅުއްވަންޖެހޭ ކަމަށް ދެކެވަޑައިގަންނަވާކަމަށެވެ.

ޓެރަރިޒަމާއި ހައްދުފަހަނައަޅައިދިޔުމުން ދިމާވެފައިވާ އަދި ދިމާވަމުންދާ، ޚާރިޖީ، ދާޚިލީ، އަދި އިޖްތިމާޢީ މައްސަލަތަކަކީ، އެކަންކަން ޙައްލުކުރުމުގައި ސަރުކާރުން ވަރަށްބޮޑު އިސްކަމެއް ދެއްވައިގެން ކުރައްވަމުން ގެންދަވާ މަސައްކަތެއްކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ވިދާޅުވެއެވެ.