ޚަބަރު

ރާއްޖޭގެ 4 ސަރަޙައްދެއްގައި ކުރޫޒް ޓާމިނަލްތަކެއް ތަރައްޤީކުރަނީ


  • ގްރީސްގެ ކޮންސަލްޓަންޓަކާއެކު ދަނީ މަސައްކަތް ކުރަމުން

ރާއްޖޭގެ 4 ސަރަޙައްދެއްގެ ކުރޫޒް ލައިނަރތަކަށް ޚިދުމަތް ދިނުމަށްޓަކައި ކުރޫޒް ޓާމިނަލްތަކެއް ތަރައްޤީކުރުމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް އެމްޕީއެލްއިން ނިންމައިފިއެވެ. މި ޓާމިނަލްތައް ތަރައްޤީކުރުމަށް ނިންމާފައިވަނީ އެ ކުންފުނިން އެކުލަވާލި މާސްޓަރ ޕްލޭންގެ ދަށުންނެވެ.

ޕީއެސްއެމް ނިއުސްއިން ގެނެސްދިން "ހަފްތާ 52" ޕްރޮގްރާމްގައި އެމްޕީއެލްގެ ރިސަރޗް އެންޑް ޑިވެލޮޕްމަންޓް ކޮންސަލްޓެންޓް އަނިލް އާދަމް ވިދާޅުވީ އެކުންފުނިން ތައްޔާރުކޮށްފައިވާ ޕްލޭންގައި ރާއްޖޭގެ 4 ސަރަޙައްދެއްގައި ކުރޫޒް ޓާމިންލަތައް ތަރައްޤީކުރުމަށް ހިމަނާފައިވާކަމަށެވެ. އެގޮތުން ޓާމިނަލްތައް ތަރައްޤީކުރުމަށްޓަކައި ގްރީސްގެ ކޮންސަލްޓެންޓެއް ނަގައިގެން އެކަމުގެ ފީސިބިލިޓީތައް ހަދަމުން އަންނަކަމަށެވެ. އަނިލް ވިދާޅުވީ މި މަޝްރޫޢު ކުރިއަށްގެންދާނީ ފަންނީ މީހުންގެ މަޝްވަރާގެ މަތިންކަމަށެވެ.

" ކުރޫޒް ޓަމިނަލްތައް ތަރައްޤީކޮށް ޚިދުމަތް ދިނުމުގެ ޕްލޭން ވަނީ އެކުލަވާލާފައި. މި ޚިދުމަތް ދޭނީ ދެމެހެއްޓެނިވިގޮތަކަށް. އަންނަ އަހަރުގެ ޖެނުއަރީމަހު ފީސިބިލިޓީ ނިންމާލުމަށްފަހު ފުރަތަމަ ކުއަޓާގައި އަމަލީ މަސައްކަތްތައް ފެށޭނެކަމަށް މި ބަލަނީ." އެމްޕީއެލްގެ ރިސަރޗް އެންޑް ޑިވެލޮޕްމަންޓް ކޮންސަލްޓެންޓް އަނިލް އާދަމް ވިދާޅުވިއެވެ.

އެމްޕީއެލްއިން ކުރޫޒް ޓާމިނަލްތައް ތަރައްޤީކުރުމަށް ނިންމާފައި އޮތީ ހއ. އުލިގަމާއި ލ. ފޮނަދޫގެ އިތުރަށް އައްޑޫ ސިޓީ ހިތަދޫގައެވެ.

މީގެއިތުރުން މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމުން އެ ބިން ފަތުރުވެރިކަމަށް ބޭނުންކުރުމުގެ ޕްލޭނެއް އެކުލަވާލާ އެތަނުގައިވެސް އެފަދަ ޓާމިނަލްއެއް ތަރައްޤީކުރުމަށް އެމްޕީއެލްއިން ވަނީ ނިންމާފައެވެ. އަދި އެކަމާ ގުޅޭ ކަންކަމުގައި އިމާރާތް ކުރުމާއި ބިނާރާ ބެހޭ ވުޒާރާއާއެކު މަޝްވަރާކޮށްފައިވާކަމަށްވެސް އެމްޕީއެލްއިން ވިދާޅުވެއެވެ. ހއ. އުލިގަމުގައި މިފަދަ ޓާމިނަލެއް ތަރައްޤީކުރުމަށް އެމްޕީއެލްއިން ވަނީ އެރަށު ކައުންސިލާއެކު އެއްބަސްވުމެއްވެސް އެކުލަވާލާފައެވެ.

ފަތުރުވެރިކަމުގެ ޕީކް ސީޒަނާ ދިމާކޮށް ރާއްޖެއަށް، ކްރޫޒްލައިނާތަކުންނާއި އެނޫންވެސް ގޮތްގޮތުން އަންނަ ފަތުރުވެރިން ގިނައެވެ. މިހާރު މިފަދަ ބޮޑެތި އުޅަނދުތައް ބަނދަރުކޮށްފައި އޮންނަނީ މާލެ ކައިރީގައި ބޭރުގައި ނުވަތަ ރަށްރަށުގައިނަމަ އެރަށެއްގެ ފަޅުން ބޭރުގައެވެ.