ޚަބަރު

"އަތުމީރު" ބްރޭންޑުގެ ހަވާދު ވިއްކުން މަނާކޮށްފި


ރާއްޖޭގެ ބާޒާރުގައި ވިއްކަމުންދާ "އަތުމީރު" ބްރޭންޑްގެ ހަވާދުގެ ބާވަތްތައް ވިއްކަން ބެހެއްޓުމާއި ވިއްކުމަކީ މަނާކަމެއްކަމަށް މޯލްޑްވިސް ފުޑް އެންޑް ޑްރަގް އޮތޯރިޓީން ވިދާޅުވެއްޖެއެވެ.

"އަތުމީރު" ބްރޭންޑުގެ ހަވާދުގެ ބާވަތްތައް ވިއްކަން ބެހެއްޓުމާއި ވިއްކުން މަނާކަމެއްކަމުގައި އެ އޮތޯރިޓީން ނިންމާފައިވަނީ މި ބްރޭންޑްގެ ހަވާދުގެ ބާވަތްތައް އުފައްދާ ތަނުގެ ސާފުތާހިރުކަން ދަށްވުމުގެ ސަބަބުންކަމަށް އެމްއެފްޑީއޭއިން ވިދާޅުވެއެވެ. އަދި އެ ތަކެތި އުފައްދަމުންދާ ތަނަކީ ކާބޯތަކެތި އުފައްދަން އެންމެ އެކަށީގެންވާ ތަނެއް ނޫންކަމަށްވެސް އެއޮތޯރިޓީއަށް ފާހަގަކުރެވިފައިވާކަމަށް އެމްއެފްޑީއޭއިން މަޢުލޫމާތުދެއްވައެވެ.

މި ތަކެތި ބޭނުން ކުރުމަކީ ޢާންމު ޞިއްޙަތައް ނުރައްކަލެއް މެދުވެރިވެދާނެ ފަދަ ކަމަކަށްވާތީ، މި ބްރޭންޑްގެ އުފެއްދުންތައް ބޭނުން ކުރުން ރައްކާތެރި ނޫންކަމަށް ކަނޑައަޅުއްވާ، މިތަކެތި ބާޒާރުން ނެގުމަށް އެ އޮތޯރިޓީން ވަނީ ނިންމަވާފައެވެ. އަދި މިބްރޭންޑްގެ އުފެއްދުންތަކުގެ ރައްކާތެރިކަން ފުޑް އެންޑް ޑްރަގް އޮތޯރިޓީއަށް ކަށަވަރުކޮށް އަންގަވަންދެން މިބާވަތްތައް ބޭނުން ނުކުރުމަށް ވެސް އެ އޮތޯރިޓީން ވަނީ އިލްތިމާސްކުރައްވާފައެވެ.