ޚަބަރު

އެތުލެޓިކްސް ކޯޗިން ކޯހަކަށް ޔަސްމަން އާއި އަޙްމަދު ހަސަން ފުރައިފި


ވޯލްޑް އެތްލެޓިކްސް ލެވެލް 2 ގެ ކޯޗިން ކޯހުގައި ބައިވެރިވުމަށް ރާއްޖޭގެ ފާތިމަތު ޔަސްމަން އާއި އަޙްމަދު ހަސަން ތައިލެންޑުގެ ވެރިރަށް ބެންކޮކަށް ފުރައިފިއެވެ.

މި ކޯހުގައި ޔަސްމަން ލެވެލް 2 ފުރިހަމަ ކުރަން ހަމަޖެހިފައިވަނީ ތްރޯއިންނެވެ. މީގެއިތުރުން އަހްމަދު ހަސަން ލެވެލް 2 ފުރިހަމަ ކުރާނީ މިޑްލް އެންޑް ލޯންގް ޑިސްޓެންސް އިންނެވެ. އެތްލެޓިކްސް އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން ކުރި ޕޯސްޓެއްގައި މި ދެ ކޯޗުންނަށް ވަނީ ކާމިޔާބީއަށް އެދިފައެވެ.

އައްޑޫ އެތްލިޓްސްގެ ފައުންޑާރ އަދި ރައީސް، ޔަސްމަން އަކީ އައްޑޫ ސިޓީގައި މަސައްކަތްކުރާ އެތްލެޓިކްސް އެސޯސިއޭޝަންގެ ކޯޗެކެވެ. އަހުމަދު ހަސަން އަކީ ސާއިދު ސްޕޯޓްސްގައި މަސައްކަތް ކުރާ ކޯޗެކެވެ. އަދި ޤައުމީ އެތުލެޓިކްސް މުބާރާތްތަކުގައި ވާދަކޮށްފައިވާ ކުރީގެ ގައުމީ ޓީމުގައި ހިމެނުނު އެތްލީޓެކެވެ. ޔަސްމަން ވަނީ އޮކްޓޫބަރުގައި ފުވައްމުލައް ސިޓީގައި ބޭއްވި ޖޫނިއާ އެތްލެޓިކްސް ޗެމްޕިއަންޝިޕްގައިވެސް ބައެއް އެތްލީޓުންނަށް ކޯޗުކޮށްދީފައެވެ.

އަހުމަދު ހަސަންވެސް ވަނީ މިދިޔަމަހު ނިމިގެން ދިޔަ އިންޓަސްކޫލު އެތުލެޓިކްސް މުބާރާތުގައި ވާދަކުރި ބައެއް އެތްލީޓުންނަށް ކޯޗުކޮށްދީފައެވެ.