ޚަބަރު

ނާޒިމްގެ ފަރާތުން ހުށައެޅި ހެކިން ހާޒިރުކުރާކަށް ނުޖެހޭ- ދައުލަތް


ކުރީ ޑިފެންސް މިނިސްޓަރ މުޙައްމަދު ނާޒިމްގެ މައްޗަށް އިއްވާފައިވާ އެގާރަ އަހަރުގެ ޖަލު ހުކުމް އިސްތިއުނާފްކުރުމަށް ސުޕްރީމްކޯޓަށް ހުށައަޅުއްވާފައިވާ ހުށައެޅުން ބަލައިގަތުމާއި މެދު ގޮތެއް ނިންމެވުމަށް ބޭއްވި އިޖުރާއި އަޑުއެހުންތައް މިއަދު ނިންމަވާލައްވައިފިއެވެ.

ހަނގުރާމަވެރި ހަތިޔާރު ގެންގުޅުނުކުށް ސާބިތުވެ މުޙައްމަދު ނާޒިމް 11 އަހަރަށް ޖަލަށް ލުމަށް ދަށުކޯޓުން ކުރި ހުކުމަށް ހައިކޯޓުން ވަނީ ތާއީދުކުރައްވާފައެވެ.

މި މައްސަލާގެ ފުރަތަމަ އަޑުއެހުމުގައި ނާޒިމްގެ ފަރާތްޕުޅުން ދެއްކެވި ވާހަކަތަކަށް ދައުލަތުގެ ވަކީލްގެ މިއަދު ރައްދުދެއްވާފައިވެއެވެ. މިގޮތުން ނާޒިމް ދިރިއުޅުއްވާ ކޮޓަރީގައި ފިސްތޯލައަކާއި 3 ވަޒަން ބާއްވާފައިވަނީ އެ ކޮޓަރި ބަލާ ފާސްކުރަން ވަތް ފުލުހެއްކަމަށް ބުނެ ނާޒިމްގެ ފަރާތްޕުޅުން ދައްކަވާފައިވަނީ ދޮގު ވާހަކަތަކެއްކަމަށް ދައުލަތުގެ ވަކީލް ވިދާޅުވެފައިވެއެވެ. އަދި އެމީހެއްގެ ވާހަކަ ދަށުކޯޓާއި ހައިކޯޓްގައިވެސް ދައްކަވާފައި ނެތުމުން އެމީހަކު ހެކިންގެ ގޮތުގައި ހާޒިރުކުރަން ނުޖެހޭކަމަށްވެސް ދައުލަތުގެ ވަކީލް މިއަދު ވިދާޅުވިއެެވެ.

ނާޒިމްގެ ކޮޓަރިން ފެނުނު ފިސްތޯލައަކީ ސިފައިންގެ ބަޑި ގުދަނުން މަދުވި ހަތިޔާރެއްކަމަށް ބުނެ ނާޒިމްގެ ވަކީލް ދެއްކެވި ވާހަކަތަކަށް ރައްދުދެއްވަމުން ދައުލަތުގެ ވަކީލް ވިދާޅުވީ އެ ހަތިޔާރަކީ ސިފައިންގެ ބަޑިގުދަނުގެ ހަތިޔާރެއްނަމަވެސް ނާޒިމް ކުށްވެރިވާކަމަށެވެ. ނާޒިމަކީ އޭރުގެ ޑިފެންސް މިނިސްޓަރުކަމުން މީހަކު މެދުވެރިކޮށް އެ ހަތިޔާރު ސިފައިންގެ ބަޑިގުދަނުން ނެގުމުގެ ފުރުސަތު ނާޒިމަށް އޭރު އޮތްކަމަށް ދައުލަތުގެ ވަކީލް ވިދާޅުވިއެވެ. އަދި ނާޒިމްގެ ކޮޓަރިން ފެނުނު ފިސްތޯލައަކީ ސިފައިންގެ ހަތިޔާރެއްކަން ކޯޓްގައި ހެކިބަސް ދެއްވި ކެޕްޓަން ޢަލީ އިހުސާން ޔަގީންކަމާއެކު ވިދާޅުވެފައިނުވާކަންވެސް ދައުލަތުގެ ވަކީލް ފާހަގަކުރެއްވިއެވެ.

ނާޒިމްގެ ކޮޓަރިން ފިސްތޯލަ ފެނުނު މައްސަލައަކީ އޭނާ ފްރޭމްކުރުމަށް ކުރީގެ ނާއިބް ރައީސް އަޙުމަދު އަދީބާއި އޭރުގެ ޕޮލިސް ކޮމިޝަނަރ ރާއްވަވައިގެން ކުރެއްވިކަމެއްކަމަށް ބުނެ އެކަން ސާބިތުކުރުމަށް އެ ފަރާތްތަށް ކޯޓަށް ހާޒިރުކޮށްދެއްވުމަށް ނާޒިމްގެ ފަރާތްޕުޅުން އެދިވަޑައިގެން އެދިވަޑައިގަތުމަށްވެސް ދައުލަތުން މިއަދު ދެކޮޅު ހައްދަވާފައިވެއެވެ. ދައުލަތުގެ ވަކީލް ވިދާޅުވީ ދަށު މަރުހަލާގެ ކޯޓްތަކުގައިވެސް ހެކީގެ ގޮތުގައި އަޙުމަދު އަދީބުގެ ނަން ނާޒިމްގެ ފަރާތްޕުޅުން ހުށައަޅުއްވާފައިނުވާތީ މިހާރުވެސް އަދީބު ހާޒިކުރަން ނުޖެހޭކަމަށެވެ. މީގެ އިތުރުން  ކުރީގެ ޕްރޮސެކިއުޓަރ ޖެނެރަލް މުހުތާޒް މުހުސިންއާއި ކުރިމިނަލްކޯޓްގެ ކުރީގެ އިސްގާޒީ އަބްދުﷲ މުޙައްމަދު ހެކިންގެ ގޮތުގައި ހާޒިރުކުރުމަށް ނާޒިމްގެ ވަކީލު އެދިވަޑައިގެންގަތުމުންވެސް ދައުލަތުން ދެކޮޅު ހައްދަވާފައިވެއެވެ.