ތަޢުލީމު

ހިތާދޫ ސްކޫލުގައި އިތުރު 6 ކްލާސްރޫމް ޢިމާރާތްކުރަނީ


މާޅޮސްމަޑުލު ދެކުނުބުރީ ހިތާދޫ ސްކޫލުގައި ޢިމާރާތްކުރެއްވުމަށް ހަމަޖެހިފައިވާ ދެ ބުރީގެ 6 ކްލާސްރޫމްގެ މަސައްކަތް، ވީ އަވަރ އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑާ ޙަވާލުކުރައްވައިފިއެވެ. 

މިކަމަށްޓަކައި މިއަދު ވެލާނާގޭގައި ބޭއްވެވި ރަސްމިއްޔާތުގައި އެޑިއުކޭޝަން މިނިސްޓްރީގެ ފަރާތުން ސޮއިކުރުމަށްފަހު ސްޓޭޓް މިނިސްޓަރ އަޙްމަދު ޝަފީޢު ވިދާޅުވީ މި ޙަވާލުކުރެވުނު މަސައްކަތް 273 ދުވަހުގެ ތެރޭގައި ނިންމާ މިނިސްޓްރީއާ ޙަވާލުކުރަންޖެހޭނެ ކަމަށާއި މި މަސައްކަތް ނިމުމުން ހިތާދޫ ސްކޫލަށް ދިމާވެފައިވާ ޖާގައިގެ ދަތިކަމަށް ޙައްލެއް ލިބިގެންދާނެ ކަމަށެވެ. 

މި މަސައްކަތަކީ ދިވެހި ސަރުކާރާއި ވޯލްޑް ބޭންކުގެ ހިލޭ އެހީގެ ދަށުން ކުރިއަށް ގެންދެވޭ މަސައްކަތެއްކަމަށް ޝަފީޢު ވިދާޅުވިއެވެ. ޝަފީޢު ވިދާޅުވީ ވޯލްޑް ބޭންކްގެ ހިލޭ އެހީގެ ދަށުން ތޭރަ ޕްރޮޖެކްޓެއްގެ މަސައްކަތަށް ފައިސާ ލިބިފައިވާ ކަމަށާއި އޭގެތެރެއިން ނުވަ ޕްރޮޖެކްޓެއްގެ މަސައްކަތް މިހާރުވެސް ސްކޫލްތަކުގައި ކުރެވެމުންދާ ކަމަށެވެ. ބާކީ އޮތް 3 ޕްރޮޖެކްޓް އިޢުލާނުކުރައްވައި، އެވޯޑްކުރެއްވުމުގެ މަސައްކަތްވެސް ކުރިއަށްދާކަން އޭނާ ފާހަގަކުރެއްވިއެވެ.