ޚަބަރު

ދުންފަތުގެ ވަގު ވިޔަފާރި ހުއްޓުވަން ރާއްޖެއިން މަސައްކަތް ފަށަނީ


ދުންފަތުގެ ވަގު ވިޔަފާރިއަކީ، ދުނިޔޭގެ ވަރަށް ފުޅާދާއިރާއެއްގައި އަދި ވަރަށް ބޮޑަށް ރޭވިގެން ކުރެވޭ ވިޔަފާރިއެކެވެ. ނުޤަވާޢިދުން ހިންގާ މިފަދަ ވިޔަފާރިތަކުން ޓެކްސް ނުލިބުމުގެ ސަބަބުން ސަރުކާރުތަކައް މާލީ ބޮޑެތި ގެއްލުންތަކާ ވަނީ ކުރިމަތިލާންޖެހިފައެވެ. ހަމަ އެއާއެކު، ދުންފަތުގެ ޞައްޙަ ވިޔަފާރިކުރާ ފަރާތްތަކުގެ ވިޔަފާރިތަކަށް މީގެ ސަބަބުން ހީނަރުކަން ލިބެއެވެ. ވަކިން ޚާއްޞަކޮށް ދުންފަތް ކޮންޓްރޯލްކުރުމަށް ޤައުމުތަކުން ކުރާ މަސައްކަތަށް މިކަމުގެ ސަބަބުން ވަނީ ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލާންޖެހިފައެވެ. މިފަދަ ގޮންޖެހުންތަކުން އަރައިގަތުމަށް ރާއްޖެއިން ކުރަމުންދާ މަސައްކަތުގެ ތެރޭގައި، 2005 ވަނައަހަރު އަމަލުކުރަން ފެށި ދުންފަތް ކޮންޓްރޯލްކުރުމާބެހޭ ބައިނަލްއަޤްވާމީ މުއާޙަދާގައި ބައިވެރިވުން ހިމެނެއެވެ. އަދި މި މުޢާހަދާ ތަންފީޒްކުރުމަށް ބާރުއަޅުމުގެ ގޮތުން 2011 ވަނަ އަހަރު އެކުލަވާލި ޤަރާރުގައިވެސް 2015 ވަނަ އަހަރު ރާއްޖެއިން ވަނީ ބައިވެރިވެފައެވެ. 

މިހާރު ސަރުކާރުން ޢަމާޒު ހިފާފައިވަނީ ދުންފަތުގެ ވަގުވިޔަފާރި ހުއްޓުވުމަށްޓަކައި 2012 ވަނަ އަހަރު ދުނިޔޭގެ ޞިއްޙަތު ޖަމްއިއްޔާއިން ފާސްކުރި ޚާއްޞަ ޕްރޮޓޮކޯލްގައި ބައިވެރިވުމަށެވެ. މި ޕްރޮޓޮކޯލްގައި ބައިވެރިވުމަށްޓަކައި ޞިއްޙަތާބެހޭ ވުޒާރާއިން ކުރައްވަމުން ގެންދަވާ މަސައްކަތުގެ ދަށުން މިއަދު ވަނީ، ކަމާ ގުޅުންހުރި އިދާރާތަކުގެ ލަފާ ހޯއްދެވުމުގެ މަޝްވަރާ ފަށްޓާފައެވެ. މި ބައްދަލުވުމުގެ އިފްތިތާޙީ ބަޔާނުގައި ޞިއްޙަތާބެހޭ ވަޒީރު އިރްތިޝާމް އާދަމް ވިދާޅުވީ، މި ޕްރޮޓޮކޯލްގައި ބައިވެރިވުމުގެ ގޮތުން ސަރުކާރުގެ ތެރެއިން ކުރަންޖެހޭ މަސައްކަތްތައް ފަށްޓަވާފައިވާ ކަމަށާއި، އޭގެތެރޭގައި ކަމާ ގުޅުން ހުރި ޤާނޫނުތަކާއި ޤަވާއިދުތަކަށް ގެންނަންޖެހޭ އިޞްލާޙްތައް ހިމެނޭކަމަށެވެ. މިކަންކަން ތަންފީޒްކުރެއްވުމުގައި އެކި އިދާރާތަކުގެ އެހީއާއި އެއްބާރުލުން ބޭނުންވާކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

ދުންފަތުގެ ވަގުވިޔަފާރި ހުއްޓުވުމަށްޓަކައި އެކުލަވާލާފައިވާ ޕްރޮޓޮކޯލްގައި ބައިވެރިވުމާބެހޭ ޚިޔާލުހޯއްދެވުމުގެ މަޝްވަރާގައި ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާއިންވެސް ބައިވެރިވިއެވެ. މިބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން ،ދުނިޔޭގޭ ޞިއްޙަތު ޖަމްޢިއްޔާއިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ މަންދޫބް، ޑރ.އަރްވިންދް މާތުރ ވިދާޅުވީ، ދުންފަތާއި، ދުންފަތުގެ އިސްތިއްމާލުކުރުން ކޮންޓްރޯލްކުރުމަށް ދިވެހި ސަރުކާރުން ގެންގުޅުއްވާ ސިޔާސަތުތަކާއި، ކަމާ ގުޅުންހުރި އިދާރާތަކުން ތަންފީޒްކުރައްވަމުން އަންނަ އުޞޫލްތައް ވަރަށް ފުރިހަމަ ކަމަށެވެ. އަދި އުންމީދަކީ މިއަދު ލިބޭ މަޝްވަރާގެ އަލީގައި ރާއްޖެއަކީ ދުންފަތުގެ ވަގުވިޔަފާރި ހުއްޓުމާބެހޭ ޚާއްޞަ ޕްރޮޓޮކޯލްގައި މި ސަރަޙައްދުން އެންމެ ފުރަތަމަ ބައިވެރިވާ ޤައުމުތަކުގެ ތެރޭގައި ރާއްޖެ ހިމެނިގެން ދިއުންކަމަށެވެ. އަދި މިކަމުގައި ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާގެ ފުރިހަމަ އެހީތެރިކަމާއި، އެއްބާރުލުން ދިވެހި ސަރުކާރަށް ދެއްވާނޭކަމުގެ ފުރިހަމަ ޔަޤީންކަން ޑރ.މާތުރ ދެއްވިއެވެ.

ދުންފަތް ކޮންޓްރޯލް ކުރުމާބެހޭ ބައިނަލްއަޤްވާމީ މުޢާހަދާގެ 15 ވަނަ މާއްދާ ތަންފީޒްކުރުމުގެ ގޮތުން އެކުލާވާފައިވާ ދުންފަތުގެ ވަގުވިޔަފާރި ހުއްޓުވުމުގެ ޚާއްޞަ ޕްރޮޓޮކޯލަކީ ވަގަށް އުފައްދާފައިވާ ނުވަތަ ވަގަށް އެތެރެކޮށް ވިޔާފާރީގެ މުޢާމަލާތްތައް ހުއްޓުމަށް ޚާއްޞަ ޕްރޮޓޮކޯލެކެވެ. ޤާނޫނާއި، ޤަވާއިދާ ޚިލާފަށް ހިންގޭ ވިޔަފާރީގެ މުޢާމަލާތްތަކާއި އެފަދަ ވިޔަފާރި ކުރިއެރުވުމަށް ކުރާ ހުރިހައި މުޢާމަލާތްތައްވެސް މި ޕްރޮކޯލްގެ ދަށުން ހުއްޓުވޭނެއެވެ. މި ޕްރޮޓޮކޯލްއަށް ޢަމަލުކުރަން ފެށޭނީ ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާގެ މެމްބަރު 40 ޤައުމަކުން ބައިވެރިވުމުންނެވެ. ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާއިން އަންދާޒާކުރާ ގޮތުގައި މިއަހަރު މިއަށް ޢަމަލުކުރަން ފެށޭނެއެވެ.