ޚަބަރު

އިސް މެޖިސްޓްރޭޓުންނާއި މެޖިސްޓްރޭޓުން ހޯދުމަށް އިޢުލާންކޮށްފި


ސާޅީސް ދެ ރަށެއްގެ މެޖިސްޓްރޭޓް ކޯޓުތަކަށް، އިސް މެޖިސްޓްރޭޓުންނާއި މެޖިސްޓްރޭޓުން ހޯދުމަށް ޖުޑީޝަލް ސަރވިސް ކޮމިޝަނުން އިޢުލާންކުރައްވައިފިއެވެ. ޖޭއެސްސީން ތިރީސް ދެ ރަށެއްގެ ކޯޓަށް މެޖިސްޓްރޭޓުން ހޯދުމަށް އިޢުލާންކޮށްފައިވާއިރު، ދިހަ ރަށެއްގެ ކޯޓަށް އިސް މެޖިސްޓްރޭޓުން ހޯދުމަށް އިޢުލާންކޮށްފައިވެއެވެ. 

ޖޭއެސްސީން ވިދާޅުވީ މެޖިސްޓްރޭޓްކަމަށް ކުރިމަތިލާން ބޭނުންވާ ފަރާތްތަކުން ޖުލައިމަހުގެ އެގާރަވަނަ ދުވަހުގެ ކުރިން އެކަމަށް އެދި އެކޮމިޝަނަށް ހުށަހަޅަންޖެހޭނެކަމަށެވެ. އަދި މަޤާމަށް ޝަރުތު ހަމަވެ، ފަނޑިޔާރުކަމަށް ހޮވޭ ފަރާތްތައް މަސައްކަތްކުރައްވާނެ ކޯޓެއް ކަނޑައަޅުއްވާނީ ޖޭއެސްސީން ކަމަށްވެސް، އެކޮމިޝަނުން ވިދާޅުވެއެވެ.

މެޖިސްޓްރޭޓުން ހޯދުމަށް އިޢުލާންކޮށްފައިވާއިރު، އިސް މެޖިސްޓްރޭޓެއްގެ މުސާރައަކީ، ލިވިންގ އެލަވަންސާއި ރިސްކް އެލަވަންސާއި އެކު ފަންސަވީސް ހާސް ހަ ސަތޭކަ ރުފިޔާއެވެ. މެޖިސްޓްރޭޓެއްގެ މުސާރައަކީ އެލަވަންސްތަކާއެކު ތޭވީސް ހާސް ހަތަރު ސަތޭކަ ފަންސާސް ރުފިޔާއެވެ.