ޚަބަރު

ޓުއަރިޒަމާބެހޭ ޤާނޫނަށް ހުށަހެޅި އިޞްލާހު ބަލައިގެންފި


ރާއްޖޭގައި ހިންގާ ގެސްޓް ހައުސްތަކަށް އަންނަ ފަތުރުވެރިންގެ އަތުން ގްރީން ޓެކްސް ނެގޭގޮތަށް ޓުއަރިޒަމާބެހޭ ޤާނޫނަށް ހުށައެޅުއްވި އިޞްލާޙަށް މެމްބަރުން ތާއީދުކުރައްވައި، އެބިލް މަޖިލީހަށް ބަލައިގެންފިއެވެ. 

މި ބިލް މަޖިލީހަށް ބަލައިގަތުމަށްފަހު އިތުރަށް ދިރާސާކުރުމަށް ފޮނުއްވީ މުޅިމަޖިލީހުގެ ކޮމިޓީއަށެވެ. ދިވެހިރާއްޖޭގެ ޓުއަރިޒަމާބެހޭ ޤާނޫނަށް އިޞްލާޙު ހުށައެޅުއްވީ މަޖިލީހުގެ މެޖޯރިޓީ ލީޑަރު، ވިލިމާލެ ދާއިރާގެ މެމްބަރު އަޙްމަދު ނިޙާން ޙުސައިން މަނިކެވެ.

ރާއްޖޭގައި ހިންގާ ރިސޯޓުތަކާއި ޓުއަރިސްޓް ހޮޓާތަކާއި ޓުއަރިސްޓު އުޅަނދުތަކަށް އަންނަ ފަތުރުވެރިންގެ އަތުން ގްރީން ޓެކްސް ނެގުމަށްރައްޔިތުންގެ މަޖިލީހުން ފާސްކުރައްވައި، ޓެކްސް ނަންގަވަން ފަށްޓަވާފައިވަނީ މިދިޔަ ނޮވެމްބަރު މަހުގެ ތެރޭގައެވެ. ނަމަވެސް ގެސްޓްހައުސްތަކުން ގްރީން ޓެކްސް ނެގުން މިހާތަނަށް ޤާނޫނުގައި ކަނޑައެޅިފައެއް ނުވެއެވެ. ވިލިމާލެ ދާއިރާގެ މެމްބަރު އަޙްމަދު ނިޙާން ޙުސައިން މަނިކު ޓުއަރިޒަމާ ބެހޭ ޤާނޫނަށް ހުށައެޅުއްވި އިޞްލާޙުގައި ވަނީ، ރާއްޖޭގައި ހިންގާ ގެސްޓް ހައުސްތަކަށް އަންނަ ފަތުރުވެރިންގެ އަތުން ގްރީން ޓެކްސް ނެގޭނެކަމަށެވެ. ގްރީން ޓެކްސް ނަގައި ދައުލަތަށް ދެއްކުމަކީ އެ ފަތުރުވެރިއަކު ހުރި ތަނެއް ހިންގާ ފަރާތެއްގެ ޒިންމާއެއްކަމަށް އިޞްލާޙުގައިވެއެވެ.

މި ޤާނޫނު ފާސްވުމުން ޓުއަރިސްޓް ގެސްޓް ހައުސްތަކަށް އަންނަ ފަތުރުވެރިން އެތަނެއްގައި ހޭދަކުރާ ކޮންމެ ދުވަހަކަށް މީހަކަށް 6 ޑޮލަރުގެ ރޭޓުން ޓެކްސް ނެގޭނެއެވެ. އަދި މި ޤާނޫނަށް ނިހާން ހުށައަޅުއްވާފައިވާ އިޞްލާޙުގައި ފަތުރުވެރިކަމަށް ކުށްޔަށް ދީފައިވާ ރަށްތަކާއި ބިންތައް ކުއްޔަށް ދޫކޮށްފައިވާ މުއްދަތު އަލުން ހުޅުވާލައި ކުއްޔަށް ދޫކުރޮށްފައިވާ މުއްދަތު އިތުރުކުރުމަށް ދައްކަންޖެހޭ ފީ ދެއްކުމަށް އައު މުއްދަތެއް ވަނީ ކަނޑައަޅުއްވާފައެވެ. އެގޮތުން 36 މަސްދުވަހުގެ ތެރޭގައި މުއްދަތު އިތުރުކޮށް ނިންމަން ވާނެކަމަށް ބުނެފައިވެއެވެ. މި ޤާނޫނަށް ހުށައަޅުއްވާފައިވާ އަނެއް އިޞްލާޙުގައި ވަނީ، ފަތުރުވެރިކަމާބެހޭ ކަންކަމާ ގުޅިގެން ޓުއަރިޒަމާބެހޭ މިނިސްރީން ދެއްވޭ ޚިދުމަތްތަކަށް ޚިދުމަތުގެ ފީއެއް ނެގޭނެކަމަށެވެ. އެގޮތުން ޤާނޫނަށް ޢަމަލުކުރަން ފަށާ ތާރީޚުން ފެށިގެން ތިންމަސްދުވަހުގެ ތެރޭގައި ފީ ނެގޭނެ ޤަވާއިދު ހަދައި، ގެޒެޓް ކުރަންވާނެކަމަށް ބިލްގައި ބަޔާންކުރައްވާފައިވެއެވެ.  

img:http://s2.psmnews.mv/images/660x400/7466.jpg|ދ.ވޮށްމުލީގައި ތަރައްޤީކުރާ "ސެއިންޓް ރީޖެރސް މޯލްޑިވްސް ވޮށްމުލި ރިސޯޓް"، ފޮޓޯ- ސެއިންޓް ރީޖެރސްގެ އޮފިޝަލް ވެބްސައިޓް

ނިހާން ހުށައެޅުއްވި އަނެއް އިޞްލާޙުގައި، ޢާންމުކޮށް އިޢުލާނުކުރުމަކާ ނުލައި ފަތުރުވެރިކަމާބެހޭ ކަންކަމަށް ރަށް، ނުވަތަ ބިން ނުވަތަ ފަޅު ކުއްޔަށް ދޫކުރެވޭނެ އުޞޫލެއް ކަނޑައެޅުން ހިމެނެއެވެ. އެގޮތުން އެތަނެއް ކުއްޔަށް ދެވޭނީ އެތަނެއް ހިންގުމަށް ތިމާވެށީގެ ގޮތުން އެކަށީގެންވާ ތަނަކަށްވުމާއި، އެކުއިޒިޝަން ފީ އެކީ އެއްފަހަރާ ދައްކާފައިވުމާއި، މާލީ ގޮތުންނާއި ފަންނީ ގޮތުން ޤާބިލް ފަރާތަކަށް ވުމުންކަމަށް ބަޔާންކުރައްވާފައިވެއެވެ. އަދި އެތަނެއް ކުއްޔަށް ދޫކުރުމުގެ ކުރިން ރައީސްޖުމްހޫރިއްޔާގެ އޮފީހުން ހުއްދަ ހޯދަންޖެހޭނެކަމަށްވެސް ބަޔާންކުރައްވާފައިވެއެވެ.

ނިހާން ވިދާޅުވީ، މ ބިލާމެދު ވާހަދަކައްކަވަމުން ވިދާޅުވީ އިޢުލާންކުރުމަކާ ނުލައި ރަށްތައް ކުއްޔަދެވޭނެ ގޮތް ހެދުމަކީ އަލަށް ކުރައްވާކަމެއް ނޫންކަމަށާއި، މިއީ ޤާނޫނަށް މިކަން ފައްތައި، އިމުގެ ތެރެއަށް އެކަން ގެނައުމަށް ހުށައެޅުއްވި އިޞްލާހެއްކަމަށެވެ.

މި އިޞްލާޙްތަކަށް ބަޙުސްކުރެއްވި މެމްބަރުން ވިދާޅުވީ، ކުރިއާ ޚިލާފަށް ރިސޯޓް ތަރައްޤީކުރުމަށް ދޫކުރެވޭނީ އެކަމަށް ޤާބިލް ފަރާތްތަކަށް ކަމަށާއި، ޓުއަރިޒަމް ދާއިރާގެ މިހާރު ހުރި މައްސަލަތަކަށް ޙައްލެއް ލިބިގެންދާނެ ކަމަށް ޤަބޫލްކުރައްވާކަމަށެވެ. ފަތުރުވެރިކަމުގެ ބޭނުމަށް ސަރުކާރުން އުފައްދާފައިވާ ޖޮންއިންޓް ވެންޗަރ ކުންފުނިތަކުގައި ހިމެނޭ ސަރުކާރުގެ ޙިއްޞާ ވިއްކާލެވޭ ގޮތަށް ކަނޑައެޅުންވެސް އަޙްމަދު ނިހާން ޓުއަރިޒަމާބެހޭ ޤާނޫނަށް ހުށައެޅުއްވި އިޞްލާޙުގައިވެއެވެ.