ޚަބަރު

2017 ވަނަ އަހަރުގެ ކުރިން ޕީއެސްއެމްގެ ކޭބަލްޓީވީ މުޅި ރާއްޖެއަށް


ޕީއެސްއެމްއިން ކޭބަލް ޓީވީގެ ޚިދުމަތް ވަރަށް އަވަހަށް ފަށާނެކަމަށާ، އަދި 2017 ވަނަ އަހަރުގެ ކުރިން މުޅި ރާއްޖެއަށް މި ޚިދުމަތް ފުޅާކުރައްވާނެކަމަށް ޕީއެސްއެމްގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް ޚަލީލު ވިދާޅުވެއްޖެއެވެ. ޕީއެސްއެމްގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް ޚަލީލު މިހެން ވިދާޅުވީ މުޅިރާއްޖެއަށް ރިބްރޯޑްކާސްޓްކުރުމުގެ ލައިންސަންސް ޕީއެސްއެމްއާ ހަވާލުކުރުމަށް މިއަދު ބްރޮޑްކާސްޓިން ކޮމިޝަނުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ. 

ޕީއެސްއެމްގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް ޚަލީލް ވިދާޅުވީ ޕީއެސްއެމްއިން ކޭބަލް ޓީވީގެ ޚިދުމަތް މުޅިރާއްޖެއަށް ފުޅާކުރާނީ އެކި މަރުހަލާތަކަށް ބަހާލައިގެންކަމަށެވެ. އެގޮތުން މިހާރުން މިހާރަށްވެސް ޚިދުމަތް ފެށުމަށް ވާންޖެހޭ ތައްޔާރީތައް ވަމުންދާއިރު، ޕީއެސްއެމްއިން މި ޚިދުމަތް ވަރަށް ހެޔޮއަގެއްގައި މުޅި ރާއްޖެއަށް ފޯރުކޮށްދޭނެކަމަށް ޚަލީލް ވިދާޅުވިއެވެ.

img:http://s4.psmnews.mv/images/660x400/14665011993948.jpg|ޕީއެސްއެމްއަށް ކޭބަލް ޓީވީގެ ޚިދުމަތްދިނުމުގެ ލައިސަންސް ހަވާލުކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން / ފޮޓޯ: ޕީއެސްއެމް

ބްރޯޑްކާސްޓިން ކޮމިޝަނުގެ ރައީސް މުހައްމަދު ޝަހީބު ވިދާޅުވީ މުޅިރާއްޖެއަށް ރީބްރޯޑްކާސްޓްކުރުމުގެ ފުރުޞަތު މިހާތަނަށް 3 ފަރާތަކަށް ދީފައިވީނަމަވެސް އެންމެ އެކަށޭނެ ގޮތެއްގައި މުޅިރާއްޖެއަށް ޚިދުމަތް ދެވެމުން ނުދާކަމަށެވެ. އެހެންނަމަވެސް ޕީއެސްއެމްއަށް މި ޚިދުމަތް ދިނުމަށް ލައިސަންސް ދިނުމުން ރަނގަޅު ފެންވަރެއްގައި، އަގުހެޔޮކޮށް މުޅި ރާއްޖެއަށް ޚިދުމަތް ލިބޭނެގޮތް މެދުވެރިވެގެންދާނެކަމަށް ޝަހީބު ވިދާޅުވިއެވެ.

ޝަހީބު ވިދާޅުވީ މިހާރު ބައެއް ރަށްރަށުގައި ޚިދުމަތްދެމުންދާ ފަރާތްތަކުން އެބަޔަކު ތާއިދުކުރާ ފިކުރެއްގެ ޗެނަލްތައް އެކަނި ލިބޭގޮތް ހަދާފައި ހުންނަ މައްސަލަފަދަ މައްސަލަތައް ފެންމަތިވަމުންދާކަމަށާއި ނަމަވެސް ޕީއެސްއެމްއިން މުޅި ރާއްޖެއަށް ޚިދުމަތް ދޭން ފެށުމުން މިކަންކަންވެސް ހައްލުވެގެންދާނެކަމަށް ޝަހީބް ވިދާޅުވިއެވެ.