އޮމަރް މަރްމޫޝް ވައްދާލި ދެ ލަނޑާއެކު އެއިންޓްރަކްޓް ފްރެންކްފަޓުން 4-0 ގެ ނަތީޖާއަކުން ހެއިންޑެންހެއިމް ބަލިކޮށް، އެއްވަނައިގައި އުޅޭ ބަޔާން މިއުނިކާ ދެމެދު އޮތް ފަރަގު ކުޑަކޮށްފިއެވެ.
މި ނަތީޖާއާއެކު ލީގުގެ އެއްވަނައިގައި އުޅޭ ބަޔާނާ ދެމެދު އޮތް ފަރަގު ވަނީ ހަތަރު ޕޮއިންޓަށް ކުޑަކޮށްފައެވެ. ލީގުގެ އެއްވަނައިގައި އުޅޭ ބަޔާނަށް 12 މެޗުން 30 ޕޮއިންޓް ލިބިފައިވާއިރު، ފްރޭންކްފާޓް ދެވަނައިގައި އޮތީ 12 މެޗުން 26 ޕޮއިންޓް ހަމަކޮށްގެންނެވެ. އޭގެ ތިން ޕޮއިންޓް ފަހަތުން ތިންވަނައިގައި ބަޔާ ލެވަކޫސަން އޮތްއިރު، ހަތަރުވަނައިގައި އޮތް އާރްބީ ލީޕްޒިގަށް ލިބިފައިވަނީ 12 މެޗުން 21 ޕޮއިންޓެވެ.
ހެއިޑެންހެއިމްގެ ވޮއިތު-އެރީނާގައި ރޭ ކުޅުނު މެޗުގައި ފްރޭންކްފާޓުން ލީޑްނެގީ 22 ވަނަ މިނެޓުގައި ނަތޭނިއަލް ބްރައުން ދިން ޕާހަކުން އެއްފަހަރުން ފޮނުވާލި ބޯޅައަކުން އެ ޓީމުގެ މިސްރު ފޯވާޑް، މަރްމޫޝް އެވެ. މި ގޯލާ އެކު އެ ޓީމުން ފުރަތަމަ ހާފު ނިންމާލީ އެއްލަނޑުގެ ލީޑެއްގައި އޮވެގެންނެވެ.
ދެވަނަ ހާފުގެ ކުރީކޮޅު، ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނިކުތް ފާރެސް ޝައީބީ ވަނީ ފްރޭންކްފާޓްގެ ލީޑް ފުޅާކޮށްދީފައެވެ. އޭގެފަހުން، މެޗުގެ 58 ވަނަ މިނެޓުގައި މަރްމޫޝް ވަނީ އޭނާގެ ދެވަނަ ލަނޑުޖަހައި، ނަތީޖާ 3-0 އަށް ބަދަލުކޮށްލާފައެވެ. މިއީ މި ފަހަރުގެ ސީޒަނުގެ ލީގުގައި އޭނާ ކުޅުނު 12 މެޗުގައި ޖެހި 13 ވަނަ ގޯލެވެ.
އަދި އޭގެފަހުން، ފްރޭންކްފާޓްގެ މަރްމޫޝް އަށް ހެޓްރިކް ފުރިހަމަކުރަން ރަނގަޅު ފުރުޞަތެއްލިބި ވަނީ ބޭކާރުވެފައެވެ. މި މެޗުގައި ފްރޭންކްފާޓުން ޖެހި ހަތަރުވަނަ ލަނޑު، އިތުރުވަގުތުގެ ތެރޭގައި ކާމިޔާބުކޮށްދިނީ ހޫގޯ އެކިޓީކޭ އެވެ.
މި މުބާރާތުގައި ރޭ ކުޅުނު އަނެއް މެޗުގައި މައިންޒް އަތުން ހޮފެންހައިމް ބަލިވީ 2-0 އިންނެވެ.