ޚަބަރު

ސިޓީ އާއި ލިވަޕޫލް ބައްދަލުކުރާ މެޗުގައި ކޮނާޓޭއަށް ނުކުޅެވިދާނެ


ޕްރިމިއަރ ލީގުގައި މާދަމާ މެންޗެސްޓަރ ސިޓީއާ ދެކޮޅަށް ލިވަޕޫލް ކުޅުމަށް ހަމަޖެހިފައިވާ މެޗުގައި އަނިޔާގެ ސަބަބުން އެ ޓީމުގެ ފްރާންސް ޑިފެންޑަރު، އިބްރާހިމާ ކޮނާޓޭ އަށް ނުކުޅެވިދާނެ ކަމަށް ފަހުގެ މީޑިއާ ރިޕޯޓްތައް ބުނެފިއެވެ.

އުމުރުން 25 އަހަރުގެ ކޮނާޓޭ އަށް އަނިޔާވީ، ޔުއެފާ ޗެމްޕިއަންސް ލީގުގައި މިދިޔަ ބުދަ ދުވަހުގެ ރޭ ސްޕެއިނުގެ ރެއާލް މެޑްރިޑް އަތުން 0-2 އިން ލިވަޕޫލް މޮޅުވި މެޗުގައެވެ.

އެކަމަކު، މި ހަފްތާގެ ހުކުރު ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކޮނާޓޭ އަށް ސިޓީއާ ދެކޮޅަށް ނުކުޅެވިދާނެ ކަމަށް ކަނޑައެޅިގެން ލިވަޕޫލްގެ ކޯޗު، އާނެ ސްލޮޓް ބުނެފައިނުވީނަމަވެސް، އޭގެފަހުން ސޯޝަލް މީޑިއާ މެދުވެރިކޮށް ކޮނާޓޭ ވަނީ އަނިޔާގެ ސަބަބުން ނުކުޅެވޭނެކަން ދޭހަވާ ގޮތަށް ޕޯސްޓެއްކޮށްފައެވެ.

"ބުދަ ދުވަހުގެ ރޭ ކުޅުނު ވަރަށް ފުރިހަމަ މެޗެއްގެ އެންމެ ފަހު ވަގުތުގައި މި އަނިޔާ ލިބުނީތީ ވަރަށް ބޮޑަށް ހިތާމަކުރަން،" އިންސްޓަގްރާމްގައި ކޮނާޓޭ ލިޔެފައިވެއެވެ.

"މިހާރު ރިކަވަރީގެ މަސައްކަތް ފަށައިފިން. އަހަރެންނަށް ވީ އެންމެ ރަނގަޅަށް އެނބުރި އަންނާނަން." ކޮނާޓޭ ބުންޏެވެ.

ކޮނާޓޭގެ ޕޯސްޓްގައި ވަނީ، ރެއާލާ ދެކޮޅަށް އެންފީލްޑްގައި ލިވަޕޫލްގެ ސަޕޯޓަރުންގެ ފަރާތުން ދިން ތަރުހީބަށް ޝުކުރު އަދާކޮށްފައެވެ. އަދ، އިރާދަކުރެއްވިއްޔާ އެ ޓީމުން އެންމެ ރަނގަޅަށް ކުރިޔަށްދާނެ ކަމަށާއި، އެ ކްލަބުން ނަގާ ކޮންމެ ފިޔަވަޅެއްގައި ވެސް ފުރިހަމަ އަށް ސަޕޯޓްކުރާނެ ކަމަށް ވެސް ކޮނާޓޭ ބުނެފައިވެއެވެ.

ކޮނާޓޭ އަކީ މި ފަހަރުގެ ސީޒަނުގެ ލީގުގައި ލިވަޕޫލް ކުޅުނު 12 މެޗުގެ ތެރެއިން 11 މެޗުގައި އެ ޓީމުގެ ފުރަތަމަ އެގާރައިގައި ހިމެނިގެން އެ ޓީމުގެ ކެޕްޓަން، ވާޖިލް ވެން ޑައިކް އާއެކު ޑިފެންސްގައި ވަރަށް ފުރިހަމަ ޕާޓްނާޝިޕެއް ދައްކުވައިދީފައިވާ ކުޅުންތެރިއެކެވެ.

އެކަމަކު، ކޮނާޓޭ އަށް ލިބިފައިވާ އަނިޔާއިން ރަނގަޅުވަންދެން ލިވަޕޫލްގެ ޑިފެންސްގައި ވެން ޑައިކް އާއެކު ކޯޗު، ސްލޮޓް ބޭނުންކުރާނެ ކަމަށް ބެލެވެނީ، ޖޯ ގޯމޭޒް ނުވަތަ ޖަރެލް ކުއަންސާ އެވެ. މި ދެ ކުޅުންތެރިން ވެސް މީގެކުރީން ވަނީ ރިޒާވް ކުޅުންތެރިންގެ ގޮތުގައި ރަނގަޅު ކުޅުމެއް ދައްކާފައެވެ.

ލީގުގައި މިހާތަނަށް ކުޅުނު 12 މެޗަށްފަހު ލިވަޕޫލް އެއްވަނައިގައި އޮތީ އަށް ޕޮއިންޓްގެ ލީޑަކާއެކު، 31 ޕޮއިންޓް ހަމަކޮށްގެންނެވެ. ލިވަޕޫލަށް ދެން އޮތީ ދެވަނައިގައި އުޅޭ އެންމެ ފަހުގެ ޗެމްޕިއަން، ސިޓީއާ ދެކޮޅަށް ކުޅެން ޖެހޭ މެޗެވެ. މި މެޗު ފަށާނީ އާދީއްތަ ދުވަހުގެ ރޭގަނޑު ރާއްޖޭގަޑިން ނުވައެއް ޖަހާއިރު އެވެ.