ރާއްޖޭގައި އުޅޭ ދޫނިތަކާއި ރާއްޖެއަށް ހިޖުރަކުރާ ދޫނިތަކާ ގުޅޭ ދިރާސާއެއް ކުރުމަށް ނިއުޒިލެންޑުގެ ޔުނިވަރސިޓީ އޮފް އޯކްލެންޑާއެކު އެއްބަސްވުމެއް އެކުލަވާލައިފިއެވެ.
މިއެއްބަސްވުން އެކުލަވާލަފައިވަނީ އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އެޖެންސީ، އީޕީއޭއާއި ޔުނިވަރސިޓީ އޮފް އޯކްލެންޑާ ދެމެދުއެވެ. މިއެއްބަސްވުމުގައި ރާއްޖޭން ސޮއިކުރެއްވީ މޫސުމީ ބަދަލުތަކާއި ތިމާވެއްޓާއި ހަކަތައާ ބެހޭ ވަޒީރު ޠާރިޤް އިބްރާހިމެވެ.
އީޕީއޭއިން ވިދާޅުވީ މިއެއްބަސްވުމުގެ މަގުސަދަކީ ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި އުޅޭ ދޫނިތަކާއި ރާއްޖެއަށް ހިޖުރަކުރާ ދޫނިތަކާ ބެހޭ ދިރާސާތައް ކުރުމުގައި އެއެޖެންސީގެ ގާބިލުކަން އިތުރުކުރުން ކަމަށެވެ.
އެގޮތުން މިދޫނިތައް އުޅޭ މާހައުލާއި ދިރިއުޅުމުގެ ވައްޓަފާޅިއާ ގުޅުން ހުރި މުހިންމު ކަންކަން ދެނެގަތުމަކީވެސް މިއެއްބަސްވުމުގެ މުހިންމު ބޭނުމެއް ކަމަށް އީޕީއޭން ވިދާޅުވެއެވެ. އަދި މި އެއްބަސްވުމަކީ ރާއްޖޭގެ ވެށި ހިމާޔަތްކުރުމަށާއި ދިރޭތަކެތީގެ ނަސްލު ހިމާޔަތްކުރުމަށް ކުރާ މަސައްކަތަށް ލިބޭނެ ވަރަށް ބޮޑު އެހީއެއްކަމަށްވެސް އެއެޖެންސީން ވިދާޅުވެއެވެ.