އެމެރިކާއާއި ސަޢޫދީ ޢަރަބިއްޔާއާ ދެމެދު ދިފާޢީ އެއްބަސްވުމެއް އެކުލަވައިލަން ކުރަމުން ދިޔަ މަސައްކަތްތައް ސަޢޫދީ ޢަރަބިއްޔާއިން އިސްވެ މެދުކަނޑައިލައިފިއެވެ. ދިފާޢީ އެއްބަސްވުމެއް އެކުލަވައިލުމުގެ ބަދަލުގައި ސަޢޫދީ ޢަރަބިއްޔާއާއި އެމެރިކާއިން މި ވަގުތު މަޝްވަރާ ކުރަމުން ދަނީ ދެ ޤައުމުގެ ދެމެދުގައި އަސްކަރީ ދާއިރާއިން ގުޅުން ބަދަހި ކުރުމުގެ އެއްބަސްވުމެއް އެކުލަވައިލުމަށެވެ. މި ކަން ހާމަކޮށްފައި ވަނީ ސަޢޫދީ ޢަރަބިއްޔާއާއި ހުޅަނގުގެ މަޞްދަރުތަކުންނެވެ.
ސަޢޫދީ ޢަރަބިއްޔާއާ އެކު ދިފާޢީ އިއްތިޙާދެއް ޤާއިމުކޮށް އެއްބަސްވުމެއް އެކުލަވައިލުމަށް އެމެރިކާއިން ހުށަހަޅާފައިވާ ޝަރުޠުތަކުގެ ތެރޭގައި ޒަޔަނިސްޓު އިސްރާއީލުގެ ދައުލަތް ބަލަގަތުން ހިމެނެއެވެ. ނަމަވެސް، ފަލަސްޠީނުގެ ޣައްޒާގެ މުސްލިމުންގެ ނަސްލުހޭދު ކުރަން ޔަހޫދީ ފައުޖުން ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކާއި، ސަޢޫދީ ޢަރަބިއްޔާގެ ޢާންމު ރައްޔިތުންގެ އިހުސާސްތައް ބަލައިގަތުމުގެ ގޮތުން ސަޢޫދީ ސަރުކާރުން އެ ކަން ކޮށްފައެއް ނެތެވެ.
ސަޢޫދީ ޢަރަބިއްޔާއިން ޒަޔަނިސްޓު އިސްރާއީލާ އެކު ސިޔާސީ ގުޅުން ޤާއިމު ކުރުވުމަށް މަސައްކަތް، އެ ކަމަށް ބާރު އަޅަމުން ދަނީ އެމެރިކާއިންނެވެ. އެމެރިކާއަކީ ޔަހޫދީންގެ އެންމެ ބޮޑު މަދަދުގާރެވެ. އިސްރާއީލަކީ މިނިވަން ދައުލަތެއްގެ ގޮތުގައި ބަލައިގަނެ، ޔަހޫދީންނާ އެކު ސިޔާސީ ގުޅުން ޤާއިމު ކުރާނީ ފަލަސްޠީނުގެ މިނިވަން ދައުލަތެއް ޤާއިމު ކޮށްދިނުމުން ކަމަށް ހުށަހަޅައި، ސަޢޫދީ ޢަރަބިއްޔާއިން ވަނީ ޝަރުޠު ކޮށްފައެވެ.
ނަމަވެސް، އެމެރިކާގެ ފިއްތުންތަކާއި ބާރުއެޅުމަށް ބޯލަނބައި، ސަޢޫދީ ޢަރަބިއްޔާއިން މީގެ ކުރިން ވަނީ އެ ޝަރުޠު ލުއިކޮށްދީފައެވެ. އަދި، ސިޔާސަތު ބަދަލުކޮށް، ފަލަސްޠީނުގެ މިިނިވަން ކަން ކަށަވަރު ކޮށްދޭނެ ކަމުގައި ޒަޔަނިސްޓުން ފާޅުގައި ވަޢުދުވެއްޖެ ނަމަ، އިސްރާއީލާ އެކު ގުޅުން ބަދަހި ކުރަން ތައްޔާރަށް އޮތް ކަން ސަޢޫދީ ޢަރަބިއްޔާއިން ވަނީ ހާމަކޮށްފައެވެ.
ނަމަވެސް، ސަޢޫދީ ޢަރަބިއްޔާގެ ޢާންމު ރައްޔިތުންގެ ހިތްތަކުގައި ޔަހޫދީންނާ މެދު އުފެދިފައިވާ ނަަފުރަތާއި ރުޅިވެރިކަން ބަލަގަނެ، ފަލަސްޠީނުގެ މިނިވަން ދަޢުލަތެއް ޤާއިމު ކުރުމުގެ ގޮތުން ހަރުދަނާ ފިޔަވަޅުތަކެއް އެޅުމަށް ސަޢޫދީ ޢަރަބިއްޔާގެ ވަލީއަޙުދު މުޙައްމަދު ބިން ސަލްމާން އަނެއްކާ ވެސް މި ވަނީ ޝަރުޠު ކުރައްވާފައެވެ. ޒަޔަނިސްޓުން އެ ފަދަ ފިޔަވަޅުތަކެއް ނާޅައިފި ނަމަ، އިސްރާއީލަކީ މިިނިވަން ދައުލަތެއްގެ ގޮތުގައި ބަލައިގަނެ، ޔަހޫދީންނާ އެކު ސިޔާސީ ގުޅުން ޤާއިމު ކުރަން އޭނާ ވަނީ ދެކޮޅު ހައްދަވާފައެވެ.
ޢަރަބި ދުނިޔޭގައި އެންމެ ބާރުގަަދަ ޤައުމުގެ ގޮތުގައި ބެލެވޭ ސަޢޫދީ ޢަރަބިއްޔާއާ ސިޔާސީ ގުޅުން ޤާއިމު ކުރުމަށް ޒަޔަނިސްޓު އިސްރާއީލުގެ ހައްދުފަހަނަ އެޅި ބޮޑުވަޒީރު ބެންޖަމިން ނަތަންުޔާހޫ ބޭނުންވެއެވެ. ނަމަވެސް، ފަލަސްޠީނުގެ މިނިވަން ދައުލަތެއް ޤާއިމު ކޮށްދިނުމަކީ އޭނާ ބޭނުންވާ ކަމެއް ނޫނެވެ. އަދި، އެ ކަމަށް ހުރަސް އެޅެން އޮތް ހުރިހާ ފިޔަވަޅެއް އޭނާ ދަނީ އަޅަމުންނެވެ. ފަލަސްޠީނަށް މިނިވަންކަން ހޯދައިދޭން ނިންމައިފި ނަމަ، އޭނާގެ ހައްދުފަހަނަ އެޅި ސަރުކާރު ވެއްޓޭނެ ކަން އޭނާއަށް ކަށަވަރުވެއެވެ.
މި މައްސަލައިގައި އުފެދިފައިވާ ދެބަސްވުންތަކާ ގުޅިގެން އެމެރިކާއާއި ސަޢޫދީ ޢަރަބިއްޔާއާ ދެމެދު ދިފާޢީ އެއްބަސްވުމެއް އެކުލަވައިލުމަށް ކުރަމުން ދިޔަ މަސައްކަތްތަކަށް މި ވަނީ ނިމުމެއް އައިސްފައެވެ. ނަމަވެސް، ރިޔާޟާއި ވޮޝިންގޓަނުން މިހާރު މަސައްކަތް ކުރަމުން ދަނީ، އެމެރިކާގެ ރައީސް ޖޯ ބައިޑަންގެ ރިޔާސީ ދައުރު ނިމުމުގެ ކުރިން ދެ ޤައުމުގެ މެދުގައި އަސްކަރީ ދާއިރާއިން ގުޅުން ބަދަހި ކުރުމަށް އައު އެއްބަސްވުމެއް އެކުލަވައިލުމަށެވެ. އަދި، އެމެރިކާގެ އިންތިޚާބީ-ރައީސް ޑޮނަލްޑް ޓްރަމްޕް، 2025 ޖަނަވަރީ 20ވަނަ ދުވަހު އެމެރިކާގެ ރިޔާސަތާ ޙަވާލުވެ ވަޑައިގެންނެވުމުގެ ކުރިން އެއްބަސްވުމެއްގައި ސޮއި ކުރުމަށް ދެ ފަރާތުން ދަނީ މަސައްކަތް ކުރަމުންނެވެ.
ދެ ޤައުމުގެ ދެމެދުގައި ދިފާޢީ އެއްބަސްވުމެއް އެކުލަވައިލައިފި ނަމަ، އެ އެއްބަސްވުމަކަށް ޤާނޫނު ހަދާ މަޖިލިސް، ކޮންގްރެސްގެ މަތިގެ، ސެނެޓުގެ ރުހުން ހޯދަން ޖެހޭނެއެވެ. ސެނެޓުން އެ ފަދަ އެއްބަސްވުމަކަށް ރުހުން ދޭނެ ޝަރުޠުތަކުގެ ތެރޭގައި ސަޢޫދީ ޢަރަބިއްޔާއިން ޒަޔަނިސްޓުންގެ ދައުލަތުގެ މިނިވަން ކަން ބަލައިގަތުން ހިމެނެއެވެ.
ދެ ޤައުމުގެ ދެމެދުގައި މިހާރު މަޝްވަރާ ކުރަމުންދާ އަސްކަރީ އެއްބަސްވުމުގެ ދަށުން، ދެ ޤައުމުގެ އަސްކަރިއްޔާއިން ގުޅިގެން އަސްކަރީ ތަމްރީނުތައް ބާއްވާނެއެވެ. އަދި، ދެ ޤައުމުގެ އަސްކަރީ ދާއިރާގައި ހަރަކާތްތެރިވާ ކުންފުނިތަކުގެ މެދުގައި ގުޅުން ބަދަހި ކުރެވޭނެއެވެ. އަދި، މެދުއިރުމަތީގެ މައި ބާރެއްގެ ގޮތުގައި ބެލެވޭ އީރާނުގެ އިތުރުން ޗައިނާއާ ދެކޮޅަށް ދެ ޤައުމުން ގުޅިގެން މަސައްކަތް ކުރާނެއެވެ.
މިހާރު މަޝްވަރާ ކުރަމުންދާ އެއްބަސްވުމާ އެކު އަސްކަރީ ދާއިރާއަށް ސަޢޫދީ ޢަރަބިއްޔާއިން ކުރާ އިންވެސްޓްމެންޓުތައް އިތުރު ކުރެވޭނެއެވެ. އަދި ޚާއްޞަ ގޮތެއްގައި، ދިފާޢީ ޑްރޯން އުފެއްދުމުގެ ދާއިރާ އިތުރަށް ފުޅާ ކުރެވޭނެއެވެ. މީގެ އިތުރުން، ސަޢޫދީ ޢަރަބިއްޔާގައި ޤާއިމު ކޮށްފައި ތިބި އެމެރިކާ ސިފައިންގެ އަދަދު އިތުރުކޮށް، ލޮޖިސްޓިކްސް އަދި ސައިބަރ ސެކިޔުރިޓީގެ ދާއިރާއިން ދެ ޤައުމުގެ ދެމެދުގައި ގުޅުންތައް ހަރުދަނާ ކުރެވޭނެއެވެ. އެމެރިކާއިން އުފައްދާ ޕޭޓްރިޔަޓް މަރުކާގެ ވައިގެ ދިފާޢީ ނިޒާމެއް ސަޢޫދީ ޢަރަބިއްޔާގައި ޤާއިމު ކުރުމާ ގުޅޭ ގޮތުން ވެސް ދެ ޤައުމުގެ ދެމެދުގައި ދަނީ މަޝްވަރާ ކުރަމުންނެވެ.