ދުނިޔެ

އައިއެސްގެ އަމާޒުތަކަށް އެމެރިކާއިން ޙަމަލާދޭން ފަށައިފި


އަރަބި ގަލްފުގައިވާ އެމެރިކާގެ ކަނޑުގެ ބާރުތަކުން އިރާގުގައިވާ އައިއެސް ޖަމާއަތުގެ އަމާޒުތަކަށް ވައިގެ ޙަމަލާތައް ދޭން ފަށައިފިއެވެ. 

އެމެރިކާގެ ދިފާއީ ވުޒާރާ ޕެންޓަގަން އިން ބުނީ، އަރަބި ގަލްފުގައިވާ އެމެރިކާގެ މަތިންދާބޯޓު އުފުލާ މަނަވަރުކަމަށްވާ ޔޫ.އެސް.އެސް ބޮކްސަރ ބޭނުންކޮށްގެން އިރާގުގައިވާ އައިއެސް ޖަމާއަތުގެ މަރުކަޒުތަކަށް ހޯމަދުވަހު ޙަމަލާތައް ދޭންފަށާފައިވާ ކަމަށާ މިޙަމަލާތައް ދެހަފްތާ ވަންދެން ކުރިޔަށް ކުރިޔަށްގެންދާނެ ކަމަށެވެ. މިއީ އަރަބި ގަލްފުގައި ހަރަކާތްތެރިވާ އެމެރިކާގެ މަތިންދާބޯޓު އުފުލާ މަނަވަރެއް ބޭނުންކޮށްގެން އިރާގުގައިވާ އައިއެސްގެ އަމާޒުތަކަށް އެމެރިކާ ވައިގެ ޙަމަލާތައް ދިން ފުރަތަމަ ފަހަރެވެ. މީގެކުރިން އިރާގުގައިވާ އައިއެސްގެ އަމާޒުތަކަށް އެމެރިކާ ޙަމަލާތައް ދެމުންދިޔައީ ތުރުކީވިލާތުގެ އެންގްރިލިކް ވައިގެ ބޭސް ބޭނުންކޮށްގެންނާއި މެޑިޓަރޭނިޔަން ކަނޑުގައިވާ އެމެރިކާގެ މަތިންދާބޯޓު އުފުލާ މަނަވަރުތަކާ އަދި ގަތަރުގައިވާ އެމެރިކާގެ ވައިގެ ބޭސް ބޭނުންކޮށްގެނެވެ. 

ގަލްފުގައިވާ އެމެރިކާގެ މަތިންދާބޯޓު އުފުލާ މަނަވަރު ޔޫ.އެސް.އެސް ބޮކްސަރ މިހާރު އޮތީ ގަލްފުގެ އެންމެ އުތުރުގައި އިރާގުގެ ކަނޑުގެ ސަރަހައްދާ ވަރަށް ކައިރީގައެވެ. މިމަނަވަރު ބޭނުންކޮށްގެން އިރާގުގައިވާ އައިއެސްގެ އަމާޒުތަކަށް އެމެރިކާއިން ހަމަލާތައް ދޭން މިފެށީ އެމެރިކާގެ ވައިގެ އެހީތެރިކަމާއެކު އައިއެސްއާ ދެކޮޅަށް އިރާގު ސިފައިން ފަށާފައިވާ ޢަސްކަރީ އޮޕަރޭޝަންތަކަށް ބޮޑެތި ކާމިޔާބީތަކެއް ލިބި އައިއެސްގެ ހަނގުރާމަވެރިން އިރާގުގައި ފަހަތަށް ޖެހެމުންދާ ދަނޑިވަޅެއްގައެވެ. 

މިދިޔަ މޭމަހުގެ 23 ވަނަ ދުވަހު އިރާގު ސިފައިން އައިއެސްއާ ދެކޮޅަށް ފަށާފައިވާ އަސްކަރީ އޮޕަރޭޝަނަށް ހަތަރު ހަފްތާ ވެފައިވާއިރު އިރާގުގައިވާ އައިއެސްގެ އެންމެ ބޮޑު މަރުކަޒުކަމަށްވާ ފަލޫޖާގެ ބޮޑުބަޔަކުން އައިއެސްގެ ހަނގުރާމަވެރިން ބޭރުކޮށް  އެރަށުގެ ބޮޑުބައިވަނީ އިރާގު ސަރުކާރުގެ ކޮންޓްރޯލްގެ ދަށަށް ގެންގޮސްފައެވެ. މިއާއެކު އިރާގު ސިފައިންވަނީ އެގައުމުގައިވާ އައިއެސްގެ އެންމެ ބޮޑު ދެވަނަ މަރުކަޒުކަމަށްވާ މޫސަލް މިނިވަންކުރުމުގެ އަސްކަރީ އޮޕަރޭޝަންވެސް ފަށާފައެވެ. 

img:http://s3.psmnews.mv/images/660x400/14664887498484.jpg|އެމެރިކާއިން ވައިގެ ހަމަލާތައް ދިނުމަށް ބޭނުންކުރާ މަތިންދާބޯޓުތަކެއް

މިއޮޕަރޭޝަން ކުރިޔަށްގެންދަނީވެސް އެމެރިކާގެ ވައިގެ އެހީގައެވެ. ގަލްފުގައިވާ އެމެރިކާގެ ބާރުތަކުން އިރާގުގައިވާ އައިއެސްގެ އަމާޒުތަކަށް ޙަމަލާދޭން ފެށުމާގުޅިގެން ދެއްވި ބަޔާނެއްގައި އެމެރިކާ ސިފައިންގެ ކޮމާންޑަރެއްކަމަށްވާ ކެޕްޓަން ކެއިތް ވިދާޅުވީ، ކޮންމެ ދިމާއަކުންވެސް އައިއެސްގެ އަމާޒުތަކަށް ވައިގެ ހަމަލާތައް ދިނުމުގެ ގާބިލްކަން އެމެރިކާއަށް ލިބިފައިވާކަން މިޙަމަލާތަކުން ހާމަވެގެންދާނެ ކަމަށެވެ. އެމެރިކާ ބުނާގޮތުން ދުވާލެއްގެ މައްޗަށް އެވްރެޖްކޮށް ސަތޭކަ ހަތްދިހައަށްވުރެ ގިނަ ވައިގެ އުދުހުންތައް އެމެރިކާގެ ފައިޓަރ ޖެޓްތަކުން އިރާގުގެ މަތިން އުދުހެއެވެ. ކޮންމެ އުދުހުމަކީ ހަމަލާތައް ދޭ އުދުހުމެއް ނޫންނަމަވެސް އެވްރެޖްކޮށް ދުވާލެއްގެ މައްޗަށް ވިއްސާއި ތިރީހާ ދެމެދުގެ އަދަދެއްގެ އަމާޒުތަކަށް އެމެރިކާގެ ފައިޓަރ ޖެޓްތަކުން ބޮމާއި މިސައިލް ހަމަލާތައްދޭ ކަމަށް އެމެރިކާގެ އަސްކަރީ ބަޔާންތައް ބުނެއެވެ. 

އިރާގުގައިވާ އައިއެސްގެ އަމާޒުތަކަށް ހަމަލާތައް ދިނުމުގެ އިތުރުން ސޫރިޔާގައިވާ އައިއެސްގެ އަމާޒުތަކަށްވެސް އެމެރިކާ ކޮންމެ ދުވަހަކު ކަހަލަގޮތަކަށް ހަމަލާތައް ދެމުންގެންދެއެވެ. މިޙަމަލާތައް ދެނީ ތުރުކީވިލާތުގެ އެންގްރިލިކް ވައިގެ ބޭސް ބޭނުންކޮށްގެންނާއި މެޑިޓަރޭނިޔަން ކަނޑުގައިވާ އެމެރިކާގެ މަތިންދާބޯޓު އުފުލާ މަނަވަރުތައް ބޭނުންކޮށްގެނެވެ. މިދުވަސްވަރު މެޑިޓަރޭނިޔަން ކަނޑުގައިވާ އެމެރިކާގެ މަތިންދާބޯޓު އުފުލާ މަނަވަރަކީ ޔޫއެސްއެސް ޓުރޫމަންއެވެ. މިމަނަވަރު ބޭނުންކޮށްގެން އާދީއްތަދުވަހުވެސް ސޫރިޔާގެ އުތުރުގައިވާ އައިއެސްގެ އަމާޒުތަކަށް އެމެރިކާ ވައިގެ ހަމަލާތައް ދީފައިވެއެވެ. އައިއެސްގެ އިތުރުން ސޫރިޔާގައި ހަރަކާތްތެރިވާ ޖަބްހަތުއްނުސްރާ އާއި އެނޫން ހަރުކަށި ޖަމާއަތްތަކާ ދެކޮޅަށްވެސް އެމެރިކާ ހަމަލާތައް ދެމުންގެންދެއެވެ.