ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ރަސްމީދަތުރުފުޅެއްގައި އެމެރިކާއަށް ވަޑައިގެންނެވީ ފަސްޓް ކްލާހުގައި ކަމަށް ބުނެ އަދަދު ނޫހުން ލިޔުނު ޚަބަރާ ގުޅިގެން އެނޫހުން މަޢާފަށް އެދެފިއެވެ.
ރައީސުލްޖުމްހޫރިއްޔާ އެމެރިކާއަށް ކުރެއްވި ދަތުރުފުޅަކީ އެކުވެރި ދައުލަތްތަކުގެ އާންމު މަޖިލީހުގެ 79 ވަނަ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށް ކުރެއްވި ދަތުރުފުޅެކެވެ. މިދަތުރުފުޅު އެމަނިކުފާނު ކުރެއްވީ ސެޕްޓެމްބަރު މަހުގެ 20 އިން 29އަށެވެ.
މިދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ، އދ.ގެ އާންމު މަޖިލީހުގެ 79 ވަނަ ބައްދަލުވުމުގައާއި، އދ.ގެ ސަލާމަތީ މަޖިލީހުގައި ތަޤުރީރު ކުރައްވާފައެވެ. މިއީ ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ މަގާމުގައި ހުންނެވި ބޭފުޅަކު، އދ.ގެ ސަލާމަތީ މަޖިލީހުގައި ތަޤުރީރު ކުރެއްވި ފުރަތަމަ ފަހަރެވެ.
މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާގެ މިދަތުރުފުޅުގައި އެމަނިކުފާނުވަނީ މުހިންމު މައުޟޫޢުތަކަށް ގިނަ ތަޤުރީރުތަކެއް ދެއްވާފައެވެ. އަދި އދ.ގެ އާންމު މަޖިލީހުގެ 79 ވަނަ ބައްދަލުވުމުގެ ހަވާސާގައި ކުރިއަށްދިޔަ މުހިންމު ބައެއް ބައްދަލުވުންތަކުގެ ރިޔާސަތުގައި ކޯ-ޗެއާއެއްގެ ހައިސިއްޔަތުންވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ އިސް ދައުރެއް އަދާކުރައްވާފައެވެ.
ރައީސުލްޖުމްހޫރިއްޔާގެ މިދަތުރުފުޅުގައިވަނީ އދ.ގެ އާންމު މަޖިލީހުގެ 79 ވަނަ ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގެންނެވި އެކި ވަފުދުތަކުގެ އިސްވެރިންނާ ބައްދަލު ކުރައްވާ، ދޭދޭ މަޝްވަރާތައްވެސް ކުރިއަށް ގެންދަވާފައެވެ. އަދި ނިއުޔޯކްގައި ދިރިއުޅެމުންދާ ދިވެހިންނާވެސް އެމަނިކުފާނު ވަނީ ބައްދަލު ކުރައްވާފައެވެ.
މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާ ވަނީ ޕްރިންސްޓަން ޔުނިވަރސިޓީގެ ޕްރިންސްޓަން ސްކޫލް އޮފް ޕަބްލިކް އެންޑް އިންޓަރނޭޝަނަލް އެފެއަރޒްގައި ތަޤުރީރު ކުރައްވާފައެވެ. އަދި އެމަނިކުފާނު ވަނީ، ނިއުޔޯކްގައި ހުންނަ ގޫގްލްގެ އޮފީހަށްވެސް ޒިޔާރަތް ކުރައްވާފައެވެ.
ކުށެއްގެ އިސްލާހު: ނޮވެމްބަރު 30، 2024
— Adhadhu (@AdhadhuMV) November 30, 2024
ރައީސް ޑރ. މުހައްމަދު މުއިއްޒު ރަސްމީ ދަތުރެއްގައި އެމެރިކާއަށް ވަޑައިގެންނެވީ ފަސްޓް ކްލާހުގައި ކަމަށް މިއަދު މި ނޫހުގައި ލިޔުނު ހަބަރެއްގައި ލިޔެވުނީ މައުލޫމާތުގެ ކުށަކުންނެވެ. ވައުދުވެވަޑައިގެންފައިވާ ގޮތަށް އެމަނިކުފާނު ދަތުރު ކުރައްވަނީ…
ރައީސުލްޖުމްހޫރިއްޔާގެ މިދަތުރުފުޅާ ގުޅިގެން އަދަދު ނޫހުގައި މިއަދު ޝާޢިޢުކުރި ޚަބަރެއްގައިވަނީ އެމަނިކުފާނު އެމެރިކާއަށް ވަޑައިގެންނެވީ ފަސްޓް ކުލާހުގައިކަމަށެވެ. ނަމަވެސް ފަހުންވަނީ މިޚަބަރު ނޫހުންނަގާފައެވެ. އަދި މިކަމާ ގުޅިގެން އެނޫހުން ކުރި ސޯޝަލް މީޑިއާގައި ހިއްސާ ކުރި ޕޯސްޓެއްގައިވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒު ރަސްމީ ދަތުރެއްގައި އެމެރިކާއަށް ވަޑައިގެންނެވީ ފަސްޓް ކްލާހުގައި ކަމަށް މިއަދު އެނޫހުގައި ލިޔުނު ޚަބަރެއްގައި ލިޔެވުނީ މައުލޫމާތުގެ ކުށަކުންކަމަށެވެ.
އަދި ރައީސުލްޖުމްހޫރިއްޔާ ވައުދުވެވަޑައިގެންފައިވާ ގޮތަށް އެމަނިކުފާނު ދަތުރު ކުރައްވަނީ ބިޒްނަސް ކްލާހުގައި ކަމަށާއި، އެމެރިކާއަށް ވަޑައިގެންނެވީ ވެސް ބިޒްނަސް ކްލާހުގައި ކަމަށެވެ. އެހެންކަމުން އެޚަބަރު ނޫހުން ނަގާ މިކަމަށް ކިޔުންތެރިންގެ ކިބައިން މަޢާފަށްވެސް އަދަދު ނޫހުންވަނީ އެދިފައެވެ.